
ބ. ތުޅާދޫގެ ރަށްވެހިންގެ ތެރެއިން އެންމެ ފުރަތަމަ ޤުރުއާން ހިތުދަސްކޮށް، ހާފިޒްކަމުގެ ސަނަދު ހާސިލުކުރާ ފަރާތަކަށް 130،000 ރުފިޔާގެ ފައިސާގެ ބޮޑު އިނާމެއް ދިނުމަށް ހުށަހަޅައިފި އެވެ.
މި ހުށަހެޅުން އިއުލާނުކޮށްފައި ވަނީ ތުޅާދޫ ސްޕޯޓްސް ކުލަބުގެ 22 ވަނަ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގަ އެވެ. މި އިނާމުގެ މަޤްސަދަކީ ރަށުގައި ޤުރުއާން ހިތުދަސްކުރާ ހާފިޒުންގެ އާރެއް އުފެއްދުމަށް ބާރުއެޅުމެވެ.
މިމަހުގެ ދެވަނަ ދުވަހުގެ ރޭ ތުޅާދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުލަބުގެ ރައީސް ޙުސައިން ރަޝީދު ވިދާޅުވީ، ތުޅާދޫ އަށް އުފަން އެ ރަށުގެ ރަށްވެހިންގެ ތެރެއިން އެންމެ ފުރަތަމަ ޤުރުއާން ހިތުދަސްކޮށް، ހާފިޒް ކަމުގެ ސަނަދު ނަގާ ފަރާތަކަށް މި އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި އިނާމަށް މަސައްކަތް ކުރުމުގެ ފުރުސަތު 31 ޑިސެމްބަރު 2030 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނާމަށް ހުށަހެޅުނު ފައިސާގެ އަދަދު:
ފުރަތަމަ ހުށަހެޅުނު އިނާމުގެ އަދަދަކީ 100،000 ރުފިޔާ އެވެ. މީގެ ތެރޭގައި ތުޅާދޫ ސްޕޯޓްސް ކުލަބުން 25،000 ރުފިޔާ، ޤުރުއާން މުދައްރިސް އަލްމަހުރޫމް އިބްރާހީމް ހުސައިންފުޅުގެ އާއިލާގެ ފަރާތުން 25،000 ރުފިޔާ، އަދި އަމިއްލަ ވިޔަފާރި ކުންފުނި އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑުން 50،000 ރުފިޔާ ހިމެނެ އެވެ. މީގެ އިތުރަށް، މި ހުށަހެޅުމަށް އިތުރަށް ހިތްވަރު ދިނުމުގެ ގޮތުން، ތުޅާދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު އަލިމަނިކު ވަނީ އެމަނިކުފާނުގެ އާއިލާގެ ފަރާތުން 30،000 ރުފިޔާގެ އިތުރު ހުށަހެޅުމެއް އިއުލާނުކުރައްވާފަ އެވެ. މި ފައިސާ ހުށަހަޅާފައި ވަނީ ތުޅާދޫގެ ތަޢުލީމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްމަރްޙޫމް އަލީ މުޙައްމަދުމަނިކު (އެދުރުބެ)، ކަރަންކާއާގެ، ބ. ކުޑަރިކިލުގެ ހަނދާނުގަ އެވެ. ނައިބު ރައީސްގެ މި އިތުރު ހުށަހެޅުމާއެކު، ތުޅާދޫގެ ފުރަތަމަ ހާފިޒަށް ދޭ އިނާމުގެ ޖުމްލަ އަދަދު ވަނީ 130،000 ރުފިޔާއަށް އަރާފަ އެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، 49 އަހަރު ގުނަމުންދާ ޚިދުމަތްތެރި ތުޅާދޫ ސްޕޯޓްސް ކުލަބުން އިސްނަގައިގެން ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކަކީ ޝުކުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. މި އިނާމަކީ ތުޅާދޫގައި ދީނީ ޢިލްމު ފުޅާކުރުމަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.

