އޭދަފުއްޓަކީ ރައީސް ނަޝީދު ހިތްޕުޅާވާ ރަށެއް ނޫން!

ރައީސް ނަޝިދު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރައީސް ނަޝިދު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން

 

ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ފަހުން ބ. އޭދަފުއްޓަށް ވަޑައިގަތީ ކިތައްފަހަރުބާ އެވެ؟ އެކެއް ދޭއް، ތިނެއް ހަތަރެއް، ފަސް ފަހަރު އެވެ. ނޫނެކެވެ. އެންމެ ފަހަރަކުވެސް އަދި ވަޑައެއް ނުގަންނަވަ އެވެ.

އެކަމަކު ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވިތާ ދެ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ވަނީ ބ. އަތޮޅަށް ވަޑައިގެންފަ އެވެ. އެ ތިން ފަހަރުވެސް ވެރިރަށް އޭދަފުށީގެ ފަސްގަނޑުގައި އެމަނިކުފާނުގެ ފައިންޕުޅު ބީއްސަވާނުލައްވާ ކަމީ ސުވާލު އުފެދޭ ކަމެކެވެ. ހިތަށް އަރަނީ މިކަމުގައި ކޮންމެވެސް ސިއްރުތަކެއް އުޅެނީ އެވެ. އޭދަފުށިން ފަތާލައިފައި ދެވޭހާ ކައިރީގައި އޮތް ސޮނެވާފުއްޓަށް މިދިޔަ އަހަރު ފަހުކޮޅު ވަޑައިގެންފައިވެސް އޭދަފުއްޓަށް ވަޑައިނުގަތީ ކީއްވެބާއޭ މިއީ ހަމަގައިމުވެސް އަޅުގަނޑުގެ ހިތުގައި އަބަދުހެން އޮންނަ ސުވާލެކެވެ.

އެމަނިކުފާނު އިއްޔެވަނީ ބ. ކެންދުއަށާއި ދަރަވަންދޫ އަދި ހިތާދޫ އަށް ވަޑައިގެންފަ އެވެ. އަޅުގަނޑު ހީކުރި މިފަހަރު ހަމަގައިމުވެސް އޭދަފުއްޓަށް ވަޑައިގަންނަވާނެ ކަމަށެވެ. އޭދަފުށި ހުރަސް ކުރައްވައި، ދަރަވަންދޫއަށް ވަޑައިގެންނެވި އިރުވެސް ވެރިރަށަށް ވަޑައެއް ނުގަންނަވަ އެވެ. އޭގެކުރިން އެހެން ދަތުރުފުޅެއްގައި ކަމަދޫ އަށާއި ތުޅާދޫއަށް ވަޑައިގެންފައި އެމަނިކުފާނު ގޮއިދުއަށް ވަޑައިގެންނެވި އިރުވެސް އޭދަފުއްޓަށް ވަޑައެއް ނުގަންނަވައެވެ.

ހިތަށް އަރަނީ ހަމަ އެންމެ ސުވާލެކެވެ. އޭދަފުއްޓަށް ވަޑައިނުގަތީ ކީއްވެބާ އެވެ؟ ހާއްސަކޮށް އޭދަފުއްޓަކީ އަތޮޅުގެ ވެރިރަށް ކަމަށްވެފައި، އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ފުރިހަމަ ހިދުމަތްތަކެއް ކަމަށް ވަންޏާ އެ ހުރިހާ ހިދުމަތެއް ލިބެން އޮތް މިރަށަށް ވަޑައިނުގަތީ ކީއްވެބާ އެވެ؟

އަޅުގަނޑު އެކަމާ ވަރަށް ވިސްނައިފީމެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ކަންތައްތައް އެއީ ފަހަރެއްގައި އެހެން ނުވުންވެސް ގާތް ކަމެކެވެ. އެހެން ނަމަވެސް، ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން މިއުޅޭ އަދި ޔަގީންވާ އެއްޗަކީ އޭދަފުއްޓަކީ ރައީސް ނަޝީދު ހިތްޕުޅުވާ ރަށެއް ނޫންކަމެވެ. އޭދަފުއްޓަކީ ކުރީ ސަރުކާރުން އިންދި ގަހުގެ އެންމެ ފުރިހަމަ މޭވާ ކަމަށްވާތީ އެމަނިކުފާނު ފަހަރެއްގައި ހިތްޕުޅުނުވަނީކަމަށް އެކަށީގެންވެ އެވެ.

