ކައުންސެލަރ އޮފީހަށް ވަޑައިގަތުމުން ނޫނީ ރަށު އޮފީސް ނުހުޅުވުމަށް ރަށު އޮފީހުގެ އެހީތެރިޔާ އަށް ކެންދޫ ކައުންސެލަރ އަމުރު ކުރައްވައިފި

ކެންދޫ ކައުނސެލަރ އަބްދުއްރަހްމާން އަބްދުﷲ (ކ) އަދި ބ. އަތޮޅު އޮފީހުގެ ޒިންމާދާރުވެރިޔާ އަބްދުލްބާގިރު އަހްމަދު — ފޮޓޯތައް / އަބްދުލްގައްޔޫމް

ވީ ގޮތް އަޅުގަނޑު މި ދަނީ ސާފުކުރަމުން: ޒިންމާދާރުވެރިޔާ

ކައުންސެލަރު ރަށު އޮފީހަށް ވަޑައިގަތުމުން ނޫނީ ރަށު އޮފީސް ނުހުޅުމަށް ރަށު އޮފީހުގެ އެހީތެރިޔާ އަށް ބ. ކެންދޫ ކައުންސެލަރ އަމުރު ކުރެއްވުމާ ގުޅިގެން މިއަދުގެ ރަސްމީ ގަޑި ޖެހުނު އިރު ވެސް އެ އޮފީސް ނުހުޅުވާ ބަހައްޓައިފި އެވެ.

ކެންދޫ އޮފީހުގެ އެހީތެރިޔާގެ މަގާމް ފުރުއްވަމުން ގެންދަވާ އަބްދުލްފައްތާހް މިއަދު ވިދާޅުވީ ކައުންސެލަރ މި ކަމަށް އަމުރު ކުރެއްވިކަން މިއަދު ހެނދުނު އޮފީސް ހުޅުވި ފަހުން އެނގުމާއެކު ވަގުތުން އޮފީސް ބަންދު ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އަތޮޅު އޮފީހުގެ ޒިންމާދާރުވެރިޔާގެ ލަފަޔާއެކު ހެނދުނު 8:40 ގައި އަލުން އޮފީސް ހުޅުވާފައިވާ ކަމަށެވެ.

“7:50 ގައި އަޅުގަނޑު ގަވާއިދުން އޮފީސް ހުޅުވިން މިއަދު ވެސް. އެހެން ނަމަވެސް އޮފީސް ހުޅުވިތަނާ އޮފީހުގެ އެހެން 2 މުވައްޒަފަކު އައިސް ބުނެފި ކައުންސެލަރު ރޭ ވަރަށް ގަދަ އަށް އަމުރު ކުރެއްވިޔޭ ހެނދުނު އޮފީސް ހުޅުވަން ވާނީ އޭނާ އަށް ވަޑައިގަނެވުނު އިރަކުންނޭ. އެ ހިސާބުން ވަގުތުން ދޮރު ޖަހާ އޮފީސް ބަންދު ކުރީ،” ފައްތާހް ވިދާޅުވި އެވެ.

މި ކަން ހިނގާފައިވާކަން ބ. އަތޮޅު އޮފީހުން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ބ. އަތޮޅު އޮފީހުގައި ހުންނަވާ ސިވިލް ސާވިސްގެ ޒިންމާދާރުވެރިޔާ އަބްދުލްބާގިރު އަހްމަދު މިއަދު ވިދާޅުވީ އެ ކަން އެނގިވަޑައިގަތުމާއެކު އޮފީސް ހުޅުވަން އެންގިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

“އަޅުގަނޑަށް ހެނދުނު 8:35 ގައި އެ ހަބަރު ލިބުނީ. ދެން އަޅުގަނޑު ގުޅާފައި ކުޑަކަތީބަށް ދެންނެވީ ރަށު އޮފީސް ހުޅުވާށޭ. އޭރު 8:41 ހިނގައިފި. ކައުންސެލަރާ އަދިވެސް ނުގުޅިގެން އަޅުގަނޑު މި އުޅެނީ ވީ ގޮތެއް ސާފުކުރަން. އަދި އެ ކަން ވާ ގޮތެއް ނުވޭ،” ބާގިރު މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ކެންދޫ ކައުންސެލަރ އަބްދުއްރަހްމާނު އަބްދުﷲ ވިދާޅުވީ އޮފީސް ނުހުޅުވަން އެންގި އެއް ސަބަބަކީ އޭނާ ބޭނުންވެ ވަޑައިގަންނަވާ ގޮތަށް އޮފީސް ހުޅުވާ މުވައްޒަފުން އޮފީސް ނުހުޅުވާތީ ކަމަށާއި އެ ކަމުގައި އިތުރު ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ.

“އަޅުގަނޑު މިތާ އިސްކޮށް މި ހުރީ. އަޅުގަނޑު ބޭނުންވާ ގަޑިއެއްގައި އޮފީސް ނުހުޅުވިފާ، މިތާ ތިބި އެހެން މީހުން ބޭނުންވާ ގަޑިއެއްގައި ވަކި އޮފީސް ހުޅުވިގެން ނުވާނެ ދެއްތޯ. މި ނޫނަސް މި ކަމުގައި ބައިވަރު ސަބަބުތައް އެބަހުރި. އަޅުގަނޑު އެންގިން އެހެން (ނުހުޅުވާށޭ)،” ކައުންސެލަރ މިއަދު މެންދުރު ފަހު އޮފީހަށް ވަޑައިގަތް މަގުމަތީގައި ކެންދޫގައި ހުންނަވާ ފޯނުން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި އެވެ.

އެހެން ނަމަވެސް މި ކަމަށް ރަށު އޮފީހުގެ އެހީތެރިޔާ އެއްބަހެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ކައުންސެލަރ އެ ވިދާޅުވާ ފަދަ ގޮތަކަށް އޮފީސް ހުޅުވާ ލައްޕަމުން ނުގެންދަވާ ކަމަށާއި އެހެން ނަމަވެސް ރޭ 8:30 ގައި އޮފީސް ނުހުޅުވޭ ކަމަށެވެ. ފައްތާހް ވިދާޅުވީ ކައުންސެލަރ އޮފީހާ ހަވާލުވެ ވަޑައިގަތުމަށް ފަހު ގަވާއިދުން އޮފީސް ނުހުޅުވި ވަނީ ރޭ އެކަނި ކަމަށާއި ރޭ އޮފީސް ނުހުޅުވުނީ އޭނާ އަށް ނިދިގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.