ނައު: ގޮންޖެހުންތަކާ އެކުވެސް ސެކިއުރިޓީ ބެލެހެއްޓުމުގައި..!!

ނައުފަލް، ދިރާގުގެ އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި
ނައުފަލް، ދިރާގުގެ އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި

 

ނުކުޅެދުންތެރިކަމަކީ މުޖުތަމައުގައި ބާކީވެ އެކަނިވެރިކަން ގެނެސްދޭ ކަމެއް ކަމަށް ބައެއް މީހުންނަށް ހީވެ އެވެ. އަދި މިގޮތުގައި ދުވަސްތައް ގުނަމުންދާ މީހުން މަދެކޭވެސް ނުބުނެވޭނެ އެވެ. ބައެއް މީހުންގެ ހުންނަ ނުކުޅެދުންތެރިކަމުގެ ސަބަބުން އާއިލާއިން އޭނާއާމެދު ދެކޭގޮތް މުޅިން ބަދަލުވެ އެވެ. އެފަދަ ފަރާތްތަކުގެ ޒިންމާނެގުމުގައި އިހުމާލުވުމާއި، މުޖުތަމައުގެ މަލާމާތް ރައްދުވާކަމީ މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރުތަކުން ޔަގީންވާ ކަންކަމެވެ. އަދި ތެދުވެރިކަމާއި، ފުރިހަމަކަމާއި އެކު އެފަދަ މީހަކަށް ޒިންމާ ނެގޭނޭ ކަމާމެދު ޝައްކުއުފެދެ އެވެ. އެއީ ނުކުޅެދުންތެރިކަމަކީ އެމީހުންގެ ބަލިފައި ކަމަށް ޤަބޫލުކުރާ މީހުންގެ ވިސްނުން ހުންނަގޮތެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ގައުމެއްގެ އާބާދީގެ އެންމެ ނާޒުކު އެއްބައެވެ. އެފަދަ ފަރާތްތަކަށް ޚާއްސަ އެހީތެރިކަމާއި، މުޖުތަމައުގެ އިތުބާރު ބޭނުންވެ އެވެ.

އެފަދަ މީހަކަށް އިތުބާރުކޮށް ޒިންމާއެއް ހަވާލުކުރުމުގެ ހިތްވަރު ހުރީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ތޯއެވެ؟ ބ. އޭދަފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓާ ސިރިމާ އިންވެސްޓްމަންޓްގެ ވެރިޔާ އަޙްމަދު ނާސިރު ގަބޫލުކުރާގޮތުގައި އެއީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. އެފަދަ މީހަކަށް ބޭނުންވަނީ ކުޅެދޭ މީހުންގެ ހެޔޮ ބަސްތަކާއި އިތުބާރެވެ. އެ ޔަޤީންކަން މިއަދު އޭނާވަނީ ހޯދާފައެވެ.

ސިރިމާ އިންވެސްޓްމަންޓްގެ ބެލުމުގެ ދަށުން އޭދަފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުގެ ސެކިއުރިޓީކަން ގާޑުގެ ވަޒީފާ އަދާކުރާ ބ. އޭދަފުށީ، ހަލަވެލި، ހުސެއިން ނައުފަލް (ނައު) 24، އަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތެކެވެ. ޒިންމާދާރުކަން ބޮޑު މި މަސްއޫލިއްޔަތު، ފުރިހަމަކަމާއިއެކީ ނައުފަލްއަށް އަދާކުރެވިދާނެކަމަށް ފަހަރެއްގައި ޤަބޫލުނުކުރެވިދާނެ އެވެ. ސިކުނޑީގެ އުނިކަމެއް ހުއްޓަސް ނައުފަލް އާއި މުޢާމަލާތުކުރުމަކީ އުނދަގޫކަމެއް ނޫނެވެ. ވާހަކަދެއްކުމާއި، ބުނާ އެއްޗެއް ނަގައިގަތުމުގެ ޤާބިލުކަން ނައުފަލުގެ ހުރެއެވެ.

