ސެންޓޭ އަށް ޕޮމިސް ކަޕުގައި ނުކުޅެވޭނެ

އޭދަފުށި ޓައިމްސްކުޅިވަރު
ސެންޓޭ ގައުމީ ތައްޓާއެކު – ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ / ހުސައިން ސިނާން
ސެންޓޭ ގައުމީ ތައްޓާއެކު – ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ

 

ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ގެ ފަޔަށް ކުރިން ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް ލައްވާފައިވާ ޕްލޭޓްކޮޅެއް ނެގުމަށް އިއްޔެ ކުރި އޮޕަރޭޝަނާ ގުޅިގެން އޭނާ އަށް އަންނަ އަހަރުގެ ޕޮމިސް ކަޕުގައި ނުކުޅެވޭނެ ކަމަށް ނިއު އިން ބުނެފި އެވެ.

އަންގާރަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި މައިނާ ސާޖަރީއެއް ހެދުމަށް ފަހު ސެންޓޭގެ ފައިން ނެގީ 2012 ވަނަ އަހަރު ގައުމީ ޓީމާ އެކު ޕްރެކްޓިސް މެޗެއް ކުޅެނިކޮށް ފައިގެ ކަށިގަނޑެއް ބިންދައިގެން ދިއުމުން ފަރުވާ އަށް ލައްވާފައިވާ ޕްލޭޓްކޮޅެކެވެ.

ޑޮކްޓަރުންނާ ހަވާލާދީ ނިއުގެ ބޯޑް މެމްބަރު އަހުމަދު ޒަރީރު ވިދާޅުވީ ސެންޓޭ އަށް ޕްރެކްޓިހަށް ނުކުމެވޭނީ މަހެއްހާ ދުވަސް ފަހުން ކަމަށާއި އޭނާ އަށް ޕޮމިސް ކަޕުގައި ނުކުޅެވެނެ ކަމަށެވެ.

“ޕޮމިސް ކަޕް ސެންޓޭ އަށް ގެއްލޭނެ. އޭނާ ފިޓްވާނީ އޭއެފްސީ ކަޕަށް،” ޒަރީރު ވިދާޅުވި އެވެ.

ޕޮމިސް ކަޕް ފެށުމަށް ޝެޑިއުލްކޮށްފައިވަނީ ޖެނުއަރީ ފަހުކޮޅު ނުވަތަ ފެބްރުއަރީ ކުރީކޮޅެވެ.

މި ސީޒަނުގައި ނިއު އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ފޯވާޑަށް ދިރާގު ދިވެހި ލީގުގެ ފަހު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދިޔަ އެވެ. އެކަމަކު އަނިޔާއަށް ފަހު އެނބުރި އައިސް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި އީގަލްސް ކޮޅަށް ލަނޑު ޖަހައި ނިއު އެ މުބާރާތް މިލްކުކޮށްދިނެވެ.

ސެންޓޭ އަށް ޕޮމިސް ކަޕުގައި ނުކުޅެވޭ ގޮތްވިއިރު ނިއު އިން ވަނީ ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރެއް ކަމަށްވާ އެވަޓަން ސަންތޯސް ސޫޒާ އާއި އެ ގައުމުގެ ފޯވާޑެއް ކަމަށްވާ ރަފީނިއާ ގެނެސްފަ އެވެ. އެ ދެ ކުޅުންތެރިން ވެސް އަންނަ މަހުގެ 10 ވަނަ ދުވަހު ނިއުގެ ޕްރެކްޓިސް ފެށުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށް ކްލަބުން ބުނެ އެވެ. / ހަވީރު އޮންލައިން

ކޮމެންޓްސް (0)

ލޯޑް ކުރަނީ...