ބޮޑު ތަފާތަކުން މޮޅުވެ އޭދަފުށި ތަށި އުފުލާލައިފި
ބާ އެޓޯލް ފުޓްބޯޅަ ޗެލެންޖުގެ ފައިނަލުގައި ކެންދޫ އަތުން 7-0 އިން މޮޅުވެ، އޭދަފުށި މުބާރާތް ކާމިޔާބުކޮށްފި އެވެ.
އޭދަފުށީ ފުޓްބޯޅަ ދަނޑުގައި، މިއަދު ހަވީރު ކުޅުނު ފައިނަލުގައި އިޝާން އިބްރާހިމް (ސައްޓު) ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއިރު ސެންޓޭ ދެ ލަނޑު އަދި ހަމްޒަތު އާއި ހަނީފު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ޖަހައިދީފަ އެވެ.
ވީޓީވީ އަދި ދި ޓިވީން ވަގުތުން ދެއްކި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމުގެ އިޝާން އިބްރާހިމް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ގޮއިދޫ ޓީމުގެ މުހައްމަދު އިމްރާން ހޮވުނުއިރު، އެކާވީސް އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އޭދަފުށީ ޓީމުގެ އަބްދުﷲ އަބޫބަކުރު އެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް އަލީ ފާސިރު (ސެންޓޭ) ހޮވުނުއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓިމުގެ ކެޕްޓަން އަބްދުލް މަޖީދު (މަޖިއްޓޭ) އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ކުޑަރިކިލެވެ.
މެޗަށް ފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަންޓީމަށް ޓްރޮފީ އަދި މެޑަލް ހަވާލުކޮށްދެއްވީ އޭދަފުށީ ދިރާގު އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަބްދުﷲ ޝަފީއު އެވެ.
މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން އޭދަފުށީ ބަލިކޮށް ހޯދީ ގޮއިދޫ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
