
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ގުޅުވައިގެން ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތް މިރޭ ފަށައިފި އެވެ.
ފޭލިން ބުނިގޮތުގައި ރަމަޟާންމަހާ ގުޅުވައިގެން މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެބޮޑު ބޭނުމަކީ، ރަމަޟާންމަހަކީ އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވާތީ، އެ މައްސަރުގެ ބަރަކާތްތެރިކަން އަޅުގަނޑުމެންގެ ޅަދަރިންނަށް އަންގައިދީ، އެކުދިން ކީރިތި ޤުރްއާނަށް ލޯބިޖައްސުވައި އިސްލާމްދީނުގެ ތަރަހަމަތީގައި އެކުދިން ތަރުބިއްޔަތުވުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ކީރިތި ގުރުއާން ހިތު ދަސްކުރުމާއި ތަޖްވީދުގެ މަގުން ރީތިކޮށް ގުރުއާން ކިޔަވާ މީހުން އުފެއްދުމަކީވެސް މުބާރާތް ބޭއްވުމުގެ މަގްސަދެއްކަމަށް ފޭލިން ބުނެއެވެ.
މި އަހަރުގެ ފޭލި ގުރުއާން މުބާރާތުގައި 318 ކުދިންނާއި މީހުން ބައިވެރިވެފައި ވެ އެވެ. މި މުބާރާތް ނިމޭނީ އަންނަ އާދީއްތަ ދުވަހު އެވެ.
ފޭލި ޖަމިއްޔާއިން ބުނީ، މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ އަންނަ އީދު ދުވަހުގެ ރޭ ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިއީ އެ ޖަމިއްޔާއިން މެދު ނުކެނޑި މި މުބާރާތް ބާއްވާ 12 ވަނަ އަހަރެވެ.