އީދު ފެސްޓިވަލް ފެށުމުގެ ގޮތުން ހަވާ އަރުވާނެ

އޭދަފުށި ޓައިމްސްޚަބަރު
ފުލުހުންގެ އަހަރީދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަވާއެރުވަނީ. މިއަހަރު ބޮޑު އީދު ފެސްޓިވަލް ފެށުމުގެ ގޮތުން ހަވާ އަރުވާނެ-- ހަވީރު ފައިލް ފޮޓޯ
ފުލުހުންގެ އަހަރީދުވަސް ފާހަގަ ކުރުމަށް ހަވާއަރުވަނީ. މިއަހަރު ބޮޑު އީދު ފެސްޓިވަލް ފެށުމުގެ ގޮތުން އޭދަފުށީގައި ހަވާ އަރުވާނެކަމަށް އީދު ފެސްޓިވަލް ކޮމެޓީން ބުނޭ– ހަވީރު ފައިލް ފޮޓޯ

 

މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ބާއްވާ “އީދު ފެސްޓިވަލް” ހުޅުވާނީ ހަވާ އެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ކަމަށް އީދު ކުޅިވަރު ކޮމެޓީން ބުނެފި އެވެ.

އީދު ކުޅިވަރު ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ނިމާލު މިއަދު ވިދާޅުވީ އީދު ފެސްޓިވަލް ފެށިގެންދާނީ އީދު ދުވަހުގެރޭ ބާއްވާ ހަވާ އެރުވުމުގެ ހަރަކާތްތަކާއެކު ކަމަށާއި އެ ހަރަކާތުގައި ހަވާ އެރުވުމާއެކު ސިފައިންގެ ބަޑިބޭހުގެ ކުޅިވަރުތައްވެސް ކުރިއަށްދާނެ ކަމަށެވެ.

އޭދަފުށީގައި ބާއްވާ އީދު ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމުގެ ކަންތައްތައް ކުރިޔަށް ގެންދަނީ ސިފައިންނެވެ. ހާވާ އެރުވުމަށް ހަމަޖައްސާފައި ވަނީ އީދު ކުޅިވަރު ބާއްވާ ސަރައްދުން ބޭރު ކަނޑުގައި ކަމަށް އީދު ކުޅިވަރު ކޮމެޓީ އިން ބުންޏެވެ.

ނިމާލު ވިދާޅުވި ގޮތުގައި އީދު ފެސްޓިވަލް ބޭއްވުމަށް ހަމަޖައްސާފައިވަނީ އޭދަފުށީ ދެނުކު ފަރާތު ހުސްބިމުގަ އެވެ. އެ ސަރަހައްދުގައި އީދު ފެސްޓިވަލު ބޭއްވުމަށް ނިންމީ އީދު ކުޅިވަރުތައް އެއް ސަރަހައްދަކުން ފެސްޓިވަލެއް ގޮތަށް ދެއްކުމުގެ ގޮތުން ކަމަށްވެސް ނިމާލު ވިދާޅުވި އެވެ. އެގޮތުން މި ކުޅިވަރުތައް ބޭއްވުމަށް ދެކުނު ފަރާތު ހިއްކި ބިމުގައި ބޮޑު މައިދާނެއް ތައްޔާރުކުރުމުގެ މަސައްކަތް ރަށު ކައުންސިލާއި ގުޅިގެން ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށް ނިމާލު ވިދާޅުވި އެވެ.

މި ފެސްޓިވަލު ކުލަގަދަ ކުރުމުގެ ގޮތުން ވަރަށް އާދަޔާ ހިލާފު ކަންކަން ފެނިގެންދާނެ ކަމަށް އީދު ކުޅިވަރު ކޮމެޓީން ބުންޏެވެ.

“މިސާލަކަށް އީދު ފެން ޖެހުންވެސް އޮންނާނީ މުޅިން އާ ގޮތަކަށް. ދެން ދެލިމާލި ކަހަލަ ކުޅިވަރުތައްވެސް ވަރަށް ތަފާތުވާނެ މިފަހަރު، އަނެއްކޮޅުން މުބާރާތްތައް އޮންނާނީ ހުރިހާ އުމުރުފުރާތަކަށްވެސް ބައިވެރިވެވޭގޮތަށް. މި ހުރިހާ ކަމެއްވެސް ހިނގާނީ އެއް މައިދާނެއްގައި. އެތަނުގައި ހުންނާނެ ސައި ކޮފީ ލިބޭ ކެންޓީންތައްވެސް. މޫސުން ތަންދޭނަމަ އީދުގެ ކޮންމެ ރެއަކުވެސް ސްޓޭޖް ޝޯ ކުރިއަށްދާނެ. އަދި ކޮންމެ ދުވަހެއްގެ ހަވީރު އެ ސަރަހައްދުގައި އާއިލީ ހަވީރެއްވެސް ކުރިއަށްދާނެ،” ނިމާލު ވިދާޅުވި އެވެ.

“ހަގީގަތުގައި އޭދަފުށީގައި ކުރިން އީދު ފާހަގަކުރިއިރު އޮންނަ ފޯރި މިއަހަރު ފެންނާނެ،”

އީދު ފެސްޓިވަލުގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިހާރުވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ބާއްވާ މުބާރާތް ތަކުގެ ތެރޭގައި ވާދެމުން، ތިންމު ގޯލި، ބަށި މުބާރާތް، ބައިބަލާގެ އިތުރުން ބޯކިބާ އެޅުމުގެ މުބާރާތަކާއި ވަގުތުން ބޮނޑިބަތް ކެއްކުން ފަދަ މުބާރާތްތައް ހިމެނެ އެވެ. މި މުބާރާތްތަކުން ވަނަ ވަނައަށްދާ ފަރާތްތަކަށް އަގުބޮޑު އިނާމުތައްވެސް ވަނީ ހުށަހަޅާފަ އެވެ.

އީދު ފެސްޓިވަލް އިންތިޒާމު ކޮމެޓީން ބުނީ، ކުޅިވަރުތައް އިންތިޒާމު ކުރުމުގައި ރަށުގެ ކްލަބް ޖަމިއްޔާ އަދި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...