އަތޮޅު ހޮސްޕިޓަލަށް ޑެންޓަލް ޗެއަރ ސަޕްލައިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

ބ. އަތޮޅު ހޮސްޕިޓަލަށް، އަތޮޅު ކައުންސިލުން ހަދިޔާކުރާ ޑެންޓަލް ޗެއަރ ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުމަށް، ހޮސްޕިޓަލާއި މެޑިސީނާ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އަތޮޅު ކައުންސިލުން ހަދިޔާކުރާ މި ޑެންޓަލް ޗެއަރަކީ މިއަހަރުގެ މާލީ އެހީގެ ތެރެއިން އަތޮޅުގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ދެވޭ 680،000 ރުފިޔާގެ އެހީއެކެވެ. މި އާ ޑެންޓަލް ޗެއަރ ބެހެއްޓުމުން ދަތުގެ ފަރުވާ ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ފެންވަރު ރަނގަޅު، ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ދެމުން އައި ނަމަވެސް، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ދަތުގެ ފަރުވާއަށް ކުޑަ ކަމެއް ދިމާވިޔަސް އަދިވެސް މާލެ ދާންޖެހޭ ކަމުގެ ޝަކުވާތައް ރައްޔިތުން އަންނަނީ ކުރަމުންނެވެ.

ނަމަވެސް މި އާ ޑެންޓަލް ޗެއަރ އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމުން، މާލެ ދާންޖެހޭ މިންވަރު މަދުވެ، ރަށުން ލިބޭ ޚިދުމަތްތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

އަތޮޅު ކައުންސިލުން ބ. އަތޮޅު ހޮސްޕިޓަލަށް ޑެންޓަލް ޗެއާއެއް ހަދިޔާކުރަން ނިންމާފައިވާއިރު، ދާދިފަހުން ވަނީ އެ ހޮސްޕިޓަލުގައި ފިޒިއޯތެރެޕީ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީޒް އާއި އެހެނިހެން އިކުއިޕްމަންޓަސް އަމިއްލަ ފަރާތަކުން ހަދިޔާކޮށްދެއްވާފަ އެވެ. މިތަކެތި ހަދިޔާކޮށްދެއްވީ އޭދަފުށީ ޗާންދަނީގެ އަޙްމަދު ނަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ސަލީމުއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...