“ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް”

ވަޖީހު އީޓީ އަށް އިއްޔެ އިންޓަވިއު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ބ. އޭދަފުށި ދާއިރާގެ ގޮނޑި ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް މި ދާއިރާ އަށް ކުރިމަތިލައްވާފައިވާ މުހަންމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.
“ކުރިން ހިތަށް އެރި މި ގޮނޑި ކާމިޔާބު ކުރެވިދާނެ ބާއޭ. އާންމުކޮށް އޭދަފުއްޓަކީ އެމްޑީޕީ އަށް ވުރެ ޑީއާރުޕީގެ ސަޕޯޓަރުން ގިނަ ރަށެއް. އެހެން ނަމަވެސް، އަޅުގަނޑު މި ގޮނޑި އަށް ކުރިމަތިލީމަ، އަޅުގަނޑަށް ތާއީދުކުރާ ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވި. ކުރިން ފެށިގެން ވެސް އެހެން ޕާޓީތަކަށް ތާއީދު ކުރެއްވި ބޭފުޅުން. ވެސް މީގެ ތެރޭގައި ހިމެނޭ. އެބޭފުޅުން ބޭނުންފުޅުވޭ އަޅުގަނޑު މި ގޮނޑި އަށް ގެންނަން،” ތައުލީމީ ދާއިރާގައި މުދައްރިސެއްގެ ގޮތުން މެދުނުކެނޑި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ސްކޫލުތަކުގައި ކިޔަވައިދެއްވި އަދި މިހާރު ވެސް ކިޔަވައިދެއްވަމުން ގެންދަވާ ކެންޑިޑޭޓް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާޅޮހާއި ހިތާދޫގެ އިތުރުން މި ޒޯނުގައި ދެން ހިމެނޭ އެންމެ ބޮޑު ރަށް، އޭދަފުށީގައި މިހާރު އެމްޑީޕީގެ ސަޕޯޓަރުން ހިމެނޭ ކަމަށެވެ.
“އެ އެންމެންގެ ވެސް ތާއީދު އަޅުގަނޑަށް އެބައޮތް،” ލިޔުންތެރިކަމުގެ ދާއިރާގައި ވެސް އުޅުއްވި ވަޖީހު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ބ. އަތޮޅަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރޭގައި އޭދަފުށީގެ ރަށްވެއްސެއްގެ ގޮތުގައި ހުންނެވި ހަމައެކަނި ކެނޑިޑޭޓަކީ އޭނާ ކަމަށެވެ. ދެން މި ޒޯނަށް ކުރިމަތިލައްވާފައިވާ ތިން ކެންޑިޑޭޓުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ އޭދަފުއްޓަށް އުފަން އެހެން ނަމަވެސް މިހާރު ރަށްވެހިކަން ބަދަލުކުރައްވާފައިވާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި މާލެ އަށް އުފަން އިމްރާން އަލީ (އިއްސަ) އާއި ހިތާދޫ އަބޫބަކުރެވެ.
ވަޖީހު ވިދާޅުވީ އޭނާއާ ދެކޮޅު ކެމްޕޭންތަކެއް ވެސް ބަޔަކު ކުރަމުން އަންނަ ކަމަށާއި ހަމައެއާ އެކު، ބައެއް ކެނޑިޑޭޓުން ކެމްޕޭން ކުރަމުންދާ ގޮތުން އޭނަގެ ކެމްޕޭނަށް ވެސް އަސަރުކުރަމުންދާ ކަމަށެވެ. އެއީ ކޮންކޮން ކަންތައްތަކެއްތޯ ދެންނެވުމުން ވަޖީހު އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން އުޒުރުވެ ވަޑައިގަންނަވަ އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.