ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން އުރީދޫން ކެމްޕޭނެއް ފަށައިފި

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށްޓަކައި ‘ވިޒިޓް މޯލްޑިވްސް ނައު’ގެ ނަމުގައި ޑެސްޓިނޭޝަން މާކެޓިންގް ކެމްޕޭނެއް ލޯންޗްކޮށްފި އެވެ.

އުރީދޫ އޮޕަރޭޓުކުރާ 10 ގައުމެއްގެ 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފެށި މި ކެމްޕޭނުގައި އުރީދޫ މޯލްޑިވްސްއާއެކު އެމްއެމްޕީއާރުސީ، ޓޫރިޒަމް މިނިސްޓްރީ އަދި އޯކާ މީޑިއާ ގްރޫޕުން ބައިވެރިވެ އެވެ.

“ވިޒިޓް މޯލްޑިވްސް ނައު” ކެންޕެއިންގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ފަށައިގަނެ އަލުން އިއާދަކުރުމެވެ. މި ކެންޕެއިން ކުރިއަށްދާނީ ސެޕްޓެންބަރު 2020 އިން ފެށިގެން 2021 ގެ ކުރީކޮޅުގެ ނިޔަލަށެވެ.

މި ކެމްޕޭންގެ ދަށުން އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯކްގެ ކަސްޓަމަރުންނަށް، އުރީދޫއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫގެ މީޑިއާ ޕާޓްނަރުންގެ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރާނެ އެވެ.

މީސްމީޑިއާގައި ހިއްސާކުރެވޭ މި ޕޯސްޓްތަކަށް ކޮމެންޓްކޮށް ޝެއާކުރާ ފަތުރުވެރިންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގެ ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބި، ތަފާތު އެކި ހަދިޔާތައް ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ އެވެ.

މި ކެމްޕޭނާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، މި ކެމްޕޭންގެ ކާމިޔާބާއެކު ރާއްޖޭގެ ރީތިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަވާލެވިގެންދާނެ ކަމަށެވެ.

“އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ “ވިޒިޓް މޯލްޑިވްސް ނައު” ޑެސްޓިނޭޝަން ކެންޕެއިންގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކެންޕެއިންގެ ކާމިޔާބާއެކު ރާއްޖޭގެ ރީތިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަވާލެވިގެންދާނެ، އަދި މީގެ ސަބަބުން ގިނަ ޓުއަރިސްޓުންތަކެއް ރާއްޖެ އައުމަށް ހިތްޖެހިގެންދާނެ. ރާއްޖެއަކީ ދުނިޔެ މި އޮތް ހާލަތުގައި ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މާހައުލެއް، ފަތުރުވެރިންގެ ރައްކާތެރިކަން ގާއިމް ކުރުމަށް އަޅުގަނޑުމެން ވަނީ އެތަކެއް ފިޔަވަޅުތަކެއް އަޅާފަ.” ތޮއްޔިބް ވިދާޅުވި އެވެ.

އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ނަޖީބު ހާން ވިދާޅުވީ، ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން އައިސް، ގިނަ އާއިލާތަކަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި މި ކެންޕެއިންގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“މި ދަތިތަކުން އަރައިގަތުމަށް ގައުމީ އެއްބާރުލުމަކާއެކު އަޅުގަނޑުމެން “ވިޒިޓް މޯލްޑިވްސް ނައު” ޑެސްޓިނޭޝަން ކެންޕެއިން މި ފަށައިގަންނަނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެތަކެއް އާއިލާއަކަށް ފާގަތިކަން ގެނުވައިދިނުމުގެ އުއްމީދުގަ” ނަޖީބް ހާން ވިދާޅުވި އެވެ.

ކޯވިޑް19 ޕެންޑެމިކްގެ ސަބަބުން ދިމާވެފައިވާ މި ހާލަތާއި ގުޅިގެން އެމްއެމްޕީއާރުސީން ވަނީ ހުރިހާ މާކެޓިން ހަރަކާތްތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުކޮށް، ޑެސްޓިނޭޝަން މާރކެޓިން ހަރަކާތްތައް ފުޅާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.