އެމްޑީޕީގެ ވެރިކަމެއްގައި ބ. އަތޮޅުގައި ޓާޝިއަރީ ހޮސްޕިޓަލެއް

އޭދަފުށި ޓައިމްސްޚަބަރު

thumb

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގެ ފުރަތަމަ 18 މަސްދުވަހުގެ ތެރޭގައި ބ. އަތޮޅާއި އައްޑު އަދި ހދ އަތޮޅުގައި ޓާޝިއަރީ ތިން ހޮސްޕިޓަލެއް އަޅަން ހަމަޖެހިފައިވާ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ސަރުކާރުގެ ސިއްހީ ސިޔާސަތު “ހިތްހަމަޖެހުން: ގަރުބަގަތީއްސުރެ، ނެތިއުމަށް ދާންދެން” މިދިޔަ ހަފްތާގައި އައްޑޫގައި އިފްތިތާހުކޮށްދެއްވަމުން ނަޝީދު ވިދާޅުވީ ޑޮކްޓަރުން ތަމްރީނު ކުރުމުގެ ސްކީމެއް ތައާރަފްކޮށް ފަސް އަހަރުގެ ތެރޭގައި 2،000 ޑޮޓަރުން ތަމްރީން ކުރާނެ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ދުޅަހެޔޮ ހާލެއްގައި ބޭތިއްބުމަށް ގަވައިދުން އެ މީހުންގެ ހާލު ބަލައި އެކަންކަން ރިޕޯޓް ކުރާނެ 250 ސިއްހީ ހަރާކާތްތެރިން ހުރިހާ ހިސާބެއްގައި ތައާރަފް ކުރެވޭނެ ކަމަށެވެ.

އެގޮތުން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި “ހުނަރު” ޕްރޮގްރާމްގެ ތެރެއިން ނަރުހުންގެ ގޮތުގައި 150 މީހުން، ނަރުހުންގެ އެހީތެރިންގެ ގޮތުގައި 120، ފާމަސީ އެސިސްޓެންޓުންގެ ގޮތުގައި 150 އަދި އެޓެންޑެންޓުންގެ ގޮތުގައި ވެސް 200 މީހުން ތަމްރީނުކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ސިއްހީ ސިޔާސަތުގައި، ހާއްސަ ހާލަތްތައް ކުރިމަތިވާ ބަލި މީހުންނަށް އިތުރު ލުއިތަކެއް ލިބޭ ގޮތަށް އާސަންދައިގެ ދަށުން ދެ ބައެއް ތައާރަފް ކުރެވިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ތެލެސީމީއާ، ކެންސަރު އަދި ޓީބީ ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށާއި އެކްސިޑެންޓް ފަދަ ކުއްލި ހާދިސާތައް ކުރިމަތިވާ ފަރާތްތައް ބޭރަށް ފޮނުވައިގެން ބޭސް ކުރެވޭނެ އިންތިޒާމްތަކެއް އާސަންދައިގެ ދަށުން ހަމަޖެހިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ

މީގެ އިތުރުން ދިވެހި ބޭސްވެރިކަން ކުރިއަރުވައި އެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ދިރުވާ އާލާކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިނު ކުރުމުގެ ގޮތުން އެމްޑީޕީން ދަނީ އެޕާޓީގެ ސިޔާސަތުތައް ހާމަކުރަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...