ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ޖާރމަނީ

ޖާމަނީ ފުޓްބޯޅަ ޓީމް
ޖާމަނީ ފުޓްބޯޅަ ޓީމް

ޖާރމަނީ އަކީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދުނިޔޭގައި އެންމެ ކާމިޔާބު އެއް ޤައުމެވެ. މިހާތަނަށް ޖާމަނީ ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ތިންފަހަރު ހޯދައި ސަރަހައްދީ މުބާރާތްވެސް ތިންފަހަރު ކާބިޔާބުކޮށްފައެވެ. މިފަހަރު ޖާމަނީ ނިކުންނާއި 1954، 1974 އަދި 1990 ވަނަ އަހަރު އެޤައުމު ހޯދާފައިވާ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ތަކުރާރު ކުރުމުގެ އަޒުމުގައެވެ. ޖާމަނީ ޓީމްގެ ފެންވަރަށް ބަލާއިރު މި އަމާޒަށް ވާސިލްވުމަކީ ދުރުކަމެއް ނޫންކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ.

އެންމެ ފަހުން ކުޅުނު ދެވޯލްޑްކަޕްގައިވެސް ތިންވަނަ މަޤާމް ހޯދާފައިވާ ޖާމަނީ ވަނީ ވޯލްޑްކަޕް މުބާރާތުގެ ފައިނަލުގައި ޖުމްލަ ހަތަރު ފަހަރު ބަލިވެފައެވެ. ޔޫރަޕުން ބޭރުގައި މިހާތަނަށް ވޯލްޑްކަޕެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް މިފަހަރުގެ މުބާރާތަށް އެޤައުމު ބްރެޒިލްއަށް ދާނީ ދުނިޔޭގައި މިވަގުތު ތިބި މޮޅު ގިނަކުޅުންތެރިންތަކަކާއި އެކުއެވެ. ޖަރުމަނު ލީގުގެ މަޝްހޫރު ބެޔާން މިއުނިކާއި ބްރޯޝިޔާ ޑޯޓްމަންޑަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ހިމެނޭތީ ޖަރުމަނުގެ ފަރާތުން ރީތި ފުޓްބޯޅައެއް މިފަހަރުގެ މުބާރާތުގައި ފެންނާނެކަމަށް ގިނަބަޔަކު އުއްމީދު ކުރެއެވެ.

މިފަހަރުގެ މުބާރާތަށް އެޓީމް ކޮލިފައިވީ ފަސޭހަކަމާއި އެކު ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުން ދިހަ މެޗުގެ ތެރެއިން ނުވަމެޗުން މޮޅުވިއިރު އެއްވަރުވީ ގްރޫޕުން ދެވަނައަށްދިޔަ ސްވިޑެންއާއި ވާދަކޮށެވެ. ކޮލިފައިންގައި ކުޅުން މެޗްތަކުގައި 7588 ޕާސް ދީފައިވާއިރު އެއީ ޔޫރަޕްގެ އެހެން އެއްވެސް ޓީމަކަށް ކުރެވިފައިވާ ކަމެއް ނޫނެނެވެ. މީގެއިތުރުން ކޮލިފައިންގައި އެޓީމުން ޖަހާފައިވާ 36 ގޯލަކީވެސް ޔޫރަޕް ސަރަހައްދުގެ ރެކޯޑެކެވެ. ފީފާ ވޯލްޑްކަޕްގެ ތާރީހުގައި ޖާމަނީ ކުޅެފައިވާ 99 މެޗާއި 222 ގޯލަކީވެސް ދުނިޔޭގެ އެހެން އެއްވެސް ޓީމަކަށް ނުދެވޭ ހިސާބެކެވެ. އެހެންކަމުން މިފަހަރުގެ މުބާރާތަށް އެޤައުމު ނިކުންނާއި އެތައް ރެކޯޑަކާއި އެކުއެވެ.

މިފަހަރު ޖާމަނީ ޓީމްގެ ކޯޗަކީ ޒުވާން ކުޅުންތެރިން ދަނޑަށް ނެރުމުގައި ކުޅަދާނަ އުމުރުން 54 އަހަރުގެ ޖޯހިމް ލޯއެވެ. 2004 ވަނަ އަހަރުން ފެށިގެން ޖާމަނީގެ އެސިސްޓެންޓް ކޯޗެއްގެ މަޤާމުގައި ހުރި ލޯ އެޤައުމުގެ ކޯޗުކަމަށް ހަމަޖެއްސީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހުއެވެ. ޖާމަނީ ޓީމާއިއެކު މިހާތަނަށް ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދިފައި ނުވިނަމަވެސް ލޯ ވަނީ 2008 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށާއި 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތިންވަނަ މަޤާމަށް އޭނާގެ ކޯޗުކަމުގެ ދަށުން ޖަރުމަނު ގެންގޮސްދީފައެވެ. އެޓޭކިން ފުޓްބޯޅައަށް ބޮޑަށް ލޯބިކުރާ ލޯގެ ޓީމުގައި މިފަހަރުވެސް ޒުވާން އާ ކުޅުންތެރިންތަކެއް ފެނިގެންދާނެއެވެ. އޭގެތެރޭގައި މާރިއޯ ގޮޓްޒާއާއި، ޑްރެކްސްލަރ އަދި ޓޮނީ ކްރޫސް ހިމެނެއެވެ.

ގްރޫޕް ސްޓޭޖްގައި މިފަހަރުގެ ޖާމަނީ ލައްވާލީ ޕޯޗުގަލް، އެމެރިކާ އަދި ގާނާއާއި އެކު ގްރޫޕް ޖީގައެވެ. މަރުގެ ގްރޫޕްގެ ގޮތުގައި މި ގްރޫޕް ގިނަބަޔަކު ސިފަކުރިނަމަވެސް ޖާމަނީގެ ފެންވަރަށް ބަލާއިރު އެޓީމަކީ ގްރޫޕްގެ ފޭވަރިޓުންނެވެ. ޖާމަނީ ވޯލްޑްކަޕްގައި ކުޅޭ ފުރަތަމަ މެޗްގައި ޖާމަނީ ނިކުންނާނީ ޖޫން 16 ވަނަ ދުވަހު މަޝްހޫރު ޕޯޗުގަލްއާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.