ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ޕޯޗުގަލް

ޕޯޗުގަލް ޓީމް
ޕޯޗުގަލް ޓީމް

 

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ ނިސްބަތްވާ ޕޯޗުގަލް އަކީ ފަހަކަށް އައިސް ދުނިޔޭގެ ވަރުގަދަ ބާރުތަކާއި ރަނގަޅު ވާދައެއް ކުރަމުން އަންނަ ޤައުމެކެވެ. މީގެ ކުރިން ފަސްފަހަރު ވޯލްޑްކަޕްގައި ވާދަކޮށްފައިވާއިރު ދެފަހަރު އެޓީމްވަނީ ސެމީ ފައިނަލަށް ގޮސްފައެވެ. ވޯލްޑްކަޕްގައި ޕޯޗުގަލްއަށް މިހާތަނަށް އެންމެ ކުރިއަށް ދެވުނީ އެޤައުމުގެ ފުރަތަމަ ބައިވެރިވުމުގައެވެ. 1966 ވަނަ އިންގްލެންޑްގައި ބޭއްވި މުބާރާތުގެ ތިންވަނަ އެޓީމު ހޯދިއިރު ކްއާޓަރ ގައި އެޓީމްވަނީ ގަދަފަދަ ބްރެޒިލް ކަޓުވާލާފައެވެ. އޭގެ ފަހުން ވޯލްޑްކަޕްގައި ރަނގަޅު ވާދައެއް ކުރެވޭފަދަ ސްކޮޑެއް ޕޯޗުގަލްގައި އުފެދިފައި ނުވިނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ، ޑެކޯ އަދި ލުއިސް ފީގޯ ފަދަ މޮޅެތި ކުޅުންތެރިންނާއި އެކު އެޓީމް ވަނީ 2000 ގެ އަހަރުތަކުން ފެށިގެން ޔޫރަޕްގެ ޤައުމުތައް ޖެހިލުންވާފަދަ ޓީމަކަށް ވެފައެވެ. 2002، 2006 އަދި 2010 ވަނަ އަހަރުވެސް ވޯލްޑްކަޕްގައި ޕޯޗުގަލް ވާދަކޮށްފައިވާއިރު އެންމެ ފަހުގެ މުބާރާތުން އެޓީމް އަލްވަދާޢުކިޔަން ޖެހުނީ ޗެމްޕިއަން ސްޕެއިން އާއި ވާދަކޮށް 1-0 ން ބަލިވުމުންނެވެ. ބޮޑު މުބާރާތެއް މިހާތަނަށް ކާމިޔާބު ކުރެވިފައި ނުވާ ޕޯޗުގަލްއަށް ބައިނަލްއަޤްވާމީ މުބާރާތެއްގެ ތައްޓާއި އެންމެ ގާތަށް ދެވުނީ 2004 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ގްރީސް އަތުން އެޓީމު ބަލިވުން ވެގެންދިޔައީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކަށް ގެނުވި ހައިރާންކަމަކަށެވެ.

މިފަހަރުގެ މުބާރާތަށް ކޮލިފައިވުމަށް ރަޝިޔާގެ ފަހަތުން ދެވަނަ ލިބިގެން ޕޯޗުގަލް ޖެހުނީ ޕްލޭއޮފްގައި ވާދަކުރާށެވެ. ވާދަވެރި ކުރިމަތިލުމަކަށްފަހު ޕޯޗުގަލް ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނީ ދެމެޗްގައި ރޮނާލްޑޯ ޖެހި ހަތަރު ގޯލާއެކު ސްވިޑަންގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

މިފަހަރުގެ މުބާރާތުގެ ގްރޫޕް ޖީގައި ޕޯޗުގަލް ވާދަކުރަން ޖެހޭނީ ޖާމަނީ، އެމެރިކާ އަދި ގާނާ އާއިއެވެ. މުބާރާތުގެ އެންމެ ވަރުގަދަ އެއް ގްރޫޕްގައި ލައްވާލިއިރު މި އިމްތިހާނަށް ޕޯޗުގަލްގެ ކޯޗު ޕައުލޯ ބެންޓޯ ހުރީ ތައްޔާރަށެވެ. 2010 ވަނަ އަހަރު ޕޯޗުގަލްގެ ކޯޗުކަމާއި ހަވާލުވި ބެންޓޯ ވަނީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޕޯޗުގަލް ގެންގޮސްދީފައެވެ.

ޕޯޗުގަލްއަކީ ރޮނާލްޑޯއަށް ބިނާވެފައި އޮތް ޓީމެއްނަމަވެސް ކޯޗަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެޓީމުގައި ރަނގަޅު ޑިފެންސް ލައިނެއް އޮތުމެވެ. މިގޮތުން ރިއަލް މެޑްރިޑަށް ކުޅޭ ޕެޕޭ އާއި ތުރުކީގެ ފެނަބާޗޭއަށް ކުޅޭ ބްރޫނޯ އަލްވޭސް އަކީ ޓީމުގެ ދިފާއުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިންނެވެ. މީގެ އިތުރުން ރޮނާލްޑޯއަށް އެހީތެރިވުމަށް މެދުތެރެއިން ޖޯ މޯޓީނިއޯ އާއި ލުއިސް ނާނީގެ ދައުރުވެސް މިފަހަރުގެ މުބާރާތުގައި ބޮޑުވާނެއެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.