ބ. އަތޮޅުގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ޚަބަރު
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް: — ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ބ. އަތޮޅުގައި ފަށައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، (ޑީއެންއާރު) އިން ބުނީ މި ސިޔާސަތުގެ ދަށުން، މިހާރު ދަރަވަންދޫ އާއި ބ. އަތޮޅު ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

ޑީއެންއާރުން ބުނިގޮތުގައި، އައިޑީ ކާޑުގެ ޚިދުމަތް ބ. އަތޮޅުގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ އެވެ. ހަމައެއާއެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ބުންޏެވެ.

ދަރަވަންދޫގައި އައިޑިކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގަިއ ސޮއިކުރަނީ

އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...