ފުޅަދޫ ކައުންސިލްގެ މަސައްކަތްތައް ހުއްޓިފައި!

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. ފުޅަދޫ ކައުންސިލް އިދާރާއަށް 2012 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ފަހު ފަސްމަސް ދުވަހަށްވާ ފައިސާ ނުލިބިގެން އެ ކައުންސިލް އިދާރާގެ މަސައްކަތްތައް ހުއްޓުމަށް އައިސްފައިވާ ކަމަށް ފުޅަދޫ ކައުންސިލުން ބުނެފި އެވެ.

ފުޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޔާޒު ވިދާޅުވީ މިދިޔަ އަހަރުގެ ފަހު ފަސްމަސް ދުވަހުގެ ފައިސާ ނުލިބިގެން ކައުންސިލު އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންނަށް ކުރަންޖޭ ޚަރަދު ތައް ނުކުރެވި ވާ ކަމަށާއި އަދި ފިހާރަތަކަށާއި ކައުންސިލުން ކޮށްފައިވާ ދަތުރުތަކަށްވެސް ފައިސާ ދެވިފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން ފިހާރަތަކުން މިހާރުވަނީ ކައުންސިލް އިދާރާއަށް ކްރެޑިޓަށް މުދާ ދިނުންވެސް ހުއްޓާލާފަ އެވެ. އަދި އެ އިދާރާގެ އިންޓަނެޓް ލައިނާއި ފޯންލައިންވެސް ވަނީ ކަނޑާލާފަ އެވެ.

“ފޯނާއި ފެކްސް އަދި އިންޓަނެޓް ލައިން ކަނޑާލުމުގެ ސަބަބުން ލާމަރުކަޒީ ޤާނޫނުން ކައުންސިލަށް ލާޒިމް ކުރާ ކަންތައް މިވަނީ ނުކުރެވި އަދި ރައްޔިތުންނަށް ދޭންޖެހޭ އެތައް ޚިދުމަތެއް މިވަނީ ނުދެވި،” މުޙައްމަދު ނިޔާޒު ވިދާޅުވި އެވެ.

ތިންސަތޭކަ ސާޅީސް މީހުން ދިރިއުޅޭ ބ. ފުޅަދޫއަކީ އަތޮޅުގެ އެންމެ ކުޑަ އާބަދީއެއް އޮންނަ ދެރަށުން ކުރެ އެއްރަށެވެ. ފުޅަދޫގެ ރައްޔިތުންގެ ގިނަބައަކު ބުނަމުންދަނީ ފުޅަދޫ އަކީ އަބަދުވެސް ސަރުކާރުތަކުން އަޅާލުން ކުޑަ ރަށެއް ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...