DSC_0060

“އެފަދަ ކުދިންނަކީވެސް މުޖުތަމައގައި އެހެން މީހުންނެކޭ އެއްގޮތަށް އުޅެވެން ޖެހޭނެ ކުދިން، އެފަދަ ކުދިން އެކަހެރި ކުރުމުން އޭގެ ނޭދެވޭ އަސަރު އެ ކުދިންގެ ދިރިއުޅުމަށް ކުރޭ،” ނައުފަލްއަށް ވަޒީފާ ދިނުމުގެ މައިގަނޑު ސަބަބު ހިއްސާކުރަމުން އަޙްމަދު ނާސިރު ބުންޏެވެ.

ގޮންޖެހުންތަކާއި އެކުވެސް ނައުފަލް ޒިންމާ އަދާކުރާތީ ނާސިރަށް ލިބޭ ހިތްހަމަޖެހުންވެސް ބޮޑު ކަމަށް އޭނާ ފާހަގަކުރި އެވެ. ކޮންޓްރެކްޓް ހަމަވަންދެން ނައުފަލް އެ މަގާމުގައި ބަހައްޓަން އޭނާ ބޭނުންވެ އެވެ.

“ނައު ވަރަށް ބަރާބަރު، ބުނާކަމެއް ބުނާގޮތަކަށް ކުރޭ، ޑިއުޓީ އަދާކުރުމުގައި ކުޅެދޭމީހެކޭ ތަފާތެއް ނެތް. ގަޑި ޖެހުމުގެ 15 ނޫނީ 20 މިނިޓް ކުރިން ނައު ހުންނާނެ ޑިއުޓީއަށް ގޮސް،” ނައުފަލު އަށް ތައުރީފު ކުރަމުން ނާސިރު ބުންޏެވެ.

އޭނާ އިތުރަށް ބުނިގޮތުގައި ނައުފަލު އެ މަގާމަށް ހަމަޖެއްސީ ދިރާގުންވެސް އެކަމަށް ރުހުން ދިނީމައެވެ. އެހެންކަމުން ނާސިރުގެ މި ނިންމުމަށް ދިރާގުން މަރުހަބާ ކިޔުމަކީ އެފަދަ ކުދިންނަށް ލިބިގެންދާނެ ހިތްވަރެއްކަން ޔަޤީނެވެ. އޭދަފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުން ބުނީ ނައުފަލް ފަދަ ކުއްޖަކަށް އެތަނުގެ ސެކިއުރިޓީކަން ނުބެލެއްހެއްޓެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

image-f5c9a2fc764ca9c4624e405b2fcf7392ecde31710e19f3f20ad538648fb92f61-V

“އެފަދަ ކުދިންނާއިމެދު މުޖުތަމައު ދެކޭގޮތް ތަފާތީ، އެ ކުދިންނަށް ފުރުޞަތުތަކެއް ފަހިކޮށްދޭން ތިބީވެސް އަޅުގަނޑުމެން. އެހެންވީމަ އެފަދަ ފުރުސަތުތައް އެކުދިންނަށް ލިބިގެން ދިއުމަކީ އެކުދިންނަށް ލިބޭނެ ވަރަށްބޮޑު ހިތްހަމަޖެހުމެއް” ދިރާގުގެ އޮފިޝަލަކު ބުންޏެވެ.

ނުކުޅެދޭ މީހުންނަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެއްބައެވެ. މުޖުތަމަޢުގެ އިތުބާރާއި، އަޅާލުމާއި، އޯގާތެރިކަން އެމީހުންނަށް ބޭނުންވެއެވެ. އެފަދަ މީހުންގެ އެދުންތަކާއި އިޙްސާސްތަކަށް އިޙްތިރާމްކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. ނައުފަލު މިއަދު އެދަނީ އެ ހިތްހަމަޖެހުން އިޙްސާސްކުރަމުންނެވެ. ސިކުނޑީގެ އުނިކަމެއް ހުއްޓަސް އޭނާއަކީ ކުޅެދޭ މީހެއްގެ މަގާމުގައި ހުރެވޭނެ މީހެއްކަން އެދަނީ ސާބިތު ކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.