ގޮއިދޫ ވޮލީ ޓީމަށް އެންމެންގެ ތައުރީފު ހައްގު: އޮލިމްޕިކް ކޮމިޓީ

ގޮއެދޫ ޓީމަށް ހަދިޔާ ކުރި ވޮލީ ބޯޅަ ޕެކް އޮލިމްޕިކް ކޮމިޓީގެ ފަރާތުން މަރުޒޫގު އެ ޓީމްގެ ކޯޗް ނިޒާމް އާއި ހަވާލުކޮށްދެއްވަނީ - ފޮޓޯ: ސަން
ގޮއެދޫ ޓީމަށް ހަދިޔާ ކުރި ވޮލީ ބޯޅަ ޕެކް އޮލިމްޕިކް ކޮމިޓީގެ ފަރާތުން މަރުޒޫގު އެ ޓީމްގެ ކޯޗް ނިޒާމް އާއި ހަވާލުކޮށްދެއްވަނީ – ފޮޓޯ: ސަން

‘މައިލޯ’ ވީއެމްއޭ ޔޫތު ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ފައިނަލުން ޖާގަ ހޯދާފައިވާ ގޮއިދޫ ވޮލީ ޓީމް ހޯދި ކާމިޔާބީއަށް ތައުރީފު ކުރުން ހައްގު ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް އަހުމަދު މަރުޒޫގު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިރޭ ލެމަންގްރާސް ސިޓްރޮންގައި އޮލިމްޕިކް ކޮމިޓީގެ ފަރާތުން ގޮއިދޫ ޓީމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެއްގަ އެވެ. މި ހަފްލާގައި އޮލިމްޕިކް ކޮމިޓީގެ އިސް އޮފިޝަލުންގެ އިތުރުން ގޮއިދޫ ޓީމްގެ ކުޅުންތެރިންނާއި އެ ޓީމްގެ ކޯޗް އަދި ޓީމާ ހަވާލުވެ އައިސް ތިބި ބެލެނިވެރިން ބައިވެރި ވިއެވެ.

މި ހަފްލާގައި އެ ޓީމްގެ ކާމިޔާބީ ފާހަގަ ކޮށް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ އެ ޓީމަށް ވޮލީ ބޯޅަ ޕެކެއް ހަދިޔާ ކޮށްފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މަރުޒޫގު ވިދާޅުވީ، ގޮއިދޫ ޓީމަކީ ވަރަށް ހިތްވަރު ގަދަ ޓީމެއް ކަމަށާއި، އެ ޓީމްގެ ކުޅުންތެރިން މިފަހަރުގެ ވީއޭއެމްއޭ ޔޫތު ޗެމްޕިއަންޝިޕްގައި މިހާތަނަށް ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ކުޅިވަރަށް ހުރި ލާމާސީލު ނަމޫނާއެއް ކަމަށެވެ.

“ގޮއިދޫ ޓީމަށް ރާއްޖޭގެ އެންމެން ވެސް ސަޕޯޓު ކުރުން ހައްގު. އެ ޓީމަށް މި މުބާރާތަށް މާލެ އައިސް ތިބުމުގައި ވަރަށް ގިނަ ދަތިތަކެއް ދިމާވި. ދިމާވި ދަތިތަކާ އެކުވެސް، އެހާ އުމުރުން ހަގު ޓީމެއް މިފަދަ މުބާރާތެއްގައި މިހާ ރަނގަޅު ކާމިޔާބީއެއް ހޯދުމަކީ އަޅުގަނޑުމެން ވަރަށް އުފަލާއެކު ފާހަގަ ކުރާ ކަމެއް.” އޭނާ ވިދާޅުވި އެވެ.

މި ހަފްލާގައި ޓީމްގެ ފަރާތުން އެ ޓީމްގެ ކޯޗް ނިޒާމް ވާހަކަ ދައްކަމުން ބުނީ ގޮއިދޫ ޓީމަކީ ވަރަށް ހިތްވަރުގަދަ ޓީމެއް ކަމަށާއި، ޓީމުން މިހާތަނަށް ދެއްކި ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް އެޓީމް މާލެ އައިސްފައި ވަނީ ވަރަށް ގަދަ އަޒުމަކާ އެކު ކަމަށާއި، ޓީމަށް މި މުބާރާތް ކާމިޔާބު ކުރެވިދާނެކަން ޓީމުން ދައްކައިދީފި ކަމަށް އޭނާ ބުންޏެވެ.

“އަޅުގަނޑުމެން ޓީމްގެ ހުރިހާ ކުޅުންތެރިން ވެސް މާލެ އައީ މި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދަން. ތަނުގެ ހާލަތު ނޭނގިއެއް ނޫން ގަލޮޅު އެކޮމޮޑޭޝަން ބްލޮކުގައި އަޅުގަނޑުމެން ތިބީ. ނަމަވެސް އެއީ އަޅުގަނޑުމެނަށް އެހާ ބޮޑު ކޮންސާނެއް ނޫން. މި މުބާރާތަށް ޓީމް އައީ ހަމަ އެންމެ ބޭނުމެއްގައި، އެއީ މުބާރާތް ކާމިޔާބު ކުރަން،” ކޯޗު ނިޒާމް ބުންޏެވެ. “މިހާތަނަށް ކުޅުންތެރިން ދެއްކި ކުޅުމުން މުބާރާތް ކާމިޔާބު ކުރެވޭނެ ފަދަ ފެންވަރު ޓީމްގައި ހުރިކަން ޓީމުން ދައްކުވައިދީފި.”

ވީއެމްއޭ ޔޫތު ޗެންޕިއަންޝިޕް އަންހެން ޑިވިޝަންގެ ފައިނަލަށް ގޮއިދޫ ޓީމު ދަތުރުކުރީ އެ ޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކޮށްގެންނެވެ. މިއީ މި މުބާރާތުގައި މި ޓީމް ބައިވެރިވެފައިވާ ފުރަތަމަ ފަހަރު ކަމަށް ވާއިރު، އެ ޓީމްގައި އުމުރުން ހަގު ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ގޮއިދޫ ޓީމް މާދަމާ ރޭ ބައްދަލުކުރާނީ ޔޫތު ސްޕޯޓްސް ކްލަބާއެވެ.

މި މުބާރާތަށް ގޮއިދޫ ޓީމް މާލޭގައި ތިބުމަށް ގަލޮޅު އެކޮމޮޑޭޝަން ބްލޮކުން ޖާގަ ހަމަޖައްސައިދީފައި ވާއިރު، އެ ޓީމްގެ 12 ކުޅުންތެރިންނާއި 5 އޮފިޝަލުން ތިބެފައި ވަނީ އެންމެ ކޮޓަރިއެއްގަ އެވެ. އަދި އެތާނގެ އެކި ޒަރޫރީ ވަސީލަތްތަކުގެ ފެންވަރު ވަރަށް ދަށްވެފައި ވާއިރު، އެތަނުގެ ބެލެނިވެރި މުއައްސަސާ ކަމަށްވާ ޔޫތު މިނިސްޓްރީން ވަނީ އެތަން މަރާމާތުކުރުމަށް ޓަކައި އަންނަ މަހު ތަން ބަންދުކުރުމަށް ނިންމާފައެވެ.

(ރެފަރެންސް: ސަންޑޮޓްއެމްވީ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.