ފެރީތޯ؟ އެލަވަންސްތޯ؟: އެޑިޔުކޭޝަން

އެޑިޔުކޭޗަން މިނިސްޓްރީގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން—އީޓީ ފޮޓޯ ޒުހުދާ
އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން—އީޓީ ފޮޓޯ ޒުހުދާ

ބ. ފެހެންދޫން ފާތުމަތު ޒުހުދާ

އެޑިޔުކޭޝަންއިން 2008 ވަނަ އަހަރު ކުދިން މަދުކަމަށް ބުނެ ފެހެންދޫ ސްކޫލް ބަންދުކޮށްފައިވަނީ ގޮއިދޫ ސްކޫލަށް ކުދިން ވެއްދުމުން، ސްކޫލަށް ދާން ފެރީގެ ނިޒާމް ގާއިމްކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއެކުއެވެ.

ނަމަވެސް ސްކޫލް ބަންދުކުރިފަހުން 5 އަހަރު ވީއިރުވެސް އެލަވަންސް ލިބުން ފިޔަވައި ސަރުކާރުން ފެހެންދޫ ކުދިން ސްކޫލަށް ދަނީ ކިހިނެތްތޯ ބަލާލާފައިވެސް ނުވެ އެވެ. މިކަމާއި ގުޅިގެން ފެހެންދޫ ކައުންސިލުން 2014 ސެޕްޓެމްބަރ 11 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލު ކުރައްވައި ހައްލެއް ހޯދުމަށް ވަނީ މަޝްވަރާކޮށްފަ އެވެ. އަދި މި މައްސަލައިގައި ސީދާ ބެލެނިވެރިންނާއި އެޑިޔުކޭޝަންގެ ފަރާތުން ބައްދަލު ކުރުމަކީ ބެލެނިވެރިންގެ އެދުމެއް ކަމަށް ކައުންސިލުން އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމަށް ދެންނެވުމުން އެޑިޔުކޭޝަންގެ ފަރާތުން ދެ ބޭފުޅަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފެހެންދޫ އަށް ވަޑައިގެން ބެލެނިވެރިންނާއި ބައްދަލު ކުރައްވާފަ އެވެ.

ފެހެންދޫ ސްކޫލް އިމާރާތުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު އަލްފާޟިލް އިބްރާހިމް އާސިފް ވިދާޅުވީ އެބޭފުޅުން ދެގޮތެއް ހުށަހަޅުއްވާ ކަމަށެވެ. އެއްގޮތަކީ ސްކޫލް ކުދިން ގޮއިދޫއަށް ދާން ފެރީއެއް ބޭއްވުން ކަމަށެވެ. އަނެއް ގޮތަކީ މިހާރު އޮންނަ އުސޫލުން އެލަވަންސް ދިނުން ކަމަށެވެ.

“ފެރީ ބާއްވަންޏާ ޖެހޭނީ އެހެން ރަށްރަށުގައި ތިބި ފެހެންދޫ ކުދިންނަށްވެސް މިހާރު ދެމުން ގެންދާ އެލަވަންސް ކަނޑާލަށް. ތިބޭފުޅުން ނިންމަންވީ ބާއްވާނީ ފެރީތޯ؟  ނޫނީ ދޭނީ އެލަވަންސް ތޯ؟” އާސިފް ވިދާޅުވިއެވެ. އާސިފް ވިދާޅުވީ ބެލެނިވެރިން ގޮތެއް ނިންމާފައި އެންގުމުން އެގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.

އާސިފް ވިދާޅުވިގޮތުގައި އެޑިޔުކޭޝަންގެ އަމާޒަކީ އެއްވެސް ތަފާތުކުރުމެއް ނެތި ތައުލީމު އުގުނުމުގެ ފުރުޞަތު ހުރިހާ އެއްމެންނަށްވެސް ފޯރުކޮށްދިނުމެވެ. އަދި މިހާރު ހުރި އެޑިޔުކޭޝަންގެ އިމާރާތް (ފެހެންދޫ ސްކޫލް އިމާރާތް) ކައުންސިލާއި ހަވާލުކުރައްވާނެ ކަމަށާއި ޕްރީސްކޫލް ތަރައްޤީކުރުމުގެ ގޮތުން އިދާރީ މުވައްޒަފަކާއި އަދިވެސް މީގެ އިތުރުން ޕްރީ ސްކޫލަށް ބޭނުންވާނެ އިކުއިޕްމަންޓްސަތައްވެސް ހޯދައި ދެއްވާނެ ކަމަށް އާސިފް ވިދާޅުވި އެވެ.

“އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެލަވަންސް ދިނުމަކީ ފެހެންދޫ ކުދިންނަށް ތައުލީމުގެ ޚިދުމަތް ދެވުނީކަމަކަށް. ފެހެންދޫ ސްކޫލް ކުދިންނަށް ރަށުގައި ތިބެގެން ކިޔަވަން ދެވޭނެ ގޮތެއް އޮންނަން ޖެހޭނެ” ފެރީ ބޭއްވުމަކީ އެންމެ އެކަށޭނެ ހައްލެއް ކަމަށް ދެކޭ ބެލެނިވެރިއަކު ބުންޏެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް އީޓީ އަށް ވިދާޅުވީ ކައުންސިލުން އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

“މިކަމަކީ ގިނަބައެއްގެ މަސްލަޙަތު އެކުލެވޭ ކަމެއް. ވަކި ގޮތެއް ނިންމަން އެގޭނީ ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު. އަޅުގަނޑުމެން މި ބަލަނީ ވީއެއްމެ އަވަހަކަށް ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު އެޑިޔުކޭޝަންއަށް ޖަވާބެއް ދެވޭތޯ” އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.