އެ ހަޤީޤަތް

ވަފާ ހާލު ކިހިނެއްތަ؟ ކިހިނެއް ވެފަ ތިއިނީ. ކޮބާ މަންމަމެން. އަޒީމް ވަފާ އާއި އެތައް ސުވާލެއް ކުރި ނަމަވެސް ވަފާ އަގަޔަކުން ނުބުނެއެވެ. ވާހަކައެއް ނުދެއްކިއެވެ. ރަށުގެ އަތިރިމަތީ ފަރާތުގައި ހުރި ޖޯލިފައްޗެއްގައި އޮށޯވެލައިގެން އުމުރުން 20 އަހަރުގެ ވަފާ ވިސްނަމުންދަނީ ކޮންކަމާކަމެއް ހުދު އަޒީމް ވިސްނާ ވިސްނާވެސް ނޭގުނެވެ.

އަޒީމް އަކީ ވެސް ވަފާއާއި އެއްފުރައިގެ ލާނެއް ކުއްޖެކެވެ. ކުޑައިރުއްސުރެން ފެށިގެންވެސް ވަފާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި މިހާރު ވަފާގެ ލޯބިވެރިޔާއެވެ. ކުރިން އަބަދުވެސް ދެމީހުން އެކުގައި ހީސަމާސާކޮށް ހަދައެވެ. ނަމަވެސް މިއަދު ވަފާއަށް މިވީ ކިހިނެއް ކަމެއް ހުދު އާޒިމް އަކަށްވެސް ބުނެދޭކަށެއް ނޭގެއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެކެވެ. ވަފާ ރަށުގެ މިސްކިތުވަޅުން ފެންބަނޑިޔަލެއް ބޮލަށް ލައިގެން ދަނިކޮށް އަޒީމްއަށް ފެނުނެވެ. ވަގުތުންގޮސް ވަފާ އާއި އަރާ ހަމަކުރިއެވެ. އަދި ވަފާގެ އަތުގައި ހިފާލުމަށްފަހު މަޑުކޮށްލައި ދިނުމަށް އެދުނެވެ. ނަމަވެސް ވަފާ ގެ އަތުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. އެވަގުތު އަޒީމް އެދުނެވެ.

މިރޭ އަހަންނާ މީޓް ކުރެވިދާނެތަ؟

ވަފާ އާއެކޭ ބުނުގެ ގޮތުން ބޯ ޖަހާލިއެވެ.

އަޒީމް ބުންޏެވެ. މިރޭ 9 ޖަހާއިރު  ރަށުގެ އަތިރިމަތި ފަރާތު ޖޯލިފަށްޗަށް އަންނާށެވެ. އަހަރެން އިންތިޒާރު ކުރާނަމެވެ. މިހެން ބުނެފައި އަޒީމް ދިއުމުން ވަފާ ގެއާއި ދިމާލަށް ހިނގައިގަތެވެ.

ރޭގަނޑުގެ ހަމަހިމޭންކަމުގެ ވަގުތެވެ. ގަޑިން 9 ޖެހިއިރު އައިޝާ ޖޯލިފައްޗާއި ދިމާލަށް އަންނަތަން ފެނުނެވެ. އަޒީމް އިންތިޒާރުގައި ޖޯލިފަތި ކައިރީގައި ހުއްޓެވެ. އަދި ވަފާ އައުމުން ދެމީހުން އެކުގައި ގޮސް ޖޯލިފަތީގައި އިށީނެވެ. އެވަގުތު އާޒިމް ވާހަކަދައްކަން ފެށިއެވެ. ވަފާ ކަމެއް ސިއްރުކުރާހެން އެބަހީވޭ.

ވަފާ: އިސްޖަހާލައިގެން މަޑުމަޑުން އިނުމުން އަނެއްކާވެސް އަޒީމް ބުންޏެވެ.

ވަފާ ކަމެއް ގޯސްވީތަ؟ އަޅެ ޕްލީސް މަށަށް ކިޔައިދީބަލަ!

