އައްޑޫ ބަލިކޮށް އޭދަފުށި ކިންގްސް ކަޕްގެ ސެމީ ފައިނަލަށް

ފޮޓޯ: ކްލަބް މޯލްޑިވްސް

ކްލަބް މޯލްޑިވްސްއިން ބާއްވާ ކިންގްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އައްޑޫގެ މައިލޯ ސިޓީ ބަލިކޮށް އޭދަފުށި ސީސީ ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި އައްޑޫގެ މައްޗަށް އޭދަފުށި ކުރި ހޯދީ 0-2 އިންނެވެ.

މެޗަށް ނުކުތްއިރު އެއްވަރުކޮށްލައިގެން ވެސް އޭދަފުއްޓަށް އޮތީ ސެމީ ފައިނަލުގެ ޖާގައެއް ލިބޭ ގޮތަށެވެ.

މެޗުގައި އޭދަފުށީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހީ އުނައިޝް ޒުބައިރު (އުނޭ) އެވެ. އިޝާން އިބްރާހީމް (ސައްޓު) ދިން ބޯޅަ ހޯދުމަށް ފަހު، އޭރިޔާ ބޭރުން އުނައިޝް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

އޭދަފުށީގެ ދެވަނަ ގޯލު ފަހު ހާފުގެ ފަހުމިނެޓުގައި ޖެހީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. މުހައްމަދު އައްޒާމް ޖައްސާލި ބޯޅަ އެއްފަހަރުން ޖަހައި ފާއްޓެ ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ފާއްޓެ އެވެ.


އައްޑޫގެ މައިލޯ ސިޓީން ވަނީ މެޗުގެ ދެވަނަ ހާފުގައި އޭދަފުށީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެ ހަމަލާތައް ހުއްޓުވުމުގައި އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހު މޮޅު ކުޅުމެއް ދެއްކި އެވެ.

އޭދަފުށި ހިމެނޭ ގްރޫޕުގެ އަނެއް މެޗުގައި ނައިވާދޫ އާއި ކާށިދޫ ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. ގްރޫޕުގެ އެއްވަނަ ހޯދީ 7 ޕޮއިންޓާއެކު ނައިވާދޫއެވެ. ދެވަނަ ލިބުނީ 6 ޕޮއިންޓާއެކު އޭދަފުއްޓަށެވެ. މައިލޯ ސިޓީއަށް 3 ޕޮއިންޓާއެކު ތިންވަނަ ލިބުނުއިރު ފުލަށް ދިޔައީ ޕޮއިންޓެއް ލިބުނު ކާށިދޫއެވެ.

ގްރޫޕް ބީގެ އެއްވަނަ ހޯދީ ޖޯލި މޯލްޑިވްސް އެވެ. ދެވަނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުއާރުސީ) އަށް ލިބުނުއިރު، ތިން ވަނަ ލިބުނީ ކްލަބް ވެމްކޯއަށެވެ. ފުލަށް ދިޔައީ ކުޅިވަރު ވުޒާރާއެވެ.

ސެމީ ފައިނަލަށް ހޮވުނީ ނައިވާދޫ އާއި އޭދަފުށީގެ އިތުރުން ޖޯލި މޯލްޑިވްސް އަދި އާރުއާރުސީއެވެ. ކްލަބް މޯލްޑިވްސްގެ އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން އަދި އެންމެ ފަހުގެ ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ވެމްކޯ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ.

ސެމީ މެޗުތައް ކުޅޭނީ ހޮނިހިރު ދުވަހުގެ ރެ އެވެ. ދެވަނަ ސެމީގައި އޭދަފުށި ނުކުންނާނީ ޖޯލި މޯލްޑިވްސްއާ ދެކޮޅަށެވެ. ފުރަތަމަ ސެމީގައި ނައިވާދޫ ބައްދަލުކުރާނީ އާރުއާރުސީއާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.