ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން އިކުއެޑޯ

އިކުއެޑޯ ޓީމް
އިކުއެޑޯ ޓީމް

 

މިހާތަނަށް ދެވޯލްޑްކަޕް ކުޅެފައިވާ އިކުއެޑޯ މިފަހަރުގެ މުބާރާތަށް ކޮލިފައިވީ ކޮލިފައިންގައި އެސަރަހައްދުން ހަތަރުވަނަ ހޯދައިގެންނެވެ. މީގެ ކުރިން 2002 އަދި 2006 ވަނަ އަހަރު ވޯލްޑްކަޕްކުޅެފައިވާ އިކުއެޑޯއަށް ވޯލްޑްކަޕްގައި އެންމެ ކުރިއަށް ދެވުނީ 2006 ވަނަ އަހަރު ގަދަ 16 އާއި ހަމައަށެވެ. އެފަހަރު މުބާރާތުން އެޓީމު ވަކިވާން ޖެހުނީ 1-0 ން އިންގްލެންޑް އަތުން ބަލިވެގެންނެވެ. 2002 ވަނަ ކޮރެއާ އަދި ޖަޕާނުގައި ބޭއްވި ވޯލްޑްކަޕުން އެޓީމު ކެޓީ ގްރޫޕް ޖީގެ އެންމެ ފުލަށް ގޮސްގެންނެވެ.

މިހާތަނަށް ބައިނަލްއަޤްވާމީ އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައިނުވާ އިކުއެޑޯވަނީ ސަރަހައްދީ މުބާރާތް “ކޮޕަރ އެމެރިކާ” ގެ ހަތަރުވަނަ މަޤާމް ދެފަހަރު ހޯދާފައެވެ. އެއީ 1959 އަދި 1993 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ދެމުބާރާތުގައެވެ. އެއީ އެޤައުމަށް މިހާތަނަށް އެންމެ ކުރިއަށް ދެވުނު ދެމުބާރާތެވެ.

ކޮލިފައިންގައި ކުޅުނު 16 މެޗުގެ ތެރެއިން އެޤައުމުވަނީ ހަތްމެޗް ކާމިޔާބުކޮށް ހަތަރު މެޗް އެއްވަރުކޮށްފައެވެ. އެޓީމު ބަލިވީ ޖުމްލަ ފަސްމެޗުންނެވެ. ކޮލިފައިންގައި އަމިއްލަ ޤައުމުގައި ކުޅުނު އެއްވެސް މެޗަކުން އެޓީމް ބަލިވެފައެއް ނުވެއެވެ. ގަދަފަދަ އާޖެންޓީނާވެސް އެޤައުމުން ވަނީ ކޮލިފައިންގައި ހުއްޓުވާފައެވެ.

ފުޓްބޯޅައިގައި އިކުއެޑޯގެ ތާރީހުގަވެސް ދިމާވި އެންމެ ހިތާމަވެރި ހާދިސާ ތަހައްމަލް ކުރަންޖެހުނީވެސް ވޯލްޑްކަޕްގެ ކޮލިފައިންގެ ތެރޭގައެވެ. އެޤައުމުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ކްރިސްޓިއަން ބެނިޓެޒް (ޗުޗޯ) ކުއްލިގޮތަކަށް ނިޔާވުން ވެގެންދިޔައީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ސިހުމަކަށެވެ. އިކުއެޑޯގެ ފޯވާޑް ލައިން ބަލަހައްޓަމުން ދިޔަ ޗުޗޯ ނިޔާވުމާއި ގުޅިގެން އެޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޭނާ ބޭނުންކުރި ނަންބަރ 11 ދެން ދުވަހަކުވެސް ބޭނުން ނުކުރާގޮތަށް ނިންމާފައެވެ.

އިކުއެޑޯގެ ކޯޗެއްގެ ގޮތުގައި މިފަހަރުގެ މުބާރާތުގައި ހުންނާނީ ކޮލަމްބިއާއަށް އުފަން އުމުރުން 57 އަހަރުގެ ރެއިނަލްޑޯ ރުއެޑާއެވެ. 2010 ވަނަ އަހަރުގެ ވޯލްޑްކަޕަށް ހޮންޑިއުރަސް ކޮލިފައި ކޮށްދިން ކޯޗު، ރެއިނަލްޑޯ  އިކުއެޑޯގެ ކޯޗުކަމާއި ހަވާލުވީ 2010 ވަނަ އަހަރުއެވެ. ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުންނާނީ އިންގްލެންޑްގެ މެންޗެސްޓަރ ޔުނިޓެޑަށް ކުޅޭ އެންޓޯނިއާ ވެލެންސިއާއެވެ. މީގެ އިތުރުން ފެލިޕެ ސައިސީޑޯ އާއި އެޑިންސަން މެންޑެޒް އަކީވެސް ކޯޗުގެ ރޭވުންތަކުގައި މުހިއްމު ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.