ގިނަ ބަޔަކު މުދަލު ޒަކާތް ނުދައްކާ: ޚުތުބާ

އޭދަފުށީ ހުކުރު މިސްކިތުގަިއ މިއަދު ހުކުރު ނަމާދު ޚުތުބާ ކިޔަނީ-- ފޮޓޯ ޝިމްހާދު
އޭދަފުށީ ހުކުރު މިސްކިތުގަިއ މިއަދު ހުކުރު ނަމާދު ޚުތުބާ ކިޔަނީ– ފޮޓޯ ޝިމްހާދު

 

އިސްލާމްދީނުގެ ރުކުނެއް ކަމުގައި ޒަކާތްދިނުން ކަނޑައެޅިފައިވީ ހިނދު، ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި ހަމަކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ ކަމަށާއި ނަމަވެސް ވަރަށް ގިނަ ބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަ ކުރެވޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މި ރޯދަމަހުގެ ފުރަތަމަ ހުކުރު ޚުތުބާގައި ބުނިގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފިޠުރު ޒަކާތް ކަމަށެވެ. އެހެންކަމުން މަދުމީހަކު ފިތުރު ޒަކާތް ދައްކާ ކަމަށާއި ނަމަވެސް ވަރަށް ގިނަ ބަޔަކު މުދަލު ޒަކާތް ނުދައްކާކަން ޚުކުރު ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.

“މިއީ ހަގީގަތުގައި ވަރަށްބޮޑު އޮޅުމެކެވެ. ނުވަތަ ކުށް ހީއެކެވެ. އެހެނީ ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟް ކުރައްވާފައިވާ ޒަކާތަކީ، މުދަލު ޒަކާތެވެ. އަދި އިސްލާމުދީނުގެ ރުކުނެއް ކަމުގައި ކަނޑައެޅިފައިވާ ޒަކާތަކީވެސް މުދަލު ޒަކާތެވެ. ވީހިނދު، ޒަކާތް ވާޖިބު ވާވަރުގެ ތަނަވަސްކަން ހުރި ހަމަ ކޮންމެ މީހަކުމެ، ތިބާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ އެވެ. ނޫންނަމަ އެ މީހެއްގެ ދީން ފުރިހަމައެއް ނުވާނެ އެވެ.  ފިތުރު ޒަކާތަކީވެސް ވާޖިބެކެވެ. އެހެނަސް އެއީ އިސްލާމު ދީނުގެ ރުކުނެއް ނޫނެވެ، ޒަކާތުގެ ނިޞާބު ހަމަވާ މިންވަރަށް ތިބާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި، އެއަށް އަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނެ އެވެ. އޭގެ މިންވަރަކީ ފައިސާގެ ނުވަތަ މުދަލުގެ ސާޅިސް ބައިކުޅަ އެއްބައެވެ.” ޚުތުބާގައި ވެ އެވެ.

ފަރުޟް ޒަކާތުގެ މައްޗަށް އަލިއަޅިވާލައި ތައްޔާރުކޮށްފައިވާ މިއަދުގެ ޚުތުބާގައި ބުނިގޮތުގައި ތަނަވަސްކަމާއި ރޯދި ބަރަކާތް މާތްﷲ ދެއްވާފައިވަނީ އެކި މީހުންނަށް އެކި މިންވަރަށް ކަމަށާއި މި ކަމުގައިވެސް މަތިވެގެންވާ އިލާހީ ހިކްމަތްތަކެއްވެ އެވެ. އަދި މާތް ﷲ އިރާދަކުރެއްވިނަމަ އެންމެންނީ އެއްވަރެއްގެ ތަނަވަސް ބައެއް ކަމުގައި ލެއްވީސް ކަމަށާއި، ނަމަވެސް އެކަލާނގެ މީސްތަކުންގެ މެދުގައި ރިޒުޤު ބައްސަވާފައިވަނީ، އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭފަދަ ގޮތަކަށެވެ.

“އެހެންކަމުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށް އެކަލާނގެ އަމުރު ކުރައްވައި ގޮވާލައްވާފައިވެ އެވެ. އަދި ތަނަވަސްކަމުގެ އަހުލުވެރިންގެ މުދަލުން ޒަކާތް ނެންގެވުމަށް އެކަލާނގެ ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވެސް ވެ އެވެ،” ޚުތުބާގައި ވެ އެވެ.

