ބައްސާމުގެ ހެޓްރިކާއެކު އޭދަފުށި މޮޅުވެއްޖެ

ކުޅިވަރު
އޭދަފުށީ ޓީމުގެ ބައްސާމު (ކ) ބޯޅަ ހޯދުމަށް މަސައްކަތްކުރަނީ: މި މެޗުން އޭދަފުށީ މޮޅުވީ ބައްސާމުގެ ހެޓްރިކާއެކު 1-3 އިން. — ފޮޓޯ / އެފްއޭއެމް

 

ދިހަ މީހުންނާ އެކު ކުޅެ، މުހައްމަދު ބައްސާމުގެ ހެޓްރިކާއެކު، ޔޫތު ޗެމްޕިއަންޝިޕްގެ ގުރޫޕް އެކެއްގައި އޭވައިއެލްގެ މައްޗަށް 1-3 އިން އޭދަފުށި މޮޅުވެއްޖެ އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި އޭދަފުށީ ޓީމުން މެޗުގެ ފުރަތަމަ ލީޑުނެގީ މެޗުގެ ފަސްވަނަ މިނިޓްގައި ބައްސާމު ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފުރަތަމަ ހާފުގެ ނަތީޖާގައި އޮވެ ނިމުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު އޭވައިއެލްގެ ކުޅުންތެރިއަކަށް މުޅިން ހުސްކޮށްލިބުނު ބޯޅައެއްވެސް ގޯލަކަށް ބަދަލުކޮށްލެވިފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ހަމައަކަށް ނޭޅެނީސް އޭވައިއެލްގެ އަހުމަދު ހަލީމުވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. އޭގެ ދިހަ މިނިޓްފަހުން އޭދަފުށީގެ ގޯލަށް ވަންނަން ދިޔަ ބޯޅައެއް އަތުން ޖަހައި މަތަކުރުމުން އޭދަފުށީގެ ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އަޖުފާނަށް ވަނީ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. ނަމަވެސް އެއާއެކު ލިބުނު ޕެނަލްޓީ އޭވައިއެލްގެ އަބޫބަކުރު އިބްރާހިމް ފޮނުވާލީ ގޯލުގެ މަތިން ބޭރަށެވެ.

ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އޭދަފުށީ ޓީމަށް ދެވަނަ ފަހަރަށް ބައްސާމު ލީޑު ނަގައިދިނީ 90 ވަނަ މިނިޓްގައި އޭވައިއެލްގެ ހާފުގެ މެދަކާ ހިސާބުން އޭނާ ކާމިޔާބުކުރި ލަނޑަކުންނެވެ.

އިތުރުވަގުތުގައި އޭދަފުށީގެ ތިންވަނަ ގޯލް ބައްސާމު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.

މިއަދުގެ މެޗުން އޭދަފުށި މޮޅުވުން، ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތް ވީބީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ވިއިރު، ދެ ޓީމަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

އަންނަ ހުކުރުދުވަހުކުޅޭ މެޗުގައި އޭދަފުށީ ނުކުންނާނީ ގްރޫޕްގެ އެއް ވަނަ މަގާމްގައި އޮތީ ހަތަރު ޕޮއިންޓާއެކު އޮތް މާޒިޔާ ދެކޮޅަށެވެ.

 ޖުމުލަ 12 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭ އިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިން ވަނަ އަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމްލަ އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...