އެހެންނަމަވެސް ސީދާ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ގެންނެވި ޑިމޮކްރަސީ މިހާރު އޭދަފުއްޓަށްވެސް އޮތީ އައިސްފަ އެވެ. ޑީއާރުޕީ ރަށެކޭ އޭދަފުއްޓާ ދިމާއަށް ކިތަންމެ ވަރަކަށް ކިޔަސް، އޭދަފުށީގައި މިހާރު އެމްޑީޕީއާއި އެހެން ޕާޓީތަކުގެ ދައުރުވެސް ކުޑައެއް ނޫނެވެ. މި ސަރުކާރަށް ތާއީދުކުރާ މީހުންވެސް ނެތީއެއް ނޫނެވެ. ރައީސް ނަޝީދު އޭދަފުއްޓަށް ވަޑައިގަންނަވާ ނަމަ އެމަނކުފާނަށް މަރުހަބާ ކިޔަން “ރީނދުލުން” ޖަރީވެގެން ނުކުންނާނެ މީހުންވެސް މަދެއް ނުވާނެ އެވެ. ގައުމުގެ ރައީސަށް ހަމަލާއެއް ނާންނަ ވަރަށް ސެކިއުރިޓީ އޮންނައިރު އޭދަފުށީންވެސް އެމަނިކުފާނަށް ހަމަލާއެއް އައުމަކީ ވާނެކަމެއް ނޫނެވެ. އޭދަފުށީ މީހުންނަކީ އެކަހަލަ ބައެއްވެސް ނޫނެވެ.

ރައީސް ނަޝީދަށް ގައިމުވެސް އޭދަފުށީ އެނގިވަޑައިގަންނަވާނެ އެވެ. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްވެސް އެނގިވަޑައިގަންނަވާނެ އެވެ. އެހެން ނަމަވެސް، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ވެގެން މިއުޅޭ ގޮތަކީ އޭދަފުއްޓަށް އެމަނިކުފާނު ގެންދަވަން ރަނގަޅަށް މަސައްކަތް ނުކުރެވުމެވެ. އެކަންކުރަން އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބޭފުޅުންނާ އޭދަފުށީގެ މީހުންނާ ގާތް ގުޅުމެއް ނެތް ކަމެވެ. މިއީ އޭދަފުށީ ތަމްސީލު ކުރައްވާ މެމްބަރަކަށްވެސް އެކަން ނުކުރެވޭތީ ވެގެން އުޅޭ ގޮތެކެވެ. އަދި މިއީ އޭދަފުށީގައި ތިބި އެމްޑީޕީ ތަމްސީލު ކުރާ މީހުންނަށްވެސް މަސައްކަތް ނުކުރެވޭތީ ވެގެން އުޅޭ ކަމެކެވެ.

ރައީސް ނަޝީދު ކިތަންމެ ހިތްޕުޅާ ނުވިޔަސް، ރަށެއްވާނީ ރަށަކަށެވެ. އެރަށަށް އެމަނިކުފާނު ޝައުގުވެރި ކުރުވުމަކީ އެ ރަށެއްގެ ރައްޔިތުންގެ ވެސް ޒިންމާއެކެވެ. އަޅުގަނޑު އަދި އުއްމީދު ކަނޑައެއް ނުލަމެވެ. އެމަނިކުފާނު އަދި އޭދަފުއްޓަށް ވަޑައިގަންނަވާނެ އެވެ. ރިޔާސި ކެމްޕޭން އަދި އޮތީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.