ފާސިރުގެ ހެޓްރިކާ އެކު ކިހާދޫ ބަލިކޮށް އޭދަފުށި ފައިނަލަށް

މުހައްމަދު ފާސިރު (ފާއްޓެ) ޖެހި ހަތަރު ގޯލާއެކު 5-1 އިން ކިހާދޫ ބަލިކޮށް ބ. ފުޓްބޯލް ޗެލެންޖުގެ ފައިނަލަށް ކްލަބް އޭދަފުށި ދަތުރުކޮށްފި އެވެ.

ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓުން ސްޕޮންސާ ކޮށްގެން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާއިން އިންތިޒާމުކުރާ މުބާރާތުގެ ފައިނަލުގައި އޭދަފުށި ކުޅޭނީ މާދަމާ ހަވީރު ގޮއިދޫ އާއި ކެންދޫ ވާދަކުރާ ދެ ވަނަ ސެމީ ފައިނަލުން ކުރި ހޯދާ ޓީމަކާ އެވެ.


މިއަދުގެ މެޗުގައި އޭދަފުށީ ޓީމުގެ ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ ފާއްޓޭ އެވެ. ފުރަތަމަ ހާފުގައި ފާއްޓޭ ވަނީ ހެޓްރިކް ހަދައިފަ އެވެ. ފުރަތަމަ ގޯލު ކޯނަރަކުން ލިބުނު ބޯޅައެއް ފާއްޓޭ ގޯލުގެ ތެރެއަށް ވައްދާލީ ފަސޭހަކަމާއެކު އެވެ. މެޗުގެ ދެ ވަނަ ގޯލު ފާއްޓޭ ޖެހީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. ކައިރީގައި ހުރި ކިހާދޫގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު ފާއްޓޭ ފޮނުވާލި ބާރު ބޯޅަ ހުއްޓުވަން ކިހާދޫގެ ގޯލްކީޕަރަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. މެޗުގައި ފާއްޓޭ ހެޓްރިކް ފުރިހަމަ ކުރީ ކިހާދޫގެ ކީޕަރު ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ފާއްޓޭ އަށް ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މި ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހު މިނެޓުގަ އެވެ.


ދެ ވަނަ ހާފުގައި ފާއްޓޭ މެޗުގެ ހަތަރު ވަނަ ގޯލު ޖެހީ 56 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ހަތަރު ގޯލުގެ ލީޑެއް ލިބުމުން އޭދަފުށީ ޓީމުން ވަނީ ފާއްޓޭގެ ބަދަލުގައި އަހުމަދު އަޝްރަފް (ސޮބީ) ކުޅެން އަރުވައިފަ އެވެ. މެޗުގައި އޭދަފުށީގެ ފަސް ވަނަ ގޯލު ކާމިޔާބުކޮދިނީ ސޮބީ އެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ސޮބީ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ކިހާދޫގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މައުރޫފް އާދަމް އެވެ. މައުރޫފް އަށް ހުސްކޮށް ލިބުނު ބޯޅަ ހަމަޖެހިލާފައި ވަނީ ގޯލުގެ ދުރު ކަނަށް ވައްދާލައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަތަރު ގޯލު ޖެހި ފާއްޓޭ އެވެ.


މިއަދުގެ މެޗުގެ އިތުރު ވަގުތުގައި ހަމަނުޖެހުން ހިނގައި ކިހާދޫގެ ތިން ކުޅުންތެރިއަކަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ކިހާދޫ ޓީމުން ފުރަތަމަ ރަތް ކާޑު ދެއްކީ އަލީ ޖިނާހު އަށެވެ. މިއީ އޭދަފުށީ ކުޅުންތެރިއެއްގެ ގައިގައި ޖިނާހު ގަސްދުގައި ޖެހިކަމަށް ބަލައި ރެފްރީ ދެއްކި ކާޑެކެވެ. ޖިނާހު އަށް ސީދާ ރަތް ކާޑެއް ދެއްކުމުން ކިހާދޫ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސައިފަ އެވެ. ކިހާދޫގެ ގިނަ ކުޅުންތެރިންތަކެއް ރެފްރީ ވަށާލައިގެން ތިބެ ހަމަނުޖެހުން ހިންގި ވަގުތު އެޓީމުގެ އިތުރު ދެ ކުޅުންތެރިއަކަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެޓީމުގެ ދެ ވަނަ ރަތް ކާޑު ހަސަން ޝަފީއު އަށް ދެއްކި އިރު ދެން ރަތް ކާޑު ދެއްކީ ކެޕްޓަން ހުސައިން އީމާން އަށެވެ. އިތުރު ވަގުތުގައި ހިނގި ހަމަނުޖެހުމުގައި ދެޓީމުގެ ކުޅުންތެރިންގެ މެދުގައި މަސްލަހަތު ގޯސްވެފައެއްނުވެ އެވެ. ކިހާދޫ ތިން ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމަށް ފަހު މެޗު އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ރެފްރީ ވަނީ މެޗު ނިންމާލާފަ އެވެ.


މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. މާދަމާ ގޮއިދޫ އާއި ކެންދޫ ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ ހަވީރު 3:45 ގައެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

 1. Avatar
  Kuni baipen

  Refree ganegen noony nukulhevey sodu Kuni baipenthah……thivaru aathun football kulhen thi ulheny….e oh kuda kihaadhoo athunves melhidhaanethee biruganey e oh bodu eydhafushi……mi comment ves jahaakah nukereyne

  ރައްދު
 2. Avatar
  މާއްޑޫ ޅަސޮރު

  ކިހާދޫ މީސްކޮޅު މަދުވެފައި ނިކަމެތިވީމާ، ރެފްރީ ބޭނުންގޮތަކަށް ކަންތައްކޮށްލި ދުވަހެއް. އިރާދަކުރެއްވިއްޔާ މުބާރާތް ނިމިގެން ދާނީ ހިތްދަތި ބައްޔަކުން އޭދަފުށި ބަލިވެ، ތަށި ނުލިބި.

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.