މިހެން ބުނުމުން ވަފާ ވަރަށް ދެރަވެފައި ލަދުން ހުރެ ވާހަކަ ދައްކަން ފެށިއެވެ. އަޒީމް އަހަރެން އެއްވެސްކަމެއް އަޒީމް އަކަށް ސިއްރު ކުރާކަށް ބޭނުމެއް ނޫން. އެކަމަކު މިވާހަކަ ދައްކަން ލަދުވެސް ގަނޭ… ނަމަވެސް އަޑު އަހާށެވެ. އަހަރެންނަށް މިކަންތައް ދިމާވިއިރު އަޒީމް ހުރީ ރާއްޖެއިން ބޭރުގައި ކިޔަވަންގޮސް. އެވޭތުވެ ދިޔަ ފަސް އަހަރު އަހަރެން މަންމަމެންގެ އެދުމުގެ މަތިން އޮފީހަކުން ވަޒީފާއެއް ހޯދިން.

އަހަރެން އެއޮފީހަށް ދިޔަ ފުރަތަމަ ދުވަހަކީ އެއޮފީހުގެ ވެރިމީހާ އަހަރެންނަށް ވަރަށް ހޫނު މަރުހަބާއެއް ކީ ދުވަހެކެވެ. ނަމަވެސް އެ އޮފީހުގެ މުވައްޒަފުންގެ ތެރެއިން ފަރީދާ އަކީ ކުރިންވެސް އަހަރެން ދަންނަ ވަރަށް ހިތްހެޔޮ ކުއްޖެކެވެ. އެދުވަހު އޮފީހުގައި މާގިނަ މަސައްކަތްތަކެއް ނުކުރި ނަމަވެސް އެދުވަހަކީ އަހަރެންގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަހެކެވެ. ރަނގަޅު އޮފީހަކަށް ވަދެވުނީމައެވެ. އޮފީހުގެ ވެރިމީހާވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެން މަސައްކަތް ކުރަނީ އެއޮފީހުގެ މާކެޓިންގ ޑިޕާޓްމަންޓްގައެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އޮފީހުގެ ވެރިމީހާގެ ސެކެޓްރީއަކަށް އަހަރެން ބަދަލުކޮށްފިއެވެ. އެދުވަހުން ފެށިގެން އަހަރެން މަސައްކަތް ކުރަމުން ދިޔައީ ވެރިމީހާގެ ކައިރީގައެވެ. އޭނާގެ މަސައްކަތުގައެވެ. މިކަމާއި އޮފީހުގައި އުޅޭ ބައެއް މުވައްޒަފުން ދިމާކޮށްވެސް ހަދައެވެ. މިގޮތުން އެއްދުވަހަކު އަހަރެން ވެރިމީހާގެ އޮފީހުން ނިކުންނަނިކޮށް ހަނީފް އަހަރެން ހުއްޓުވިއެވެ. އަދި ބުންޏެވެ.

ހަނީފް: އާނ. އެންމެ ފަހުން ބޮސް ގެ އޮފީހުގަދޯ.

ނަޒީފް: އެހެންނު ވާނީ ބޮސްވެސް ބޭނުންވާނީ ރީތި ކުދިންވިއްޔާ!

ވަފާ: ހުނ. ވަރަށް ފޫހިވޭ..

މިހެން ބުނެ އަހަރެން ހިނގައިގަތީމެވެ. އަހަރެން ވެރިމީހާގެ (ބޮސް ގެ)  އޮފީހަށް ބަދަލުވުމުން އޮފީހުގެ ގިނަ ކުދިން އަހަރެންނާއި ހިތްހަމަ ނުޖެހޭކަން އަހަރެންނަށް އިހުސާސް ކުރެވެއެވެ. އެއީ ކުރިން އޮފީސް ކުދިންނަކީ އަހަރެންނާއި ވާހަކަ ދައްކާ ހީސަމާސާކޮށް ހަދާ ކުދިންނެވެ. ނަމަވެސް މިއަދު މި ބަދަލު އައީ ކީއްވެގެން ހެއްޔެވެ. އަހަރެން އޮފީސްތެރެއިން ފެނުމުން ހަމައެކަނި އަހަރެންނާއި ދިމާކުރަނީ ފިރިހެން ކުދިން އެކަންޏެއް ނޫނެވެ. އޮފީހުގެ އަންހެން ކުދިންވެސް ހަމަ މިގޮތެވެ.

