
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކުރުމުގެ ވައުދު ފުއްދުމަށް ސަރުކާރުން ތައާރަފުކުރާ “ހިޔާވަހި ފައިނޭންސިންގ ސްކީމް”ގެ ތެރެއިން ލޯނު ދޫކުރާނެ އިތުރު ބޭންކަކަށް ބީއެމްއެލް ހަމަޖެހިއްޖެއެވެ.
މިއަދު ގެދޮރިވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަލީ ހައިދަރު އަދި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ.
މި ސްކީމްގެ ދަށުން ލޯނު ދޫކުރެވޭނީ 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި 25 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މި ސްކީމްގެ ދަށުން ލޯނު ލިބޭނީ ފުރަތަމަ ގެ އިމާރާތްކުރާ ފަރާތްތަކަށެވެ. އެއީ އަލަށް ގެ އިމާރާތްކުރުމަށް ނުވަތަ ނުނިމި ހުރި ގެ ނިންމުމަށް ކަމުގައިވިޔަސް މެއެވެ.
މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވިގޮތުގައި، މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަފްތާއެއްގެ ތެރޭގައި ހުޅުވާލެވޭނެއެވެ.
ބީއެމްއެލްގެ އިތުރުން މި ސްކީމްގެ ޕާޓްނަރުންގެ ގޮތުގައި މިހާރު ހިމެނެނީ އެޗްޑީއެފްސީ އަދި އައިބީއެމެވެ.

