
ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުވެ ތިބި މުވައްޒަފުންގެ މުސާރަތައް އަންނަ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިކަން ރައީސް އިއުލާންކުރެއްވީ އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. މި ނިންމެވުމުގެ ދަށުން ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ހާމަނައިޒްކުރެވޭނެއެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް އެއްހަމަ ކުރުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.
ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. ސިވިލް ސާވިސް އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން އެނގޭގޮތުގައި މި ވަގުތު 30،165 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
