ގާޒާ ފަންޑަށް 20 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ

ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީ ހޯދުމަށްޓަކައި ރާއްޖޭގެ މީޑިއާ އިން ކުރިއަށް ގެންދާ 33 ގަޑިއިރުގެ ޓެލެތޯނުގެ ހަރަކާތްތަކުގެ ތެރެއިން
ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީ ހޯދުމަށްޓަކައި ރާއްޖޭގެ މީޑިއާ އިން ކުރިއަށް ގެންދާ 33 ގަޑިއިރުގެ ޓެލެތޯނުގެ ހަރަކާތްތަކުގެ ތެރެއިން

 

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނުގައި ގެއްލުން ލިބެމުންދާ ގާޒާ ރައްޔިތުންނަށް އެހީވުމަށް ދިވެހި މީޑިއާތަކުން ކުރިއަށް ގެންދާ ޓެލެތޯން ނިންމާލާއިރު، ފަންޑަށް 20 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަަމަށް ސްޓިއަރިން ކޮމެޓީން މިރޭ ބުނެފި އެވެ.

އިއްޔެ މެންދުރުު 2:30 ގައި ފެށި ޓެލެތޯން މިރޭ 12:00 ނިންމާލުމަށް ކުރިން ހަމަޖައްސާފައިވީ ނަމަވެސް ފަންޑަށް ލިބެމުންދާ ތަރުހީބު ބޮޑުވެ، ގިނަ އަދަދެއްގެ ބަޔަކު ފައިސާ ހަދިޔާކުރަމުން އަންނާތީ ޓެލެތޯންގެ ވަގުތު ވަނީ މިރޭ 3:00 އާ ހަމައަށް އިތުރުކޮށްފަ އެވެ. ގާޒާ ފަންޑް މޯލްޑިވްސް އިން އެއްކުރި ހަ މިލިއަން ރުފިޔާއާ އެކު ފެށި ޓެލެތޯން އަށް މިހާތަނަށް ވަނީ 15.8 މިލިއަން ރުފިޔާ ލިބިފަ އެވެ.

ގާޒާ ފަންޑު ކޮމެޓީގެ ޗެއާމަން އަދި އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ގާޒާ ފަންޑު ނިންމާލާއިރު 20 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. މިރޭ 3:00 ގައި ޓެލެތޯން ނިންމާލި ނަމަވެސް ފަންޑަށް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ކުރިއަށް އޮތް ދެ ދުވަހު ވެސް އެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“މިރޭ 3:00 ގައި ޓެލެތޯން ނިންމާލައި ފަންޑަށް ފައިސާ ހޯދަން އެއްވެސް ހަރަކާތެއް ނުހިންގާނެ. އެކަމަކު ފައިސާ ހަދިޔާކުރަން ބޭނުންވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ފުރުސަތު އޮންނާނެ ފައިސާ ހަދިޔާކުރަން. ބައެއް މީހުން ފައިސާ އެއްކޮށްފައި ހުރިއިރު އަދި ޖަމާނުވެ އެބަހުރި،” މަނިކު ވިދާޅުވި އެވެ.

ހެލްޕް ގާޒާ ސްޓިއަރިން ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރު އަދި ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ޓެލެތޯން އަށް ރެކޯޑު އަދަދަކަށް ފައިސާ ޖަމާކޮށް، ދިވެހި ރައްޔިތުން ގާޒާ އަށް ވަރަށް ދީލަތި އެހީއެއް ދީފައިވާ ކަމަށެވެ. އެކަމަށްޓަކައި ސްޓިއަރިން ކޮމެޓީގެ ނަމުގައި އޭނާ ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

“މި ފައިސާ އެއްވެސް ބްލެކްއައުޓެއް ނައިސް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދާނެ. ޓެލެތޯން ނިންމާލި ނަމަވެސް ފަންޑަށް ފައިސާ ލިބުނު މިންވަރު ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ސާފުކޮށްދޭނަން،” ހިރިގާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަންޑަށް ލިބުނު ސީދާ އަދަދެއް އެނގޭނީ ހުރިހާ ފައިސާއެއް ބޭންކަށް ޖަމާކޮށް، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގަ އެވެ.

ޓެލެތޯން ކުރިއަށް ގެންދިޔައިރު، ފަންޑަށް ފައިސާ ހޯދުމަށް ތަފާތު ގިނަ ހަރަކާތްތަކެއް މާލެ އާއި އަތޮޅުތަކުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ޖަމްބަލް ސޭލް އާއި ބާބެކިޔު އާއި ކުޑަކުދިންގެ ހަވީރުގެ އިތުރުން އެކި ސަރަހަައްދުތަކުގައިހ ފަންޑު ފޮށިތައް ބަހައްޓައިގެން ވެސް ވަނީ ފަންޑަށް ފަައިސާ ހަަދިޔާކޮށްފަ އެވެ. ފަންޑަށް އެހީވުމުގައި ވަކި އުމުރުފުރައެއް ނެތި އެ މީހަކަށް ވެދެވެން އޮތް އެހީތެރިކަމެއް ވަނީ ވެދީފަ އެވެ.

މިހާތަނަށް ބަލާއިރު ގާޒާ ފަންޑަށް އެންމެ ގިނަ އަދަދަކަށް ފައިސާ ޖަމާކުރީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން ވަނީ އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފަ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމުން ވަނީ ފަސް ލައްކަ ރުފިޔާ ފަންޑަށް ޖަމާކޮށްފަ އެވެ. މިހާތަނަށް ސިޔާސީ ޕާޓީ އަކުން އެންމެ ގިނަ އަދަދަަކަށް ގާޒާ ފަންޑަށް ފައިސާ ދިނީ ވެސް ޕީޕީއެމުންނެވެ. މިނިވަން މުއައްސަސާތަކުން ތިން ލައްކަ ރުފިޔާ ޖަމާކޮށްފައިވެ އެވެ. މީގެ އިތުރުން ވެސް ވަކިވަކި ފަރުދުންނާއި އެކި ވިޔަފާރިތަކުގެ އިތުރުން އެހެން ދާއިރާތަކުން ވެސް ގިނަ އަދަދެއްގެ ފައިސާ ގާޒާ ފަންޑަށް ޖަމާކޮށްފަ އެވެ. / ހަވީރު އޮންލައިން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.