އިލެކްޝަންގެ ކަންކަމުގައި ބ. އަތޮޅުން ހަރަކާތްތެރިވާ ބޭފުޅުންނަށް ތަމްރީން ދީފި

ކުރިޔަށްއޮތް އާންމު އިންތިހާބުގައި ބ. އަތޮޅުގެ ވޯޓްފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީން ދިނުމުގެ ވާކްޝޮޕް

ކުރިޔަށްއޮތް އާންމު އިންތިހާބުގައި ބ. އަތޮޅުގެ ވޯޓްފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީން ދިނުމުގެ ވާކްޝޮޕް އޭދަފުށީގައި ކުރިޔަށްގެންގޮސްފިއެވެ.
ހެނދުނު 9.00 ން ފެށިގެން މެންދުރުފަހު 3.30 އަށް އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލްގެ ރޯޝަނީ މާލަމްގައި ކުރިޔަށްދިޔަ މިޓްރޭނިންގް ޕްރޮޤްރާމްގައި މިއަތޮޅުގެ ވޯޓްފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވާ 99 ބޭފުޅަކު ބައިވެރިވެފައިވާކަމަށް އަތޮޅު އިލެކްޝަންސް އޮފިސަރ ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މިބައްދަލުވުމުގައި، ވޯޓްފޮށި ތަކުގެ ވެރިންގެ ޒިންމާއާ، އޭނާގެ ދަށުން ހަރަކާތްތެރިވާ އެހެން ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާ، ދިމާވެދާނެ ދަތިކަންކަމާ، އެކަންކަމުގެ ހައްލުތަކާމެދު ވާހަކަދެކެވިފައިވާކަމުގައެވެ. އިލެކްޝަންގެ ފަންނީ ބޭފުޅުންބައިވެރިވެގެން ކުރިޔަށްގެންދިޔަ މިބައްދަލުވުމުގައި އަތޮޅުގެ ރަށްރަށުން ބައިވެރިވި ބޭފުޅުން ބައްދަލުވުމަށްފަހު އިއްޔެ ހަވީރުގެ ވަގުތުތަކުގައި އެނބުރި ރަށްރަށަށް ވަނީ ގޮސްފައެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް 77 މެމްބަރުން ހޮވުމަށް މީގެ ތިންދުވަސްފަހުން ބާއްވަން ހަމަޖެހިފައިވާ އާންމުއިންތިހާބުގައި ހަތަރުސަތޭކައަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާނެކަމަށް އިލެކްޝަނުން ވަނީ ހާމަކޮށްފައެވެ. މީގެތެރެއިން މިއަތޮޅުގެ ތިންދާއިރާއަށް ޖުމްލަ 19 ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާކަން ފާހަގަކުރެވެއެވެ.
ގިނަ ޕާޓީތަކަކަށް ވާދަކުރެވޭގޮތަށް މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގައިބާއްވާ އެންމެބޮޑު އާންމު އިންތިހާބުގައި ތިންސަތޭކަ ނުވަދިހައަށްވުރެ ގިނަ ވޯޓް ފޮށި ބަހައްޓާގޮތަށް ހަމަޖެހިފައިވާއިރު އޭގެތެރޭން 18 ފޮށި ބަހައްޓާގޮތަށް ހަމަޖެހިފައިވަނީ މިއަތޮޅުގެ ރަށްރަށުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.