އަންނައަހަރު އެންމެ އިސްކަމެއްދޭނީ ނަމާދަށް ލޯބިޖެއްސުންމަށް: ޝަހީމް

ޚަބަރު

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން 2025 ވަނަ އަހަރު އެންމެ އިސްކަމެއް ދެއްވާނީ ނަމާދުކުރުމަށް އަހުލުވެރިކުރުވުމަށްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

މިނިސްޓަރު ޝަހީމް މީޑިއާއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އެކި އުމުރުފުރައިގެ މީހުންނަށް އަމާޒުކޮށްގެން ނަމާދުކުރުމަށް އަހުލުވެރިކުރުވުމާއި، ނަމާދަށް ލޯބި ޖެއްސުމުގެ ޕްރޮގްރާމްތައް ހިންގަވާނެ ކަމުގައެވެ.

ކުޑަކުދިންނާއި ޒުވާނުންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން ފަތިސް ނަމާދަށް ހޭލާ ރާއްޖެއެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި، ނަމާދުގެ ޖަމާޢަތްތައް ގިނަކުރުމަށް އެދިވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން މިހާތަނަށް ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، މިސްކިތްތަކުގެ އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހިންގެވުން ހިމެނެއެވެ. އަދި ގްރޭޑް 10 އާއި 12 ނިންމާ ދަރިވަރުންގެ ތެރެއިން ޚަތީބުކަމަށް ޝައުޤުވެރިވާ ދަރިވަރުންނަށް އެ ފުރުޞަތު ހޯދައިދިނުމުގެ ޕްރޮގްރާމްވެސް މިނިސްޓްރީން ދަނީ ކުރިއަށް ގެންދަވަމުންނެވެ.

މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ މެދުގައި ކީރިތި ޤުރުއާނަށާއި އިސްލާމްދީނުގެ އެހެނިހެން ރުކުންތަކަށް އޮންނަ ލޯބި އިތުރުކޮށް، އެކަންކަމަށް އަހުލުވެރިކުރުވުން ކަމުގައި ސަރުކާރުން ވިދާޅުވެފައިވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...