ގޮއިދޫ ސްކޭޓް ޕާކު ނިމުމަކާ ގާތަށް!

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ގޮއިދޫގައި ތަރައްގީކުރާ ސްކޭޓް ޕާކު — ފޮޓޯ / ދި އަންސީން ވޯލްޑް

ބ. ގޮއިދޫގައި ތަރައްގީކުރާ ސްކޭޓް ޕާކުގެ މަސައްކަތް ނިމުމާ ގާތްވެފައިވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޮއިދޫގައި ތަރައްގީކުރާ ސްކޭޓް ޕާކު ނިމެންގާތްވެފައިވާތަން ފެނުމަކީ އުފާވެރި މަންޒަރެއްކަމަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ފަރާތުން ގޮއިދޫގައި 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ގޮއިދޫގެ ރައްޔިތުންނަށް ސްކޭޓް ޕާކެއް ހަދިޔާކުރާނެކަން އިއުލާންކޮށް، އެ ރަށުގެ ބަނދަރުމަތީގައި ޕާކް އެޅުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައި ޕާކުގެ ބިންގާ ވެސް އަޅާފައެވެ.

ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ފަރާތުން އެ ރަށުގައި ސްކޭޓު ޕާކެއް އުޅުމަށް ނިންމައި، އެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރަދާސް މޯލްޑްވިސްއާ ހަވާލުކޮށްފައެވެ.

75 ދުވަހުގެ ތެރޭގައި ސްކޭޓް ޕާކު ތަރައްގީކުރޮށް ނިންމާގޮތަށް އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 1.4 މިލިއަން ރުފިޔާ އަށެވެ.

ސްކޭޓް ކުރުމަކީ ގޮއިދޫ ކުދިންގެ ތަފާތު ހުނަރެކެވެ. ގޮއިދޫ ކުޑަކުދިންގެ ސްކޭޓްކުރުމުގެ ޝައުގުވެރިކަން ފާޅުވާން ފެށީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. ކުދިންތަކެއް ހަވީރު ވަގުތު ބޯޑުތަކެއް ހިފައިގެން ނުކުމެ ސްކޭޓްކުރެވޭތޯ އުޅޭ ތަން ފެނުމުން ރަށު މީހުންނާއި ސްކޫލުން އެކަން ނެގީ ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ. ސްކޭޓް ކުރާ ހިތްވާ ހުރިހާ ކުދިންނަށް އެ މަގު ފަހިކޮށްދީ ތަމްރީން ދިނެވެ. އަދި ސްކޭޓްކުރުމަކީ ކިޔަވައިދިނުމުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...