ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ނައިޖީރިޔާ

ނައިޖީރިޔާ ފުޓްބޯޅަ ޓީމް
ނައިޖީރިޔާ ފުޓްބޯޅަ ޓީމް

 

ސުޕަރ އީގަލްސްގެ ގެ ނަމުން ނަންދެވިފައިވާ ނައިޖީރިއާ އަކީ ވޯލްޑްކަޕަށް އާނަމެއް ނޫނެވެ. މީގެކުރިން ހަތަރު ފަހަރު ވޯލްޑްކަޕްގައި ވާދަކޮށްފައިވާއިރު މިފަހަރުގެ މުބާރާތާއި އެޤައުމު ކުރިމަތިލަނީ އެންމެ ފަހުގެ ސަރަހައްދީ ޗެމްޕިއަންކަމުގެ ހިނިތުންވުމާއިވެސް އެކުއެވެ. މިހާތަނަށް ވޯލްޑްކަޕްގައި ކުރި ހަތަރު ތަޖުރިބާގައި އެޤައުމު ވަނީ 1994 ވަނަ އަހަރާއި 1998 ވަނަ އަހަރު ގަދަ ސޯޅައަށް ދަތުރުކޮށްފައެވެ. އެންމެ ފަހުން މުބާރާތުގައި ވާދަކުރި ދެފަހަރުވެސް ގްރޫޕް ސްޓޭޖުން ކަޓާފައިވާތީ ނައިޖީރާގެ މިފަހަރުގެ އުއްމީދަކީ އިދިކޮޅު ޓީމުތަކާއި ރަނގަޅު ވާދައެއްކޮށް މަތީ ހަރުފަތަކަށް ދިއުމެވެ.

އެފްރިކާ ސަރަހައްދުގެ ކޮލިފައިންގައި ގްރޫޕް އެފްގެ އެއްވަނަ މަޤާމް ނައިޖީރިއާ ހޯދީ ކުޅުނު އަށްމެޗްގެ ތެރެއިން ފަސްމެޗް ކާމިޔާބުކޮށް ތިންމެޗް އެއްވަރުކޮށްގެންނެވެ. އަދި ޕްލޭއޮފްގައި އެޤައުމުވަނީ އިތިއޯޕިއާގެ މައްޗަށް ދެމެޗުން 4-1 ގެ ސްކޯރއަކުން ކުރި ހޯދައި އެސަރަހައްދުން އެންމެ ފުރަތަމަ ވޯލްޑްކަޕަށް ކޮލިފައިވީ ޓީމަށް ވެފައެވެ.

2011 ވަނަ އަހަރު ނައިޖީރިއާގެ ކޯޗުކަމާއި ހަވާލުވި ސްޓެފަން ކެށީއަކީ ކުޅުންތެރިއެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ސަރަހައްދީ މުބާރާތް ކާމިޔާބު ކުރި ދެކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތަޖުރިބާކާރެކެވެ. އެހެންނަމަވެސް މުސާރައިގެ މައްސަލައާއި ކުޅުންތެރިންނާއި ދެމެދު ހިންގާފައިވާ ދެބަސްވުންތަކާއި ހެދި ކެށީއާއި އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަނާއި މައްސަލަތަކެއް އުޅޭކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ކެށީ ކޯޗުކަމާއި ހަވާލުވިފަހުން އެޓީމަށް ކުޅެމުންދިޔަ މޮޅެތި ބައެއް ކުޅުންތެރިންނަށް ވަނީ ފުރުޞަތު ގެއްލިފައެވެ. އޭގެތެރޭގައި އޮބަރފެމި މާޓިންސް އާއި ކުރީގެ ކެޕްޓަން ޖޯސެފް ޔޯބޯ އާއި އިކެޗުކްވު އުޗޭއަށް މިފަހަރުގެ ކޮލިފައިންގައި ފުރުޞަތު ދީފައެއް ނުވެއެވެ. ކޮލިފައިންގައި ޒުވާން ކުޅުންތެރިންނަށް އިސްކަންދިން ނަމަވެސް ވޯލްޑްކަޕާއި ކުރިމަތިލާއިރު ތަޖުރިބާކާރު ކުޅުންތެރިންނަށް ކޯޗު އިސްކަން ދޭނެކަމަށް ޤަބޫލުކުރެވެއެވެ.

ބޮޑަށް ޑިފެންސިން ކުޅުމަކަށް އިސްކަންދޭ ނައިޖީރިއާ އަކީ ކައުންޓަރ އެޓޭކްގައި ވަރުގަދަ ޓީމެކެވެ. މިގޮތުން މިހާރު ލިވަޕޫލް އަށް ކުޅެމުން އަންނަ ވިކްޓަރ މޫސަސް އާއި ސީ.އެސް.ކޭ މޮސްކޯވ އަށް ކުޅެމުން އަންނަ އަހްމަދު މޫސާ ގެ އިތުރުން އިމެނުއަލް އިމެނިކޭ  އަކީ ކޯޗުގެ ރޭވުންތެރިކަމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިންނެވެ.

ވަރުގަދަ އާޖެންޓީނާ އާއި އެއްގްރޫޕެއްގައި ލައްވާލި ނަމަވެސް ވިސްނުންތެރިކަމާއި އެކީ ކުޅެފިނަމަ އެފްރިކާގެ ޗެމްޕިއަނުންނަށް ގަދަ ސޯޅައަށް ދެވިދާނެކަމަށް ފުޓްބޯޅަގެ މާހިރުން ލަފާކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.