ސީސީ ބަލިކޮށް، ހުސް ސޮނގުންވެސް ފެށީ މޮޅަކުން

ހުސް ސޮނގުން އާއި ސީސީ ކުޅުނު މެޗުގެ ތެރެއިން — ފޮޓޯ/ އިމޭޖަސް އެމްވީ

ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕް 2025 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ހުސް ސޮނގުން ފުޓްބޯލް ކްލަބުން ސީސީ ސްޕޯޓްސް ކްލަބު 3-2 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.

އޭދަފުށީ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ހަމަލާތައް އުފެއްދުމުގައި ދަތިތަކާ ކުރިމަތިވިއެވެ. ނަމަވެސް މެޗު ހުޅުވިގެން ދިޔައީ ދެވަނަ ހާފުގައި ނަޝާހް އަހުމަދު (ނައްޓު) ގެ ހިތްގައިމު ހިލޭ ޖެހުމަކުން ހުސް ސޮނގުން ލީޑު ނެގުމާއެކުގައެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ސީސީ ސްޕޯޓްސް ކްލަބުގެ ސްރީ ލަންކާ ފޯވަޑް ސަންތިޔާ މަރިޔަތުސް ނިތަރުޝާން ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެހެންނަމަވެސް އޭގެ އަށް މިނެޓް ފަހުން ބަދަލު ކުޅުންތެރިޔާ ސާއިދު އަބޫބަކުރު ވަނީ ހުސް ސޮނގަށް އަނެއްކާވެސް ލީޑު ހޯދައިދީފައެވެ.

ހުސް ސޮނގުން އާއި ސީސީ ކުޅުނު މެޗުގެ ތެރެއިން — ފޮޓޯ/ އިމޭޖަސް އެމްވީ

މެޗުގެ 85 ވަނަ މިނެޓުގައި ހުސް ސޮނގުގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް އޮލަޑިމޭޖީ ޖިމޯ ޖެހި ގޯލާއެކު ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް، ނިތަރުޝާންގެ ދެވަނަ ގޯލަކާއެކު ސީސީ ސްޕޯޓްސް ކްލަބުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. ނަމަވެސް އިތުރު ގޯލެއް ނުޖެހި މެޗު ނިމުނީ 3-2 އިން ހުސް ސޮނގުގެ ކާމިޔާބީއާއެކުގައެވެ.

ހަ ޓީމު ބައިވެރިވާ މި މުބާރާތުގެ މާދަމާގެ މެޗުގައި ވާދަކުރާނީ މިޑްލް އީސްޓާއި ވެލާ ސްޕޯޓްސް ކްލަބެވެ. ގްރޫޕް އޭގައި ވެލާ ސްޕޯޓްސް ކްލަބާއި އިރުމަތީ އެފްސީގެ އިތުރުން ޓީމް މިޑްލް އީސްޓް ހިމެނޭއިރު، ގްރޫޕް ބީގައި ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ސީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އޭދަފުށި ފުޓުބޯޅަ އެކަޑެމީ ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.