ފެރީ ޓާމިނަލް އިމާރާތްކުރުމަށް، އެ ސަރަހައްދު ހުސްކުރަން އަންގައިފި

ބ. އޭދަފުށި ބަނދަރު ސަރަހައްދު، ފެރީ ތާމިނަލުގެ މަސައްކަތް އީދު ބަންދަށްފަހު ފަށަން ދަނީ ތައްޔާރުވަމުން– އީޓީ ފޮޓޯ/ޔާނިއު

އޭދަފުށީގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފެރީ ޓާމިނަލްގެ އެޅުމަށް އެ ސަރަހައްދުގައި ހުރި ތަކެތި ނަގަން ކައުންސިލުން އަންގައިފި އެވެ.

އޭދަފުށީ ފެރީ ޓާމިނަލް އަޅަން ހަމަޖައްސާފައި ވަނީ ބަނދަރުގެ ހުޅަނގު ޖެޓީ ސަރަހައްދުގަ އެވެ.

އޭދަފުށީގައި ފެރީ ޓާމިނަލެއް އިމާރާތްކުރަން ނިންމިއިރު 2015 އަހަރު ވެސް ވަނީ ފެރީ ޓާމިނަލެއް އެޅުމުގެ މަސައްކަތް ކޮށްފައެވެ. އޭރު ފެރީ ޓާމިނަލްގެ ކޮންކްރީޓް މަސައްކަތް ނިމުނުގޮތަށް އިތުރު އެއްވެސް ކަމެއް ނުކޮށް ހުރުމުގެ ސަބަބުން އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ކައުންސިލު ކުރިން ނިންމާފައިވަނީ އެތަނުގެ ބަދަލުގައި އެ ސަރަހައްދުގައި އެއަށްވުރެ ފުރިހަމަ އަދި ތަނަވަސް ފެރީޓާމިނަލެއް އެޅުމަށެވެ.

ފެރީ ޓާމިނަލް އަޅަން ނިންމާފައިވާ ބިން މިހާރު ބޭނުންކުރަނީ މުދާ އަރުވާ ބޭލުމުގެ އިތުރުން ތަކެތި ޖަމާކުރާ ސަރަހައްދެއްގެ ގޮތުގަ އެވެ. އެ ސަރަހައްދުގައި ހުރި މުދަލާއި އެހެނިހެން ތަކެތި މި މަހުގެ 24 ވަނަ ދުވަހުގެ ގެ ކުރިން ނެގުމަށް ރަށު ކައުންސިލުން ވަނީ އާއްމުކޮށް އިއުލާންކޮށްފަ އެވެ.

އޭދަފުށީގައި އަލުން ހަދަން ނިންމާފައިވާ ފެރީ ޓާމިނަލުގެ ކުރެހުމެއް

އޭދަފުށީ ކައުންސިލުން ބުނީ އޭގެ ފަހުން އެތަނުގައި ހުރި ތަކެތި ނަގައި ކައުންސިލުގެ ބެލުމުގެދަށަށް ގެންދެވޭނެ ކަމަށެވެ. އަދި ތަކެތި ނަގާއިރު ލިބިދާނެ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް އެ އެންގުމުގައި ވެއެވެ.

އޭދަފުށީ ފެރީ ޓާމިނަލް ތަރައްގީކުރަން ނިންމާފައި ވަނީ 2 ބުރީގެ އިމާރާތަކާ އެކުގަ އެވެ. އެތަނުގެ ތިރީބައި ޚާއްސަ ކޮށްފައިވަނީ މީހުން މަޑުކޮށްލައިގެން ތިބުމަށާއި ފިހާރަ ހިންގަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެންނެވެ. އަދި ޓާމިނަލުގެ މަތި ޚާއްސަ ކޮށްފައިވަނީ ވިޔަފާރި އުސޫލުން ކެފޭ ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ކުއްޔަށް ދިނުމަށެވެ.

އޭދަފުށީ ކައުންސިލުން ކުރިން ބުނި ގޮތުގައި ދެ ފިޔަވައްސަކަށް ބަހާލައިގެން ސީދާ ކައުންސިލުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ބޮޑު އީދު ބަންދަށްފަހު ފެށޭވަރުވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.