ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން އެމެރިކާ

އެމެރިކާގެ ފުޓްބޯޅަ ޓީމް
އެމެރިކާގެ ފުޓްބޯޅަ ޓީމް

 

ބާރާއި ނުފޫޒުގެ ގޮތުން ސުޕަރ ޕަވަރ އެއްގެ ގޮތުގައި އެމެރިކާ ބެލެވުނު ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގައި އެޤައުމަކީ އެފަދަ ބާރެއް ލިބިފައިވާ ޤައުމެއް ނޫނެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާ މިހާތަނަށް ނުވަފަހަރު ވާދަކޮށްފައިވާއިރު 1994 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބައިވެރިވީ މުބާރާތް ބާއްވާ ޤައުމުގެ ހައިޞިއްޔަތުންނެވެ. އެފަހަރުގެ މުބާރާތުން އެޤައުމު ވަކިވާން ޖެހުނީ ދެވަނަ ބުރުގައި ބްރެޒިލްއާއި ވާދަކޮށް ބަލިވުމުންނެވެ. ޔޫރަޕާއި، ސައުތު އެމެރިކާގެ ޓީމްތަށް ފިޔަވައި ވޯލްޑްކަޕް މުބާރާތެއްގައި އެހެން ބައްރަކުން އެންމެ ކުރިއަށް ދިޔަޓީމަކީ އެމެރިކާ އެވެ. އެއީ 1930 ވަނަ އަހަރު އުރުގުއޭގައި ބޭއްވި ފުރަތަމަ ވޯލްޑްކަޕް މުބާރާތުގެ ތިންވަނައެވެ.

ކޮންކާކަފް ސަރަހައްދުގެ ކޮލިފައިންގެ އެއްވަނަ ޓީމްގެ ގޮތުގައި އެމެރިކާ މިފަހަރު ކޮލިފައިވީ ކުޅުނު ދިހަ މެޗްގެ ތެރެއިން ހަތްމެޗުން މޮޅުވެގެންނެވެ. ފީފާއިން އިންތިޒާމުކުރާ އެއްވެސް މުބާރާތެއްގެ ޗެމްޕިއަންކަން މިހާތަނަށް ހޯދިފައިނުވާ އެމެރިކާ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2009 ވަނަ އަހަރު ސައުތް އެފްރިކާގައި ބޭއްވި ކޮންފެޑެރޭޝަންސް ކަޕްގެ ދެވަނައެވެ. އެފަހަރުގެ މުބާރާތުގައި ފައިނަލްގައި ބްރެޒިލް އަތުން ބަލިވިނަމަވެސް އެޓީމްވަނީ ސެމީ ފައިނަލްގައި ވަރުގަދަ ސްޕެއިންގެ މައްޗަށް ކުރި ހޯދާފައެވެ.

މިފަހަރުގެ މުބާރާތުގައި އެމެރިކާ ޓީމްގެ ކޯޗެއްގެ ގޮތުގައި ހުންނާނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތިންވަނަ ޖާމަނީ އަށް ހޯދައިދިން ޖާގެން ކްލިންސްމަން އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައިވާ ކްލިންސްމަން ވަނީ މީގެ ކުރިން ކުރު މުއްދަތެއްގައި ޖަރުމަނުގެ ބެޔާން މިއުނިކަށްވެސް ކޯޗުކަން ކޮށްދީފައެވެ. އެމެރިކާގެ ކޯޗުކަމާއި އޭނާ ޙަވާލުވީ 2011 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. ވޭތުވެދިޔަ މުއްދަތުގައި އޭނާ ވަނީ ސަރަހައްދީ މުބާރާތް “ގޯލްޑްކަޕް” އެމެރިކާއަށް ކާމިޔާބު ކޮށްދީފައެވެ.

އެމެރިކާ ޓީމްގައި މިފަހަރުވެސް ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ ގޯލްކީޕަރ ޓިމް ހަވާޑް އާއި، ކްލިންޓް ޑެމްޕްސީ ގެ އިތުރުން ޓިމް ހަވާޑް ހިމެނެއެވެ. މީގެ އިތުރުން ޓީމަށް އިތުރުކޮށްފައިވާ ޒުވާން ކުޅުންތެރިންނާއި އެކު އެމެރިކާގެ މިފަހަރުގެ އުއްމީދަކީ މަރުގެ ގްރޫޕްގެ ގޮތުގައި ސިފަކުރާ ގްރޫޕްގެ ޓީމްތަކާއި ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ގަދަ ސޯޅައިން ޖާގައެއް ހޯދުމެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.