
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އިތުބާރުހުރި ފޯވަޑުންގެ ތެރޭގައި ހިމެނޭ އަލީ ފާސިރު (ސެންޓޭ) އަނެއްކާވެސް އެނބުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅިއްޖެއެވެ.
ބ. އޭދަފުށްޓަށް އުފަން، އުމުރުން 36 އަހަރުގެ ސެންޓޭ އެންމެ ފުރަތަމަ ނިއު ރޭޑިއަންޓާ ގުޅުނީ 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުމަށްފަހު 2013 ވަނަ އަހަރު އަނެއްކާވެސް ނިއުއާ ގުޅުނެވެ. އެ އަހަރަކީ ސެންޓޭގެ އެހީގައި ނިއު ރޭޑިއަންޓުން ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އަހަރެވެ. މީގެ ތެރޭގައި ޗެރިޓީ ޝީލްޑާއި، ދިވެހި ލީގު، އެފްއޭ ކަޕް އަދި ޕްރެސިޑެންޓްސް ކަޕް ހިމެނެއެވެ.
މިއީ އޭނާ ނިއު ރޭޑިއަންޓަށް ކުޅެން ދާ ހަތަރުވަނަ ފަހަރެވެ.
ސެންޓޭގެ ކެރިއަރުގައި އޭއެފްސީ ކަޕުގައިވެސް ނިއު ރޭޑިއަންޓަށް އޭނާ މޮޅު ކުޅުމެއް ދައްކާފައިވެއެވެ. އަދި އޭގެ ފަހުން އައި ސީޒަނުގައި 23 ގޯލު ކާމިޔާބުކޮށް ކްލަބުގެ ޓޮޕް ސްކޯރަރުގެ މަގާމު ހޯދިއެވެ.
2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވުމަށްފަހު، 2017 ގައި އަނެއްކާވެސް ނިއު ރޭޑިއަންޓާ ގުޅުނު ސެންޓޭ، އޭގެ ފަހުން ކްލަބު އީގަލްސްއަށް ކުޅެފައިވެއެވެ. އެންމެ ފަހުން އޭނާ ކުޅުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށެވެ.
70 އަށްވުރެ ގިނަ މެޗު ގައުމީ ޓީމަށް ކުޅެފައިވާ ސެންޓޭ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ އަލުން ނިއު ރޭޑިއަންޓާ ގުޅުމާއެކު، ކުރިއަށް އޮތް ސީޒަނުގައި ކްލަބަށް އިތުރު ކާމިޔާބީތަކެއް ހޯދައިދޭނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.

