ގާފަރު ބަލިކޮށް އޭދަފުށިން އަނެއްކާވެސް ޒޯން ޗެމްޕިއަންކަން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު ގާފަރު ބަލިކޮށް، ބ. އޭދަފުށިން އަނެއްކާވެސް ޒޯން ޗެމްޕިއަންކަން ކާމިޔާބުކޮށްފިއެވެ. މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އޭދަފުށިން ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގައި އޭދަފުށިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އޭދަފުއްޓަށް މި ލަނޑުތައް ކާމިޔާބުކޮށްދިނީ ޢަބްދުﷲ މުޢާޒް އާއި އިމްތިސާލް ޢަބްދުއްރަޙީމް އެވެ. މި ކާމިޔާބީއާއެކު އޭދަފުށިން ވަނީ މިދިޔަ އަހަރުވެސް ހޯދި ޒޯން ޗެމްޕިއަންކަން ދިފާޢުކޮށްފައެވެ. މިދިޔަ އަހަރު އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކާށިދޫ ބަލިކުރުމަށްފަހުއެވެ.
މިއީ މި އަހަރުގެ ތެރޭގައި އޭދަފުށިން ހޯދި ދެވަނަ ބޮޑު ކާމިޔާބީއެވެ. އެ ޓީމުން ވަނީ މީގެ ކުރިން ބ. އަތޮޅު ޗެމްޕިއަންކަންވެސް ހޯދާފައެވެ. އަތޮޅު ޗެމްޕިއަންކަން އޭދަފުށިން ކާމިޔާބުކުރީ ފައިނަލްގައި ދަރަވަންދޫ ބަލިކުރުމަށްފަހުއެވެ.
މިރޭގެ މެޗުން ބަލިވި ނަމަވެސް ގާފަރުން ވަނީ މުޅި މުބާރާތުގައިވެސް ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ނަމަވެސް ޕެނަލްޓީގައި އޭދަފުށީގެ ކުޅުންތެރިން ދެއްކި ހުށިޔާރުކަމާއެކު، ޒޯންގެ އެންމެ ވަރުގަދަ ޓީމުގެ ލަގަބު އޭދަފުށިން ވަނީ އަނެއްކާވެސް ކަށަވަރުކޮށްފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...