ކުރިން ފަރީދާވެސް ވަރަށް ރަނގަޅެވެ. ނަމަވެސް ފަރީދާވެސް މިހާރު އަހަރެންނާއި ދުރުވެއްޖެކަމުގެ އިހްސާސް އަހަރެންނަށް ކުރެވެއެވެ. ސަބަބަކީ ކޮބައިކަން ވިސްނާ ވިސްނާވެސް އަހަރެންނަކަށް ނޭގެއެވެ. އެއްވެސް މުވައްޒަފަކު ސަބަބެއް އޮޅުން ފިލުވައެއް ނުދެއެވެ. އެމީހުންގެ ކަމަކީ އަހަރެންނާއި ފުރައްސާރަ ކުރުމާއި ދިމާކޮށް ބަލާމަތް ކުރުމެވެ. އަހަރެންގެ ވެރިމީހާއާއި އަހަރެންނާއި އަޅުވައިކިޔައިގެން ޒާތްޒާތުގެ ވާހަކަ ފެތުރުމެވެ.

މިގޮތުން އެއްދުވަހެއްގެ ހެނދުނު އަހަރެން އޮފީހުގައި އުޅެނިކޮށް ވެރިމީހާ އަހަރެންނަށް ފޯން ކުރިއެވެ. އަދި އޭނާއަށް މިއަދު އޮފީހަށް ނާދެވޭނެކަމާއި ، ބައްދަލުވުމެއްގައި ރިސޯޓެއްގައި ހުރިކަމަށް ބުންޏެވެ. އަދި ދެވޭވަރުވާނީ މިރޭ 9 ޖަހާއިރުކަމާއި، އެގަޑިއަށް އޮފީހަށް އައިސް ދިނުމަށް އަހަރެންގެ ކައިރީ އެދުނެވެ. އަދި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަކަމަށްވެސް ބުނެ ވެރިމީހާ ބުންޏެވެ.

މިހެން ބުނުމުން އަހަރެން އޮފީހުގައި ކުރަން ހުރި މަސައްކަތްތައްކޮށް ނިންމާލުމަށްފަހު އަވަހަށް ގެއަށް ދިޔައީމެވެ. އަދި ގޭގައި ކުރަންހުރި މަސައްކަތްތައް ނިންމާލުމަށްފަހު މަންމަ ގާތު އަހަރެން މިރޭ އޮފީހަށް ދާންޖެހޭ ވާހަކަ ބުނީމެވެ. އަހަރެން މިހެން ބުނުމުން މަންމަ ވަރަށް ހައިރާންވިއެވެ. އެއީ އަހަރެންނަކީ އޮފީހަށް ވަނީއްސުރެވެސް އަދި އޭގެ ކުރިންވެސް ރޭގަނޑު މާބޮޑަށް ބޭރަށްގޮސް ހަދާ ކުއްޖަކަށް ނުވާތީއެވެ.

މަންމަގެ ހައިރާންވުމާއެކު އަހަރެން ވަރަށް ގިނައިރު ވަންދެން މަންމަގާތު އޮފީހުގެ ވާހަކަތައް ދައްކަން އިނީމެވެ. އަދި އޮފީހުގެ ވެރިމީހާގެ ސެކެޓްރީއަކަށް ބަދަލުވުމާއެކު އޮފީހުގެ މުވައްޒަފުން ގުޅުން ވަރަށް ކުޑަކަމަށްވެސް ބުނީމެވެ. އަދި އޮފީހަށް ދާންވެސް މިހާރު ފޫހިވާކަމަށް ބުނީމެވެ. މިހެން ބުނުމުން މަންމަ ބުންޏެވެ.

މަންމަ: ދަރިފުޅާ! އޮފީހަށް ދާންވާނެ.. ދަރިފުޅު ބޮސްގެ ސެކެޓްރީއަކަށްވީމަ މިއަދު މަންމަ ވަރަށް އުފާވޭ.. އަސްލު އޮފީސް އެހެން ކުދިންވެސް ހަސަދަވަނީ ތިކަމާހެން މަންމައަށް ހީވަނީ..

