ގާސިމަށް އޭދަފުށިން ހޫނު މަރުހަބާއެއް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި އޭނާގެ ޓީމު މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގަތުމުން މިރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ގާސިމްގެ މި ދަތުރުފުޅަކީ އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އެކުލަވާލާ މެނިފެސްޓޯއަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖޭގެ އެކި އަތޮޅުތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ އެ ޕާޓީގެ ވަރަށް ޚާއްސަ ޖަލްސާއެއް މިރޭ 9:00 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނާނެކަމަށެވެ.
ގާސިމްގެ ޓީމު އޭދަފުއްޓަށް ވަޑައިގެންފައި މި ވަނީ ރޭ މިއަތޮޅު ކަމަދޫގައިވެސް ޖަލްސާއެއް ބޭއްވުމަށް ފަހު އެވެ. އަދި އެ ޓީމު މިއަދު ވަނީ މިއަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަށްކޮށް ރައްޔިތުންނާވެސް ބައްދަލުކޮށްފަ އެވެ.
ގާސިމްގެ ޓީމާއެކު މި ދަތުރުފުޅުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމް އާއި ރައްޔިތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމު އަހުމަދުގެ އިތުރުން އެ ޕާޓީގެ އިސްބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...