
ކްލަބް މޯލްޑިވްސް އިން އާ ފޯމެޓުގައި ބާއްވާ ކިންގްސް ކަޕްގެ ސެމީ ފައިނަލުގައި އޭދަފުށި ސީސީ ސްޕޯޓްސް ކްލަބް މިރޭ ވާދަކުރާނެއެވެ.
ކިންގްސް ކަޕަކީ ޗެމްޕިއަނުންނަށް ހާއްސަކޮށްގެން ކްލަބް މޯލްޑިވްސް އިން އަލަށް ފެށި މުބާރާތެކެވެ. މިދިޔަ އަހަރު ކިންގްސް ކަޕްގައި ކުޅުނީ އެންމެ މެޗެކެވެ. އެކަމަކު މިއަހަރުގެ މުބާރާތް ފުޅާކުރީ 8 ޓީމާ އެކު ފޯރިގަދަކޮށެވެ. މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އެންމެ ބޮޑެތި ފުޓްސަލް މުބާރާތްތަކުގެ ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކެވެ.
އޭދަފުށި ސެމީގައި މިރޭ ނުކުންނާނީ ރިސޯޓު ލީގުގައި ވިދުންގަދަ ޖޯލި މޯލްޑިވްސްއާ ދެކޮޅަށެވެ. އަނެއް ސެމީގައި ޓީމް ނައިވާދޫއާ ދެކޮޅަށް ނުކުންނާނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އެވެ.
އޭދަފުށި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް އޭގެ ދެވަނަ ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ނައިވާދޫ އަތުން 1-4 އިން ބަލިވިއިރު ދެވަނަ މެޗާއި ތިންވަނަ މެޗުން މޮޅުވިއެވެ. ދެވަނަ މެޗުގައި ކާށިދޫއާ ވާދަކޮށް 5-0 އިން މޮޅުވިއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އައްޑޫ ސިޓީ މައިލޯ ސިޓީއާ ދެކޮޅަށް ނުކުމެ 2-0 އިން މޮޅުވިއެވެ.
ޖޯލި މޯލްޑިވްސް ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްފައެވެ. އެޓީމު ގްރޫޕް ބީގެ އެއްވަނަ ހޯދީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު އާރުއާރުސީ އާއި ކްލަބް ވެމްކޯ ފަހަތަށް ޖައްސާލުމަށްފަހުއެވެ.
ޖޯލި މޯލްޑިވްސް ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 3-6 އިން އާރުއާރުސީ ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ވެމްކޯއާ 3-3 އިން އެއްވަރުކުރިއިރު ފަހު މެޗުގައި ކުޅިވަރު ވުޒާރާއާ ވާދަކޮށް މޮޅުވީ 2-3 އިންނެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އޭދަފުއްޓާ ޖޯލި މޯލްޑިވްސް ވާދަކުރާ މެޗު ފަށާނީ މިރޭ 10:00 ގަ އެވެ. ފުރަތަމަ ސެމީގައި ނައިވާދޫއާއި އާރުއާރުސީ ކުޅޭ މެޗު ފަށާނީ 8:30 ގަ އެވެ. ދެ މެޗު ވެސް ކުޅޭނީ މުބާރާތް ކުރިއަށްދާ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައެވެ.
މުބާރާތުގައި މިރޭ އޭދަފުށި ކުޅޭ މެޗަށް މާލެ ސަރަހައްދުގައި ދިރިއުޅޭ އޭދަފުށީގެ ސަޕޯޓަރުން ދިއުމަކީ ސީސީ ސްޕޯޓްސް ކްލަބުގެ އެދުމެކެވެ.