ވަފާ: މަންމާ! އަސްލު ބޮސް ވަރަށް ރަނގަޅު. ހަމަގައިމުވެސް އަހަރެންނަކަށް ގޯހެއް ނޫން.. ދެން ނޭގެ އެހެން ކުދިން އަހަރެން ދެކެ ރުޅި އަންނަންވީކަމެއް.

މަންމަ: ދަރިފުޅާ! އަޅާ ނުލާ! މިހާރު އެއޮއްގެން 8 ޖެހީ.  ދޭ ތައްޔާރުވެގެން އޮފީހަށް.

މަންމަ މިހެން ބުނުމުން ވަފާ އަވަހަށް ތައްޔާރުވެގެން އޮފީހަށް ދިޔައެވެ. އޮފީހަށް ވަތްއިރު ވެރިމީހާ އޮފީހުގައި އުޅެއެވެ. އޭނަޔަށް އަހަރެން ފެނުމާއެކު އޭނަގެ އޮފީހަށް ވަނުމަށް އިޝާރަތް ކުރިއެވެ. އަދި ދަތުރުގެ މަޖާ ވާހަކަ ދައްކައި ވެސް ހެދިއެވެ. އަދި މި ދަތުރާއި ބެހޭގޮތުން ޔައުމިއްޔާއެއް ތައްޔާރުކުރުމަށް އެންގިއެވެ.

އަހަރެން ޔައުމިއްޔާ ތައްޔާރުކުރުމުގެ މަސައްކަތައިގެން އަވަދި ނެތި އުޅެން ފަށައިފީމެވެ. އަހަރެން ކޮމްޕިއުޓަރ ކައިރީ ޔައުމިއްޔާ ލިޔަން އިންއިރު ބޮސް ވައްކަޅިން އަހަރެންނާއި ދިމާއަށް ބަލަމުންދާހެން ހީވެއެވެ. އެކަމަކުވެސް އެކަމަކާ މާބޮޑު ފަރުވާލެއް ނުބަހައްޓަމެވެ. އިރުކޮޅެއް ނުވެ ބޮސް ތެދުވެގެން އައިސް އަހަރެން ކައިރީ މަޑުކޮށްލިއެވެ. އަދި ބުންޏެވެ.

ވަފާ ވަރަށް މުރާއްޔެވެ. ކެރޭ ކުއްޖެއް ދޯއެވެ. މިހެން ބުނުމަށްފަހު ވަރަށް އަވަހަށް އެހެން ރިސޯޓަކަށް ދަންޖެހޭ ކަމަށާއި، އެ ދަތުރުގައި ވަފާވެސް ދާންވާނެކަމަށް ބުންޏެވެ. އަދި ކޮފީތައްޓެއް ހަދާލައިގެން އައުމަށް ބޮސް އަހަރެންނަށް އެންގިއެވެ.

އަހަރެން ބޮސްގެ އެދުމުގެ މަތިން ކޮފީތައްޓެއް ހިފައިގެން އަތުވެއްޖައީމެވެ. އަދި ކޮފީތަށި ދިއްކޮށްލުމާއި އެކު އަހަރެންގެ އަތުގައި ބޮސް ހިފިއެވެ. އެވަގުތު އަހަރެންނަށް ސިހުން ލިބުނެވެ. އަދި ލަދުވެސް ގަތެވެ. އަދި އަތުން ދޫކޮށްލައި ދިނުމަށް އެދުމުން މިއީ އެއްވެސް މައްސަލައެއް ނޫންކަމަށާއި، މިހެން އުޅޭއިރު މިކަހަކަ ކަންކަން ހިނގާނެކަމަށް ބުންޏެވެ.

