ވާޓަރުމަތީގައި މަސްކަނޑައި ވިއްކުމަކީ މަނާކަމެއް: ކައުންސިލް

އޭދަފުށީ ބަނދަރުގެ އެއްގަމު ވާޓަރު މަތީގައި މަސް ކަނޑައި އަދި ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
އޭދަފުށީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިފަދަ ކަންކަމަކީ މީގެކުރިންވެސް މަނާކޮށްފައިވާ ކަންކަން ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން އާންމުންނަށް ދަތިތަކާ ދިމާވެ، އަދި ސިއްހީގޮތުން ބެލިކަމުގައިވީ ނަމަވެސް މިކަންތައްތައް ކުރުމަކީ އެންމެ އެކަށީގެންވާ ކަންތައް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
“… މިހާރަކަށް އައިސް ވާޓަރު މަތީގައި މަސްކެނޑުމާއި، އަތިރި މަތީގައިވާ ޕާކް ތަކުގައި މަސް ވިއްކުމާއި، އަދި މިނޫންވެސް އެހެނިހެން ބާވަތްތަކުގެ ތަކެތި ވިއްކުންވަނީ އާއްމުވެފަ އެވެ. މިކަމަކީ މީގެ ކުރިންވެސް ވަކި އުސޫލެއް ހަމަޖެހިފައި އޮތް ކަމެއްކަމަށް ވީކަމުގައި ނުވިނަމަވެސް މިފަދަ ކަންކަމަކީ ރަށުގެ މޫނުމަތި ސަރަހައްދުގައި ކުރުން އެކަށީގެންވާ ކަންތައް ތަކެއް ކަމަށް ނުވާތީއާއި، ވަކިން ޚާއްސަކޮށް ވާޓަރުމަތީގައި މަސްކަނޑާ ހެދުމުގެ ސަބަބުން ވާޓަރު ހަޑިވެ ނުބައިވަސް ދުވުމުގެ ސަބަބުން އާއްމު ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިވެ، އާއްމު ރައްޔިތުންގެ ޝަކުވާތައް މި ކައުންސިލަށް ލިބެމުންދާ” ކަމަށްވެސް މިދިޔަ ހަފްތާގައި ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައި ވެ އެވެ.

އެހެންކަމުން ވާޓަރު މަތީގައި މަސްކެނޑުމާއި، ވާޓަރު މަތީގައި މަސް ވިއްކުމާއި މިފަދަ ކަންތައްތައް ކުރަމުން ގެންދިއުމަކީ މަނާ ކަމެއްކަން ހަދާންކޮށްދީ، އެފަދަ ކަންތައްތައް ކުރަމުންދާ ފަރާތްތަކާ މެދު އެ ކައުންސިލުން އޮންނަ އުސޫލާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ރަށުކައުންސިލްގެ “ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު”ގެ 19 ވަނަމާއްދާގެ ހ ބުނާގޮތުން މަސް މާރުކޭޓް ފިޔަވައި ބަނދަރުގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ބާވަތެއްގެ މަހެއް ނުވަތަ މަސްތަކެއް ކަނޑައި ވިއްކުމަކީ މުޅިން މަނާކަމެކެވެ. މިފަދަ ކުށެއް ކޮށްފިނަމަ އެހާލަތަކަށްބަލައި 500ރ އާ 5000ރ އާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމުގެ އިހްތިޔާރު ރަށުކައުންސިލަށް ލިބިދީފައިވެ އެވެ.
މިގަވާއިދު ބުނާގޮތުން މަސް ކެނޑުމަށްފަހު ފަޅުތެރެއަށް ކަރުގޮހޮރުފަދަ ތަކެތި އެޅުމަކީވެސް މަނާކަމެކެވެ. އަދި އޮޑިދޯނިފަހަރު ފަޅުމަތީގައި މަރާމާތުކުރުމާ، ބަނދަރަށް މުދާބޭލުމުގައިވެސް ވަކިއުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.
ނަމަވެސް މި އިއުލާން އާއްމުކުރި ފަހުންވެސް މިފަދަ އަމަލުތައް ދަނީ ތަކުރާރުވަމުންނެވެ. އަދި މިއިން އެއްވެސް ގަވާއިދެއްގެ ދަށުން އެއްވެސް މީހަކާމެދު ފިޔަވަޅު އަޅާފައިވާކަން އެނގޭކަށް ނެތެވެ. ނަމަވެސް ބައެއް ފަހަރުތަކުގައި ބައެއް މީހުން ގަވާއިދާ ހިލާފުވެގެން ކައުންސިލަށް ހާޒިރުކޮށް ނަސޭހަތްތެރިވަމުންދާކަމަށް ރަށު ކައުންސިލުން ބުންޏެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...