ވަފާ ޖަމިއްޔާގެ އީދު ކުޅިވަރުތައް މިއަހަރުވެސް އޮންނާނެ

އޭދަފުށި ޓައިމްސްޚަބަރު
ވަފާ ޖަމިއްޔާއިން މިދިޔަ ކުޑައީދު ބޭއްވި މާލި ހިންގާލުމެއްގެ ތެރެއިން. -- ފައިލް ފޮޓޯ
ފާ ޖަމިއްޔާއިން މިދިޔަ ކުޑައީދު ބޭއްވި މާލި ހިންގާލުމެއްގެ ތެރެއިން. — ފައިލް ފޮޓޯ

 

ކޮންމެ އަހަރެއްގެވެސް އަޟްހާ އީދު ބަންދުގައި އޭދަފުށީ ވަފާ ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ސަގާފީ އީދު ކުޅިވަރުތައް މި އީދުގައިވެސް އޮންނާނެކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ވަފާ ޖަމްއިއްޔާގެ ޕަބްލިކް ރިލޭޝަން އޮފިސަރ މުހައްމަދު ރިޒާ ބުނީ މިއަހަރުގެ އީދު ކުޅިވަރުތަކަށް މީގެ މަހެއްހާ ދުވަސްކުރިން އެ ޖަމްއިއްޔާއިން ތައްޔާރުވާން ފަށާފައިވާ ކަމަށާއި މިއަހަރުގެ ކުޅިވަރުތައް ކުރީ އަހަރަށްވުރެ ފޯރި ގަދަވާނެ ކަމަށެވެ.

އެގޮތުން އެންމެ ކުރިން ފެށިގެން އެ ޖަމްއިއްޔާއިން ކުޅެމުން އަންނަ ކޯޑި ކެނޑުމާއި، އަންހެން ކުދިންގެ ކުރުފަލި ޖެހުން އަދި މާލި ނެށުންތައް މިއަހަރު މުޅިރަށުގައި ބާއްވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

“އީދު ކުޅިވަރުތައް މިރޭ އިރުއޮއްސޭ ވަގުތު އީދު ބަޑި ރޯކުރުމާއެކު ފެށިގެންދާނެ. އަދި އީދު ދެވަނަ ދުވަހުގެ ހަވީރު ރަށް ވަށައިގެން އަދި ފަޅުތެރޭގައި އަންހެން ކުދިންގެ ކުރުފަލި ޖެހުން އޮންނާނެ. އެއަށް ފަހު ދަނޑިޖެހުމާއި މާލި ނެށުންތައް ރަށުތެރޭގައި ކުރިއަށްދާނެ” ރިޒާ ބުންޏެވެ.

ރިޒާ ބުނީ މިއަހަރު މި ކުޅިވަރުތައް މުޅިންވެސް ފެނިގެންދާނީ ޒުވާން އަންހެންކުދިންނާއި ފިރިހެންކުދިންކަމަށައި  މޫސުން ތަންދޭނަމަ އެ ޖަމިއްޔާގެ މިއުޒިކް ބޭންޑުގެ ހަރަކާތްތައްވެސް ކޮންމެ ރެއަކުވެސް ކުރިއަށްދޭނެ ކަމަށެވެ.

ވަފާ ޖަމްއިއްޔާއިން ކޮންމެ އަހަރަކު ކަހަލަގޮތަކަށް އީދުއީދާ ދިމާކޮށް ސަގާފީ ކުޅިވަރުތައްދަނީ ބާއްވަމުންނެވެ.

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...