އަހަރެން ވަރަށް ބިރުގަތެވެ. އަދި ދެން ގެއަށް ދިޔައަސް އޯކޭތޯ އެހުމުން ބޮސް އިންކާރުކުރިއެވެ. އަދި މިރޭ ކޮންމެހެންވެސް ހޭލާ އިނދެގެންވެސް ޔައުމިއްޔާ ނިންމަން ޖެހޭނެކަމަށާއި، އަދިވެސް އިތުރު މަސައްކަތްތައް ހުރިކަމަށް ބުންޏެވެ. އަދި މިރޭ ހޭލާއިނދެފައި މާދަމާ އޮފީހަށް ނަޔަސް އޯކޭކަމަށް ބުނެ މަސައްކަތައިގެން ކުރިއަށް ދިއުމަށް އެންގިއެވެ.

އަހަރެން އަހަރެންގެ މަސައްކަތައިގެން ކުރިއަށް ދިޔައީމެވެ. އަހަރެންނަށް އެރޭ ކުރަން ހުރި މަސައްކަތްތައް ގިނަކަމުން ނިމޭނެ އިރެއް ބުނެދެންވެސް ނޭގުނެވެ. އަހަރެންނާއި މަސައްކަތް ހަވާލުކުރުމަށްފަހު ބޮސް ބޭރަށް ދިޔައެވެ.

ގަޑިން މެންދަމުން އަލިވެ 3 ޖަހައިފިއެވެ. އަހަރެން ނިދި ޖެހެން ފަށައިފިއެވެ. އިސާހިތަކު އަހަރެންނަށް ނިދިއްޖެއެވެ. މީހަކު އަހަރެންގެ ގައިގައި މީހޭ ހެން ހީވެގެން އަހަރެންނަށް ކުއްލިއަކަށް ސިއްސައިގެން ހޭލެވިއްޖެއެވެ. ހޭލެވުނުއިރު އޮފީސްތެރޭގަިއ އަލިކަމެއް ނެތެވެ. އެހާމެ އަނދިރިއެވެ. އަހަރެން ބިރުގަތެވެ. އަދި ދެތުވަން އުޅެން ފެށުމުން ބޮސް ނުތެދުވުމަށް އެންގިއެވެ.

އަދި މީ މައްސަލައެއް ނޫންކަމަށާއި، މިހެން އުޅޭއިރު މިކަހަލަ ކަންތައްތައް ވާނެކަމަށް ބުންޏެވެ. އަދި އަހަރެން ތީ ގޯސްކަމެއްކަމަށްބުނެ ގަދަ ދައްކަންފެށުމުން ބޮސް އަހަރެން ގަދަކަމުން ހިފަހައްޓައި ބޮސް ބޭނުންވާ އެދުންތައް އެރޭ އަހަރެންގެ ކިބައިން ފުއްދިއެވެ. އަދި މިވާހަކަ އޮފީސް މީހެއްގެ ކައިރީ ނުބުނުމަށް ބުނެ ބޮސް އަހަރެންނަށް ބިރު ދެއްކިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަދި ދުވަހަކުވެސް ދެން މިއޮފީހަށް ނާންނާނެކަމަށް ބުނެ ގެއަސް ދިޔައީމެވެ. އޭރު ގަޑިން ފަތިހު 5 ޖަހައިފިއެވެ. ވަރުބަލިވެފައި ހުރިވަރުން އެދުގައި އޮށޯވެލާއިރަށް ނިދިއްޖެއެވެ.

އަހަރެން ހެނދުނު އޮފީހަށް ދަން ނުތެދުވެގެން މަންމަ ވަރަށް ކަންބޮޑުވިއެވެ. އަދި އަހަރެންނަށް ގޮވުމުން ރޭގަ ހޭލާ އޮފީހުގައި އުޅުނީ ކަމަށް ބުނުމުން މަންމަ އަޅައެއް ނުލައެވެ. އަހަރެންނަސް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ އޮފީހުންނެވެ. އަހަރެން ފޯނު ނެގުމާއިއެކު އޮފީހުން ފަރީދާ ވާހަކަ ދައްކަން ފެށިއެވެ.

ފަރީދާ: ވަފާ މިއަދު އޮފީހަށް ނާންނަނީތަ؟ ރޭގަ އޮފީހުގަ ހޭލާ އިންރެއަކީތަ؟

ވަފާ: (ދެރަވެފައި) ކިހިނެއް ފަރީދާއަށް އެނގުނީ..

