ކޮންޒަވޭޝަން ފަންޑުން ހިލޭ އެހީދޭ ޕްރޮޖެކްތައް އެވޯޑް ކުރުން މާދަމާ

ބަޔޮސްފިއާ ރިޒާވް އޮފީސް
ބަޔޮސްފިއާ ރިޒާވް އޮފީސް

 

ބ. އަތޮޅު ބައޯސްފިޔާ ރިޒާވް އޮފީހުގެ ކޮންޒަވޭޝަން ފަންޑުން މިއަހަރު އެހީދޭން ނިންމާފައިވާ ޕްރޮޖެކްޓްތައް އެވޯޑްކުރުން މާދަމާ އޮންނާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނިގޮތުގައި އޭދަފުށީ މަލްޓީޕާޕަސް އިމާރާތުގެ ހޯލުގައި މާދަމާ މެންދުރު 1:30 ގައި ބާއްވާ މި ހަފުލާ ޝަރަފްވެރިކޮށްދެއްވާނީ އެންވަޔަރަމްންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

ކޮންޒަވޭޝަން ފަންޑު ގާއިމްކޮށް ހިލޭ އެހީ ދިނުމުގެ ބޭނުމަކީ ޔުނެސްކޯ ވޯލްޑް ބަޔޮސްފިއަ ރިޒާވްއެއްގެ ގޮތުގައި ގާއިމުކުރެވިފައިވާ މިއަތޮޅަކީ ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ނަމޫނާ އަތޮޅެއްގެ ގޮތުގައި ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް އެ އޮފީހުން ބުނެއެވެ. މިގޮތުން މިއެހީ ދޭނީ މައިގަނޑު ތިންބަޔަކުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ތިމާވެއްޓާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ އިތުރުން، އުނގެނުމާއި ދިރާސާ ކުރުމާއި މައުލޫމާތު ފެތުރުމެވެ.

މާދަމާ އޮންނަ ހަފްލާގައި ހަތް ރަށަކުން ހުށަހަޅާފައިވާ ހަތް ޕްރޮޖެކްޓަކަށް ހިލޭ އެހީ އެވޯޑް ކުރާނެ އެވެ. އެއީ ކެންދޫ ސްކޫލް، މާޅޮހު އަންހެނުންގެ ކޮމެޓީ، ދަރަވަންދޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ސޮސައިޓީ، އޭދަފުށީ ފޭލި ޖަމިއްޔާ، ކިހާދޫ ފާމް ފައުންޑޭޝަންގެ އިތުރުން ތުޅާދޫ އަދި ކުޑަރިކިލު ކައުންސިލެވެ.

މި ޕްރޮޖެކްޓްތަކަށް އެއްލައްކަ ޑޮލަރު ދޫކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ދޫކުރަނީ ދެއަހަރު ދުވަހުގެ މުއްދަތުގައި މި އެހީގެދަށުން ޕްރޮޖެކްޓްތައް ނިންމަންޖެހޭގޮތަށް ކޮންމެ ޕްރޮޖެކްޓަކަށްވެސް ފަނަރަހާސް ޑޮލަރެވެ.

ހިލޭ އެހީދޭ ޕްރޮޖެކްތައް ކަނޑައަޅާފައިވަނީ ގައުމީ އަދި ރަށު ފެންވަރުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށާއި އިލްމީ ދިރާސާތައް ކުރާ އިދާރާތަކަށާއި އަންހެނުންގެ ކޮމިޓީތަކަށާއި ކައުންސިލްތަކަށާއި އަދި ރިސޯޓްތަކަށް ހުޅުވާލި ފުރުސަތުގައި އެކިފަރާތް ތަކުން ހުށައަޅާފައިވާ ޕްރޮޕޯޒަލްތައް ބެލުމަށްފަހު ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ހަސަނު

    ހުރިހާ އެއްޗެއް ފޭއްޔަށް. ބޭންކުންވެސް އެސްޓީއޯ އިންވެސް ޔޫތު މިނިސްޓްރީންވެސް ފޭލިފޭލި. ކޮބާ ސީސީ ކޮބާ ޓީބީ ވަފާ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.