ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ބޮސްނިއާ – ހާޒަގޮވީނާ

ބޮސްނިއާ - ހާޒަގޮވީނާ ފުޓްބޯޅަ ޓީމް
ބޮސްނިއާ – ހާޒަގޮވީނާ ފުޓްބޯޅަ ޓީމް

 

ޔޫގޯސްލާވިއާގެ ކިބައިން މިނިވަންވިފަހުން ބޮސްނިއާ-ހާޒަގޮވީނާ ވޯލްޑްކަޕްގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައި އަލަށް ވާދަކުރާ ހަމައެކަނި ޤައުމު ބޮސްނިއާ-ހާޒަގޮވީނާ މުބާރާތަށް ކޮލިފައިވީ، ކޮލިފައިންގައި އެޓީމު ހިމެނުނު ގްރޫޕްގެ އެއްވަނަ މަޤާމް ހޯދައިގެންނެވެ. އެގްރޫޕުން ޕޮއިންޓުގެ ގޮތުން އެއްވަރުވެ އެޤައުމަށް ގްރީސްގެ މައްޗަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ. މީގެ ކުރިން 2010 ވަނަ އަހަރުގެ ވޯލްޑްކަޕް އަދި 2012 ވަނަ އަހަރުގެ ޔޫރޯއިންވެސް އެޤައުމަށް ފުރުޞަތު ގެއްލުނީ ޕްލޭއޮފްގައި ޕޯޗުގަލް އަތުން ބަލިވުމުންނެވެ. އެހެންކަމުން ބައިނަލްއަޤްވާމީ ބޮޑު މުބާރާތަކާއި ކުރިމަތިލާއިރު މިއީ އެޤައުމަށް ތާރީޚީ އަހަރެކެވެ.

އާޖެންޓީނާ، ނައިޖީރިއާ އަދި އިރާން އާއި އެއްގްރޫޕެއްގައި ލައްވާލީ ބޮސްނިއާ-ހާޒަގޮވީނާ އަކީ އާޖެންޓީނާއާއި އެކު ގަދަ ސޯޅައަށް އެގްރޫޕުން ދާނެ ދެވަނަ ޓީމްކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ލަފާކުރެއެވެ. ކޮލިފައިންގައި އެޓީމް 30 ގޯލް ޖަހާފައިވާއިރު އެއީ ޔޫރަޕް ސަރަހައްދުން ހަތަރުވަނައެވެ. މީގެ އިތުރުން ކޮލިފައިންގައި ކުޅުން ދިހަމެޗުގެ ތެރެއިން އެޤައުމުވަނީ އަށްމެޗް ކާމިޔާބުކޮށް އެއްމެޗް އެއްވަރުކޮށްފައެވެ. އެޓީމް ބަލިވީ އަމިއްލަ ޤައުމުގައި ސްލޮވޭކިޔާ އާއި ބައްދަލުކުރި މެޗުންނެވެ. ވޯލްޑްކަޕްގެ ގުރުނެގުމަށް އެޓީމް ނިކުތީ ދުނިޔޭގެ ރޭންކިންގެ 13 ވަނަ ޓީމްގެ ގޮތުގައެވެ. މިއީ އެގައުމުގެ ތާރީޚުގަވެސް އެންމެ ކުރިއަށް ދެވުނު ފަހަރެވެ.

ޔޫރަޕްގެ ކްލަބްތަކުގައި އެޤައުމުގެ ކުޅުންތެރިން ތަމްސީލު ކުރަމުންދާއިރު އެޓީމުގެ އެޑިން ޒެކޯ އަކީ އެންމެ މުހިއްމު އާރުކާޓީއެވެ. ކޮލިފައިންގައި ޒެކޯ ޖެހި ދިހަގޯލަކީ ޔޫރަޕް ސަރަހައްދުން ދެވަނައެވެ. ޒެކޯގެ އިތުރުން އިޓަލީގެ ރޯމާ އަށް ކުޅޭ އުމުރުން 23 އަހަރުގެ މިރަލެމް ޕިޖަނިކާއި، އިންގްލެންޑްގެ ސްޓޯކް ސިޓީއަށް ކުޅޭ ގޯލްކީޕަރ އަސްމި ބެގަވިޗޮކީވެސް ޓީމްގެ މުހިއްމު ކުޅުންތެރިންނެވެ.

ޓީމްގެ ކޯޗެއްގެ ގޮތުގައި ހުންނާނީ 2009 ވަނަ އަހަރުން ފެށިގެން އެމަޤާމް ފުރަމުން އަންނަ ސަފެޓް ސުސިޗެވެ. މިހާރު އުމުރުން 58 އަހަރުގެ ސުސިޗަކީ އޭނާ ކުޅުނު ދުވަސްވަރު މެދުތެރެއިން މޮޅަށް ކުޅުނު ގޯލާއި ރައްޓެހި ކުޅުންތެރިއެކެވެ. ބޮސްނިއާ-ހާޒަގޮވީނާ ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިކޮށްދިން ކޯޗުގެ ޝަރަފާއިއެކު ސުސިޗް މިހާރުވެސް ވަނީ އެޤައުމުގެ ރައްޔިތުންގެ ހިތްތަކުން ޖާގަހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.