ފެހެންދޫ އާއި ފުޅަދޫއަށް ފެރީގެ ޚިދުމަތް ނުލިބޭތީ ޝަކުވާ ކުރަނީ

އަތޮޅުފެރީން އޭދަފުއްޓަށް އައި ބަޔަކު އޭދފުއްޓަށް ފައިބަނީ -- ފައިލް ފޮޓޯ
އަތޮޅުފެރީން އޭދަފުއްޓަށް އައި ބަޔަކު އޭދފުއްޓަށް ފައިބަނީ — ފައިލް ފޮޓޯ

 

ބ. ފެހެންދޫން ފާތުމަތު ޒުހުދާ

މިއަތޮޅުގައި ދެމުންގެންދާ ފެރީގެ ޚިދުމަތް ފެހެންދޫ އާއި ފުޅަދޫއަށް ނުލިބޭތީ އެ ރަށްރަށުގެ ރައްޔިތުން ޝަކުވާކުރަން ފަށައިފި އެވެ.

އެ ރަށްރަށުގެ ބައެއް މީހުން ބުނި ގޮތުގައި އަތޮޅުގެ އެހެން ހުރިހާ ރަށަކަށް ފެރީގެ ޚިދުމަތް ލިބުން ނަމަވެސް ހަމަ އެކަނި ފެރީގެ ޚިދުމަތް ނުލިބެނީ ފެހެންދޫ އަދި ފުޅަދޫ އަށެވެ.

“ފެރީގެ ޚިދުމަތް ހޯދަން ގޮއިދޫއަށް ދާން މި ޖެހެނީ އަތުން 200 ރުފިޔާ ނޫނީ 100 ރުފިޔާ ޚަރަދުކޮށްގެން. ކުރިން އާދޭ ޑިންގީ އެއް އަހަރުމެން ގޮއިދޫއަށް ދާން.. އެކަމު މިހާރު އެ ޑިންގީއަށްވެސް ވީގޮތެއް ނޭނގޭ. އަމިއްލަ ޚަރަދުގަ ގޮއިދޫ އަށް ދާން މިހާރު މި ޖެހެނީ،”  ފެހެންދޫ މީހަކު ބުންޏެވެ.

ފެހެންދޫ ކައުންސިލުގެ ރައީސް މޫސާ ނަސީމް ވިދާޅުވީ ފެރީގެ ޚިދުމަތް ނުލިބޭތީ ރައްޔިތުންގެ ފަތާރުން ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

“މިރަށަށް ފެރީގެ ޚިދުމަތް ނުލިބޭތާ މަހަކާ ގާތް ވަނީ. އެއްވެސް ފަރާތަކުން ފެރީގެ ޚިދުމަތް މެދު ކެނޑިފައިވާ ކަމެއް އަދި ޚިދުމަތް މެދުކެނޑެން ޖެހުނު ސަބަބެއްވެސް އަންގާފައި ނުވޭ” މޫސާ ނަސީމް ވިދާޅުވިއެވެ.

މޫސާ ނަސީމް ވިދާޅުވީ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އަތޮޅު ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

ފެހެންދޫ އަދި ފުޅަދޫގެ ފަޅަށް ވަނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ފެރީގެ ޚިދުމަތް ދެމުން އަންނަ އުޅަނދަން އެ ދެ ރަށަށް ގާތް ނުކުރެވޭތީ ޚިދުމަތް ދެމުން އަންނަނީ އެ ދެރަށުން ގޮއިދޫއަށް ދިއުމަށްޓަކައި ކުޑަ ޑިންގީއެއް ބޭނުން ކޮށްގެންނެވެ. ނަމަވެސް ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން ކުޑަ ފެރީގެ ޚިދުމަތްވެސް ނުލިބޭ ކަމަށް ފެހެންދޫ ކައުންސިލުން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޕްރޮގްރާމް އޮފިސަރު މަރިޔަމް ރިޔާޒާ އީޓީ އަށް ވިދާޅުވީ އެއްވެސް ފަރާތަކުން ފެރީގެ ޚިދުމަތް މެދު ކެނޑިފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ދެއްވާފައި ނުވާ ކަމަށެވެ. އަދި މިއަތޮޅުގައި ފެރީގެ ޚިދުމަތް ދެމުންގެންދާ ފަރާތާއި ވެފައިވާ އެއްބަސް ވުމުގެ މުއްދަތު ޖުލައި މަހުގެނިޔަލަށް ހަމަވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް  ފެރީގެ ޚިދުމަތް މެދުކަނޑާނުލާ ކުރިއަށް ގެންދިޔުމަށް އެފަރާތަށް އަންގާފައިވާނެ ކަމަށްވެސް ރިޔާޒާ ވިދާޅުވި އެވެ.

ރިޔާޒާ ވިދާޅުވީ ފެރީގެ ޚިދުމަތް ދެވުނު ގޮތުގެ ރިޕޯޓް ކޮންމެ މަހެއްގެ 10 ގެ ކުރިން ފޮނުވުމަށް އަތޮޅު ކައުންސިލަށް އަންގާފައި ވީނަމަވެސް އަދިވެސް އެ ފަރާތުން ޖުލައި މަހުގެ ރިޕޯޓް ފޮނުވާފައި ނުވާތީ އެއްވެސް ރަށަކަށް ފެރީގެ ޚިދުމަތް މެދުކެނޑިފައިވާ ކަން އެގިފައިނުވާ ކަމަށެވެ.

ނަމަވެސް އަތޮޅު ކައުންސިލުން ބުނީ ޖުލައި މަހުގެ ރިޕޯޓް އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައި ވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. baa

    ހަގީގަތުގައިވެސް ފުޅަދޫ އާއި ފެހެންދޫގެ ރައްޔިތުންނާއި މެދު ހުރިހާ ގިނަ ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް އިހުމާލްވެފައި…އެދެރަށުގައި މީހުން ބައިތިއްބާކަށް ބޭނުމެއް ނުވޭ..އެކމަކު އެމީހުންނަށް ފޭބުމުގެ ފުރުސަތެއްވެސް ނުދޭ..ސިފަކުރެވެނީ މިހާރު އިސްރާއީލުން ގާޒާ ބަންދުކޮށްފައިވާގޮތް….މީ ހިތާމަ ހުރި ކަމެއް..ކަމާ ބެހޭ ފަރާތްތަކުން ވަގުތުން މިކަން ރަގަޅުކުރުމަށް ގޮވާލަން…ޝުކުރިއްޔާ ޤައުމު…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.