ދޮންފަނާ އެކު ކުޅުނު ފުޓުބޯޅަ މެޗުން ކިހާދޫ މޮޅުވެއްޖެ

ކުޅިވަރު
ކިހާދޫ ޓީމާއި ދޮންފަނު ޓީމް ފޮޓޯ- ކިހާދޫ ލައިވް
ކިހާދޫ ޓީމާއި ދޮންފަނު ޓީމް ފޮޓޯ- ކިހާދޫ ލައިވް

 

ބ. ކިހާދޫގެ ފުޓުބޯޅަ ޓީމާޢި ދޮންފަނު ފުޓުބޯޅަ ޓީމާއި އެކު ކުޅުނު މެޗު 3-1 ލަނޑުން ކިހާދޫ ޓީމު ކާމިޔާބު ކޮށްފި އެވެ.

21 އަހަރުން ދަށުގެ ދެ ޓީމު އިއްޔެ ހަވީރު ކިހާދޫ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގައި ކިހާދޫ ޓީމުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސަމްޢާން ޙަލީމެވެ.

އެކުވެރި ކަަމުގެ މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅުކުޅުމެއް ދެއްކި ދޮންފަނު ޓީމުން ވަނީ މެޗުގެ 30 ވަނަ މިނެޓުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ކިހާދޫ ޓީމުން ދެވަނަ ފަހަރަށް ލީޑްނެގީ ދެވަނަ ހާފުގެ 10 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީވެސް ކާމިޔާބުކޮށްދިނީ ސަމްއާނެވެ. އަދި އޭގެ އިރުކޮޅެއްފަހުން ސަމްއާނަށް ކުރި ފައުލަކާއި ގުޅިގެން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއްވެސް ހިނގި އެވެ.

ކިހާދޫ ޓީމުގެ ފަހުު ގޯލްޖެހީ މެޗުނިމެން 15 މިނެޓަށް ވެފައި ވަނިކޮށް ފޯވާޑް ސާމިރު އެވެ

މިދިޔަ މަހު ކިހާދޫ އަންހެން ފުޓްބޯޅަ ޓީމަކާއި ދޮންފަނު އަންހެން ފުޓުބޯޅަ ޓީމެއް ވަނީ ކިހާދޫގައި އެކުވެރި ކަމުގެ މެޗެއް ކުޅެފަ އެވެ. މި މެޗުން 5-0 ލަނޑުން ދޮންފަނު ވަނީ މޮޅުވެފަ އެވެ. 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...