ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން އާޖެންޓީނާ

 އާޖެންޓީނާފުޓްބޯޅަ ޓީމް
އާޖެންޓީނާފުޓްބޯޅަ ޓީމް

 

 

ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ އެވޯޑް ޖެހިޖެހިގެން ހަތަރު ފަހަރު ހޯދާފައިވާ، ލިއޮނަލް މެސީ ހިމެނޭ އާޖެންޓީނާއަކީ އިތުރު ތަޢާރަފަކަށް ބޭނުންވާނެ ޓީމެއް ނޫނެވެ. މެސީގެ އިތުރުން ހުނަރުވެރި ގިނަ ކުޅުންތެރިންނާއިއެކު މިފަހަރުގެ ވޯލްޑްކަޕަށް އެޤައުމު ނުކުންނަނީ ތިންވަނަ ފަހަރަށް ދުނިޔޭގޭ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައެވެ. މީގެ ކުރިން 1978 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތާއި 1986 ވަނަ އަހަރު ދުނިޔޭގެ އެންމެ ޝަރަފްވެރި ކުޅިވަރު މުބާރާތް ކާމިޔާބުކޮށްފައިވާ އާޖެންޓީނާވަނީ 1930 އަދި 1990 ވަނަ އަހަރު ފައިނަލްގައި ވާދަކޮށް ބަލިވެފައެވެ. އެހެންނަމަވެސް 1990 ވަނަ އަހަރުގެ ފަހުން ކުއާޓަރ ފައިނަލް ފަހަނައަޅައި އެޓީމަށް ދެވިފައެއް ނުވެއެވެ. އޭގެ ފަހުން ފުޓްބޯޅައިގެ ރަންޖީލެއް އާޖެންޓީނާގައި އުފެދިފައި ނުވިނަމަވެސް މިފަހަރުގެ މުބާރާތާއި އެޤައުމު ކުރިމަތިލަނީ ކާމިޔާބީ ހޯދޭނެފަދަ ރަންޖީލަކާއި އެކުއެވެ.

މެސީގެ ޖާދުލާއިއެކު މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރާނެ ލިސްޓުގައި ގިނަބަޔަކު އާޖެންޓީނާ ހިމަނާފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އާޖެންޓީނާއަކީ ފުޓްބޯޅައިގެ ވަރުގަދަ ޝަޙްސިއްޔަތެއްގެ އިތުރުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާ މަޝްހޫރު މަރަޑޯނާވެސް ނިސްބަތްވާ ޤައުމެވެ. މިފަހަރުގެ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކުރެވިދާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ ޓީމުގެ ސޮކޮޑް ކުރިއަށްވުރެ ވަރުގަދަވުމެވެ. ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި އެޤައުމުގެ ކުޅުންތެރިން މުހިއްމު ދައުރެއް އަދާކުރަމުންގެންދާއިރު ފަހަކަށް އައިސް އެޓީމު ނެރެފައިވާ ނަތީޖާތަކަކީވެސް މިކަމުގެ ހެއްކެކެވެ. މިފަހަރުގެ މުބާރާތަށް އާޖެންޓީނާ ކޮލިފައިވީ ކުޅުން 16 މެޗުން 32 ޕޮއިންޓް ހޯދައި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

މެސީގެ އިތުރުން އިންގްލެންޑްގެ މެންޗެސްޓަރ ސިޓީއަށް ކުޅޭ ސާޖިއޯ އަގުއޭރޯ އާއި، ސްޕެއިންގެ ރިއަލްމެޑްރިޑަށް ކުޅޭ ޑިމާރިއާ އާއި، ބާސެލޯނާގެ ދިފާޢުގައި މުހިއްމު ދައުރެއް އަދާކުރާ ހާވިއޭ މަޝަރާނޯއަކީވެސް ވޯލްޑްކަޕްގައި އެޤައުމު ތަމްސީލު ކުރާނެ މުހިއްމު ކުޅުންތެރިންނެވެ. އެހެންކަމުން މި ކުޅުންތެރިން ހުއްޓުވައި އާޖެންޓީނާގެ މައްޗަށް ކުރި ހޯދުމަކީ މި ގްރޫޕްގައި ދެން ހިމެނޭ، ބޮސްނިއާ ހާޒަގޮވީނާ، ނައިޖީރިއާ އަދި އިރާން ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

އާޖެންޓީނާ ޓީމުގެ ކޯޗަކީ މީގެކުރިން އިގެރޭސިވިލާތުގެ ޝެފިލް ޔުނައިޓެޑް އަދި ލީޑްސް ޔުނައިޓެޑަށް ކުޅެފައިވާ އާޖެންޓީނާއަށް އުފަން ޢުމުރުން 59 އަހަރުގެ ލިޖަންޑްރޯ ސަބެއްލާއެވެ. 2011 ވަނަ އަހަރުގެ ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތަށްފަހު އެޤައުމުގެ ކޯޗުކަމާއި ހަވާލުވި ސަބެއްލާވަނީ އާޖެންޓީނާއާއި އެކު ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. ކްލަބް ކެރިއާގައި ގިނަ މެޗްތަކެއް ކުޅެފައި ވީނަމަވެސް ސަބެއްލާ އާޖެންޓީނާއަށް ކުޅެފައިވަނީ އެންމެ އަށްމެޗެވެ.

މިފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗްގައި ޖޫން ފަނަރަވަނަ ދުވަހު ބައްދަލުކުރާނީ ބޮސްނިއާ ހާޒަގޮވީނާއާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.