ސެންޓޭގެ ގޯލުން ގައުމީ މުބާރާތުގެ ތަށި ނިއުއިން މިލްކުކޮށްފި

ސެންޓޭ ގައުމީ ތައްޓާއެކު – ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ / ހުސައިން ސިނާން
ސެންޓޭ ގައުމީ ތައްޓާއެކު – ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ / ހުސައިން ސިނާން

އަލީ ފާސިރު (ސެންޓޭ) ގެ ގޯލުން 0-1 ގެ ނަތީޖާއަކުން އީގަލްސްގެ މައްޗަށް ކުރި ހޯދާ ގައުމީ މުބާރާތުގެ ތަށި ނިއުއިން މިލްކުކޮށްފި އެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގޯލްޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ނިއު އަށެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ގޯލްޖަހަން ލިބިގެންގޮސްފައިވަނީ ވެސް މަދު ފުރުސަތުތަކެކެވެ.

މެޗުގެ 90 މިނެޓް ހަމަވެގެންދިޔައިރު ނަތީޖާއަށް ބަދަލެއް ނައުމާ ގުޅިގެން ދެން ކުޅުނީ އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ނުލިބުނު ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ނިއުއިން ވަނީ މެޗުގެ ލީޑުނަގާފަ އެވެ.

މި ގޯލް ނިއުއަށް ކާމިޔާބުކޮށްދިނީ އަނިޔާގެ ސަބަބުން ދެން މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނުކުޅެވޭނެ ކަމަށް ކުރިން ބެލެވުނު އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ މި މެޗުގައި ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައެވެ. މި ގޯލަށްފަހު ވެސް ނިއުއަށް ވަނީ ގޯލްޖަހާނެ އިތުރު ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.

އަލީ ފާސިރުގެ އިތުރުން އޭދަފުށްޓަށް ނިސްބަތްވާ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝިފާން (ކުޑައްޓޭ)، ޝާފިއު އަހުމަދު އަދި ޒުވާން އުންމީދީ ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަހުމަދު ސުހައިލް (ބަންބުޗް) ވެސް ވަނީ ރޭގެ ފައިނަލް މެޗުގައި ކުޅެފައެވެ.

ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން ގައުމީ ތައްޓާއެކު އުފާފާޅުކުރަނީ. – ފޮޓޯ: ހަވީރު
ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން ގައުމީ ތައްޓާއެކު އުފާފާޅުކުރަނީ. – ފޮޓޯ: ހަވީރު

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނިއުއަށް ތަށި ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާނު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

މިއީ ނިއުއިން މި މުބާރާތުގެ ތަށި ހޯދި 11 ވަނަ ފަހަރެވެ. އަދި މިއީ އެޓީމް މި މުބާރާތުގެ ތަށި މިލްކު ކުރި ފުރަތަމަ ފަހަރުވެސް މެ އެވެ.

ނިއު މި މުބާރާތް ފުރަތަމަ ކާމިޔާބު ކުރީ 1982 ވަނަ އަހަރު އެވެ. އެއަށް ފަހު 1987، 1990 ،1991 ،1995، 1997 ،2004، 2007 އަދި 2012 އާއި މިދިޔަ އަހަރު ވެސް ނިއު ވަނީ މި މުބާރާތުގެ ތަށި އުފުލާލާފައެވެ.

މި މެޗާއެކު ފުޓްބޯޅަ ސީޒަން ވެސް ނިމިގެންދިޔައިރު ނިއުއިން ވަނީ ގައުމީ މުބާރާތުގެ އިތުރުން ދިވެހި ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. ނިއުއަށް މި ސީޒަނުގައި ނުލިބުނީ އެފްއޭކަޕެވެ. އެ މުބާރާތް ކާމިޔާބުކޮށްފައިވަނީ މާޒިޔާއިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.