ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ހޮންޑިއުރަސް

ހޮންޑިއުރަސް ފުޓްބޯޅަ ޓީމް
ހޮންޑިއުރަސް ފުޓްބޯޅަ ޓީމް

 

އާބާދީގައި 7.9 މިލިއަން މީހުން ދިރިއުޅޭ ހޮންޑިއުރަސް މީގެކުރިން ވަނީ 1982 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވާދަކޮށްފައެވެ. ކޮންކާކަފް ސަރަހައްދަށް ނިސްބަތްވާ ހޮންޑިއުރަސް އަކީ މުބާރާތުގައު ވާދަކުރާ އެންމެ އާދައިގެ އެއްޓީމެވެ. މީގެ ކުރިން ވޯލްޑްކަޕްގައި ބައިވެރިވި ދެފަހަރުވެސް ގްރޫޕް ސްޓޭޖުގެ ފުލަށް

ގޮސްގެން އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. މިހާތަނަށް ވޯލްޑްކަޕް މެޗަކުން މޮޅުވެފައި ނުވާ ހޮންޑިއުރަސް މިފަހަރުގެ މުބާރާތުގައި ވާދަކުރަން ޖެހޭނީ 1998 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި، ސްވިޓްޒަލޭންޑް އަދި އިކުއެޑޯއާއެވެ. ހޮންޑިއުރަސްގެ މިފަހަރުގެ އުއްމީދަކީ ފުރަތަމަ ފަހަރަށް ވޯލްޑްކަޕް މެޗެއް ކާމިޔާބުކޮށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމެވެ.

މިފަހަރުގެ މުބާރާތަށް އެޤައުމު ކޮލިފައިވީ ކޮންކާކަފް ސަރަހައްދުން ގްރޫޕްގެ ތިންވަނަ ހޯދައިގެންނެވެ. ފަނަރަ ޕޮއިންޓާއިއެކު އެމެރިކާއި އާއި ކޮސްޓަރިކާގެ ފަހަތުން އެޤައުމު ތިންވަނަ ހޯދީ މެކްސިކޯ ފަހަތަށް ޖައްސާލުމަށްފަހުއެވެ. ކޮލިފައިންގައި ކުޅުނު 10 މެޗް ތެރެއިން އެޓީމު ވަނީ ހަތަރު މެޗުން މޮޅުވެ ތިންމެޗް އެއްވަރުކޮށްފައެވެ. ތިންމެޗުން ބަލިވެފައިވާއިރު، އެސަރަހައްދުން ކޮލިފައިވި ޓީމްތަކުގެ ތެރެއިން 12 ގޯލާއިއެކު ހޮންޑިއުރަސް ވެފައި ވަނީ އެންމެ ގިނައިން ކޮލިފައިންގައި ގޯލް ވަން ޓީމަށެވެ. ދިހަމެޗްގައި އެޤައުމަށް ޖެހިފައިވަނީ ޖުމްލަ ތޭރަ ގޯލެވެ.

 ސައުތް އެފްރިކާގައި އޮތް ވޯލްޑްކަޕްގައި ގްރޫޕް ސްޓޭޖުން ކެޓުމުން 2011 ވަނަ އަހަރުގެ މާރޗްމަހު ހޮންޑިއުރަސްގެ ކޯޗުކަމާއި ހަވާލުވީ ކޮލަމްބިއާއަށް އުފަން އުމުރުން 54 އަހަރުގެ ލުއިސް ފެނާންޑޯ ސުއަރެޒް އެވެ. މީގެ ކުރިން އިކުއެޑޯއަށް ކޯޗުކަން ކޮށްދީފައިވާ ސުއަރެޒް ވަނީ އޭނާގެ ކޯޗުކަމުގެ ދަށުން 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑްކަޕްގެ ގަދަ ސޯޅައަށް އިކުއެޑޯ ގެންގޮސްދީފައެވެ. އެހެންކަމުން ވޯލްޑްކަޕްގެ ތަޖުރިބާއާއި އެކު ހޮންޑިއުރަސް ޓީމު ގޮވައިގެން ނުކުންނަ ކޯޗާއިމެދު ހޮންޑިއުރަސް ކުޅުންތެރިންގެ އިތުބާރުވަނީ ލިބިފައެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ހޮންޑިއުރަސް ޓީމް އަލުން ބިނާކުރުމުގައި ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ވަނީ ފުރުޞަތު ދީފައެވެ. މީގެ އިތުރުން ސުއަރެޒް ވަނީ ހޮންޑިއުރަސްގެ ޒުވާން ޓީމުތަކަށް ކޯޗުކަންކޮށްދީ 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފުޓްބޯޅަ އިވެންޓްގެ ގަދައަށަކަށް އެޤައުމުގެ 23 އަހަރުން ދަށުގެ ޓީމް ގެންގޮސްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.