ފައިނަލުގައި ހަތަރު ގޯލު ޖަހައި އޭދަފުށި ކަޕްގެ މޮޅު ކުޅުންތެރިއަކަށް ފާއްޓެ

ފައިނަލުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ހަތަރު ގޯލު ޖެހި މުހައްމަދު ފާސިރު (ފާއްޓެ) އޭދަފުށި ކަޕް 2024 ގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފި އެވެ.

ވެލާ ސްޕޯޓްސް ކްލަބްގެ ޖާޒީގައި ފުރަތަމަ ފަހަރަށް ފެނުނު ފާއްޓެ ވަނީ އެޓީމަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްގެ އިތުރުން އެންމެ މޮޅު ފޯވާޑާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ފާއްޓެ އެވެ.

ފާއްޓެ މުބާރާތުގައި 9 ގޯލު ޖެހި އެވެ. އޭގެތެރޭގައި ލީގު ބުރުގައި ކައްކަނީ އެފްސީ އަތުން ބަލިވާން ދަނިކޮށް މެޗުގެ ފަހުކޮޅު ޖެހި ދެ ގޯލާއި ލީގު ބުރުގައި ހުސް ސޮންގުން ކޮޅަށް ފަހު ވަގުތު ޖެހި ގޯލު ފާހަގަކޮށްލެވެ އެވެ.

ފާއްޓެ ވަނީ 2021 ވަނަ އަހަރު ވެސް އެ ހުރިހާ ކާމިޔާބީއެއް ތަކުރާރުކޮށްފަ އެވެ. އެފަހަރު އެމްއޭ ޔުނައިޓެޑާ އެކު ޗެމްޕިއަންކަން ހޯދައި މުބާރާތުގެ ރަން ބޫޓާއި ފޯވާޑްގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ އިރުމަތި އެފްސީގެ އަބްދުއްސަދާދް އާދަމް އެވެ. އަބްދުއްސަދާދު އަކީ ރ. އަލިފުއްޓަށް ނިސްބަތްވާ ގޯލްކީޕަރެކެވެ.

މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ އެންމެ އުއްމީދީ ކުޅުންތެރިއަކީ ވެލާ ސްޕޯޓްސްގެ އަހުމަދު ޖައުޝަން އަބްދުﷲ އެވެ. ޖައުޝަން ވަނީ އެ މަގާމް މިދިޔަ އަހަރު ވެސް ހޯދާފަ އެވެ. ޖައުޝަން އަކީ އުމުރުން 18 އަހަރުގެ ކުޅުންތެރިއެކެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ވެލާ ސްޕޯޓްސް ކްލަބުގެ އަހުމަދު ނިޔާޒް (ނިޔާ) އަށެވެ. ފެއާޕްލޭ ޓީމަކީ ހުސް ސޮންގުންނެވެ.

ޗެމްޕިއަންކަން ވެލާ ސްޕޯޓްސް އިން ހޯދީ މިއަދު ހަވީރު އޭދަފުށި ސްޓޭޑިއަމްގައި ކުޅުނު މެޗުގައި 5-1 އިން އިރުމަތި އެފްސީ ބަލިކޮށްގެންނެވެ.

ކައުންސިލުން އިންތިޒާމުކުރަން ފެށި އޭދަފުށި ކަޕް 2021 އަދި 2022 ވަނަ އަހަރު ހޯދީ އެމްއޭ ޔުނައިޓެޑެވެ. 2023 ވަނަ އަހަރުގެ ޗެމްޕިއަނުންނަކީ ހުސް ސޮންގުންނެވެ. މިއީ ވެލާ ސްޕޯޓްސް އަށް އޭދަފުށި ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

މިއަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ. ޓްރާންސްޕޯޓް ޕާޓްނަރަކަށް ފެހި ސްޕީޑް ހަމަޖައްސާފައި ވާއިރު ކިޓް ޕާޓްނަރަކީ ކެޕްޓަން މޯލްޑިވްސް އެވެ.

ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސް އެވެ. ބެވަރޭޖް ޕާޓްނަރަކީ ލައިފް ވޯޓާ އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި މައިލޯ މޯލްޑިވްސް އާއި އަޒްޑިއޮން، އެލް މޯބައިލް އަދި އެމް 7 ހިމެނެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.