އޭދަފުށީ ހުކުރު މިސްކިތުގަިއ މިއަދު ހުކުރު ނަމާދު ޚުތުބާ ކިޔަނީ-- ފޮޓޯ ޝިމްހާދު
އޭދަފުށީ ހުކުރު މިސްކިތުގަިއ މިއަދު ހުކުރު ނަމާދު ޚުތުބާ ކިޔަނީ– ފޮޓޯ ޝިމްހާދު

 

ޚުތުބާގައި ބުނި ގޮތުގައި ކިތަންމެ ގިނަ މުދަލެއް ޖަމާކޮށްފައި ވީނަމަވެސް ކޮންމެ މީހަކަށް އެމީހެއްގެ މުދަލުން ލިބޭހުށީ، އެމީހަކު އެއިން ބޭނުން ކުޅަ އެއްޗަކާއި، އާޚިރަތުގެ ޘަވާބާއި ދަރުމައަށް އެދިގެން ހޭދަކުޅަ އެއްޗެކެވެ. އަދި ދެންހުރި އެއްޗަކީ ދުނިޔެމަތީގައި ތިބި ކޮންމެވެސް ބައެއްގެ އަތްމައްޗަށް ދޫކޮށްފައި ދާން ޖެހޭނެ އެއްޗެހި ކަމަށާއި، އެހެންކަމުން ﷲ ގެ މަގުގައި ހޭދަކުރުމަށް އަވަސްވެ ގަތުމަށް ހުތުބާގައި ނަސޭހަތްތެރިވި އެވެ.

“ﷲގެ މަގުގައި މުދާ ހޭދަކުރުމުން އެއްވެސް ހާލެއްގައި ގެއްލިގެން ނުދާނެ އެވެ. އަދި ކީއްތޯ އެވެ! ﷲ ގެ މަގުގައި މުދާ ހޭދަކުރުމުން ޤިޔާމަތް ދުވަހުން އޭގެ ޘަވާބާއި ދަރުމަ އެ މީހަކަށް ލިބުމުގެ އިތުރުން ތިމާގެ މުދަލުގައި ބަރަކާތްލައްވައި އިތުރުވާނޭވެސް މެ އެވެ،” ޚުތުބާގައި ވެ އެވެ.

ޚުތުބާގައި ބުނީ ތަނަވަސްކަމުގެ އަޚްލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރަމުންދާނަމަ އިސްލާމީ މުޖުތަމައުގެ ވަރަށް ގިނަ އިޖުތިމާއީ މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ. އެގޮތުން ހަސަދަވެރި ކަމާއި، ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލައިގެންދާނެ ކަމަށާއި އަދި އެބައިމީހުންގެ މެދުން ފަގީރުކަންނެތި، މުޖުތަމައުގެ އެންމެހައި ފަރުދުންނަކީ ފުދުންތެރި ބަޔަކަށް ވެގެންދާނެ ކަމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ވެ އެވެ.

ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ ޚިލާފަތުގައި ޒަކާތް ވާޖިބުވާ އެންމެންގެ އަތުން ޒަކާތް ނަގައި، އޭގެ ޙައްގުވެރި ފަރާތްތަކަށް، ގަވައިދުން ބަހަމުން ދިޔައިރު، މުޅި އިސްލާމީ ދައުލަތުގައި ޒަކާތުގެ ފައިސާގައި ހިފާނޭ ހަމަ އެކަކުވެސް ނުވާކަމަށް ޚުތުބާގައިވެ އެވެ. އެގޭ ސަބަބަކީ މުޖުތަމައުގެ އެންމެންނީ ފުދުންތެރިންކަމުގައި ވެގެންދިއުމުންކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

މުސްލިމުން ނަމާދުކުރަން ދަސްކުރާ ފަދައިން، ހައްޖަށްދާން އުޅޭއިރު ހައްޖުގެ އަޅުކަން އަދާކުރާނޭގޮތް ދަސްކުރާ ފަދައިން، ޒަކާތާބެހޭ ހުކުމްތައްވެސް އެބައިމީހުން ދަސްކުރަންޖެހޭނެ ކަމަށްވެސް ޚުތުބާގައި ބުންޏެވެ. އަދި ވަކިން ޚާއްސަކޮށް ތަނަވަސްކަމުގެ އަހުލުވެރިން، މިކަން ކުރަން އޮންނަގޮތް ދަސްކުރުމަށްވެސް ޚުތުބާގައި ނަސޭހަތްތެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.