ފަރީދާ: މަށަށްވެސް އެނގިދާނެތާ! ބޮސްގެ ކަންކަމަށް ފާރަލާ ކުދިންވެސް މިއޮފީހުގައި އުޅޭ ވިއްޔާ!

ވަފާ: (ރޮއިފައި) ފަރާދާ. ދެން އަހަރެން ތި އޮފީހަކަސް ނުދާނަން.

ފަރީދާ: އަނެއްކާ ކިހިނެއްވީ. ބޮސް ކަމެއް ކުރީތަ؟

ވަފާ: އާނ. އަހަރެން ބޭނުން މިވާހަކަތައް ފަރީދާއަށް ހިއްސާކުރަން..

ފަރީދާ: މަށަށް އެނގޭ އޭރުވެސް ބޮސްގެ ގޮތް. މަށަށްވެސް ބޮސްގެ ތި މަޅިން ސަލާމަތްވެވުނީ ހަމަ ކިރިޔާ. މަގޭ ރައްޓެއްސެއް ބޮސްގެ ވާހަކަތައް މަށާ ހިއްސާ ކޮއްފަ އޮތީމަ.

ވަފާ: ދެން ފަރީދާ ކީއްވެ ކުރިން ތިވާހަކަ މަކައިރީގަ ނުބުނީ.

ފަރީދާ: ބުނަން ނުކެރުނީ. ވަފާ ރުއި އައިސްފާނެތީވެ.

ވަފާ: ދެން އަޅާނުލާ..

ފަރީދާ: އަޅަ ނުލާ ހުންނާކަސް ނުވާނެ.. ހިނގާ މިމައްސަލަ ފުލުހުންނަށް ހުށަހަޅަން.

ވަފާ: ނޫން .. މަށެއް ނޫޅެން.  ނޫސްތަކުގެ ފަލަ ސުރުހީތަކުގަ މަގޭ ނަން ލިޔަން.. މަށަކަށް ނުކެރޭނެ.

މިހެން ބުނެ ފޯން ކަނޑާލީމެވެ.

އެދުވަހުން ފެށިގެން އަހަރެން އޮފީހަށް ނުދާން ފެށުމުން މަންމަ ވަރަށް ސުވާލު ކުރިއެވެ. ނަމަވެސް އޮފީހަށް ދާން ފޫހިވާކަމަށާއި، އެހެން ވަޒީފާއަކަށް ނިކުންނާނެކަމަށްބުނެ މަންމަ ކައިރީ މިވާހަކަތައް ނުދައްކާ ކެތްކޮށްލައިގެން ހުންނަނީއެވެ. މަންމަ މިކަމާ އަހަރެން ދެކެ ވަރަށް ރުޅިއާދެއެވެ. ނަމަވެސް އަހަރެން ނަށް އަންނަ ބަދަލުތައް މަންމަ އަށް ފާހަގަކުރެވި ސުވާލު ގިނަވެއެވެ. އެދުވަހުން ފެށިގެން އަހަރެންނަކީ ބަސް މަދު މީހަކަށް ވިއެވެ. ދުނިޔެ މަތިން ފޫހިވަން ފެށިއެވެ. ބޭރަށް ދިއުން މަދުވިއެވެ. މިއީ އަހަރެންގެ މާޒީއެވެ.

ވަފާގެ ވާހަކަތައް އަޑު އަހާފައި އަޒީމް ކައިރިއަށް ވަރަށް ރުޅިއައެވެ. އަދި މިމައްސަލަ ޖައްސާނެކަމަށް ބުނެ ވަފާ ގޮވައިގެން ފުލުސް އޮފީހަށް ދިޔައެވެ. އަދި ފުލުހުންނަށް އެ ހަޤީޤަތް ކިޔައިދިނެވެ. ފުލުހުން މިމައްސަލަ ތަޙްޤީޤްކުރިއެެވެ. އަދި މިމައްސަލައިގައި ކުށްވެރިވާ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.