ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ސްވިޒަލޭންޑް

ސްވިޒަލޭންޑް ޓީމް
ސްވިޒަލޭންޑް ޓީމް

 

ވޯލްޑްކަޕްގައި މިހާތަނަށް 9 ފަހަރު ވާދަކޮށްފައިވާ، ސްވިޒަލޭންޑަށް މުބާރާތުގައި ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 1934، 1938 އަދި 1954 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތުގެ ގަދަ އަށަކަށް ދެވުމެވެ. ވޯލްޑްކަޕްގެ ތާރީޚުގައި ބައިކޮޅަށް ގޯލެއް ނުވަދެ އެންމެ ގިނަ މިނެޓް ކުޅުމުގެ ރެކޯޑް ހަދާފައިވާ ސްވިޒަލޭންޑް 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުން ވަކިވާން ޖެހުނީ ބައިކޮޅަށް އެންމެ ގޯލެއްވެސް ނުވަދެއެވެ. އެފަހަރުގެ މުބާރާތުން ސްވިޓްޒަލޭންޑް ކެޓީ ދެވަނަ ބުރުގައި ޔޫކްރެއިން އާއި ބައްދަލުކޮށް 0-0 ން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ. މީގެ އިތުރުން އެޓީމްވަނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޗެމްޕިއަން ސްޕެއިންވެސް 1-0 ލަނޑުން ބަލިކޮށްފައެވެ. އެފަހަރުގެ ގްރޫޕް ސްޓޭޖްގައި ސްޕެއިން ބަލިކުރިނަމަވެސް ގްރޫޕްގެ ތިންވަނަ ލިބިގެން އެޤައުމު މުބާރާތާއި އަލްވަދާޢު ކިޔަން ޖެހުނެވެ. ވޯލްޑްކަޕްގައި ގޯލެއް ނުވަދެ ޖެހިޖެހިގެން 5 މެޗް ކުޅުމަށްފަހު އެޓީމު ކޮޅަށް ގޯލެއް ވަނީ 2010 ވަނަ އަހަރު ކުޅުން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޗިލީއާއި ދެކޮޅަށް ކުޅުނު މެޗްގެ 74 ވަނަ މިނެޓްގައެވެ.

ސްވިޒަލޭންޑްގެ ޤައުމީ ޓީމަށް މިހާތަނަށް ބައިނަލްއަޤްވާމީ މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް އެޤައުމުގެ ޒުވާން ފުޓްބޯޅަ ޓީމްތައް ވަނީ ކާމިޔާބީ ހޯދާފައެވެ. މިގޮތުން އެޤައުމުގެ 17 އަހަރުން ދަށުގެ ޓީމްވަނީ 2002 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންޝިޕާއި 2009 ވަނަ އަހަރު

ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑްކަޕްވެސް ކާމިޔާބުކޮށްފައެވެ. މިފަހަރުގެ ކޮލިފައިންގައި ޔޫރަޕް ސަރަހައްދުން އެޓީމު ހިމެނުނު ގްރޫޕް އީގެ އެއްވަނަ މަޤާމް ހޯދީ ކުޅުނު 10 މެޗްގެ ތެރެއިން 7 މެޗް ކާމިޔާބުކޮށް 3 މެޗް އެއްވަރުކޮށްގެންނެވެ. ނަމަވެސް ކޮލިފައިންގައި އެޤައުމު ޖެހި 17 ގޯލަކީ ޔޫރަޕް ސަރަހައްދުން ކޮލިފައިންގައި އެއްވަނަ މަޤާމް ހޯދި ޓީމްތަކުގެ ތެރެއިން އެންމެ މަދު އަދަދެވެ.

ޖަރުމަނަށް އުފަން އުމުރުން 65 އަހަރުގެ އޮޓްމަރ ހިޓްޒްފެލްޑްގެ އިރުޝާދާއިއެކު މިފަހަރުގެ މުބާރާތަށް ކުރިމަތިލާއިރު، އޭނާއަކީ އަކީ 2008 ވަނަ އަހަރުން ފެށިގެން އެޤައުމުގެ ކޯޗުކަން ކުރަމުން އަންނަ ތަޖުރިބާކާރެކެވެ. މީގެ ކުރިން ހިޓްޒްފެލްޑް ވަނީ ޖަރުމަނުގެ ބެޔާން މިއުނިކަށް ދެފަހަރެއްގެ މަތީން ކޯޗުކަން ކޮށްދީފައެވެ. މިފަހަރުގެ މުބާރާތުގައި ސްވިޓްޒަލޭންޑް ލައްވާލީ މީގެ ކުރިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސާގެ އިތުރުން އިކުއެޑޯ އަދި ހޮންޑިއުރަސް އާއި އެއްގްރޫޕެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.