އަންނަ އަހަރުވެސް ފެންނާނީ ހަމަ ނިއު އިން: ސެންޓޭ

މިސީޒަންގެ ދިވެހި ލީގު ތިވަނަ ބުރުގައި ސެންޓޭ ވެލެންސިޔާއާ ދެކޮޅަށް ކުޅެނީ – ފޮޓޯ: އިސްމާއިލް އައްފާން
މިސީޒަންގެ ދިވެހި ލީގު ތިވަނަ ބުރުގައި ސެންޓޭ ވެލެންސިޔާއާ ދެކޮޅަށް ކުޅެނީ – ފޮޓޯ: އިސްމާއިލް އައްފާން

މިއަހަަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުރޭޑިއަންޓަށް އެންމެ މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ފޯވާޑް އޭދަފުއްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) އަންނަ އަހަރުވެސް ފެންނާނީ ނިއުއިން ކަމަށް ބުނެފި އެވެ.

ރޭގެ މެޗާއި ބެހޭގޮތުން ސީއެންއެމް އާ ވާހަކަ ދައްކަމުން ސެންޓޭ ބުނީ  35 އަހަރުވީ ކްލަބަކަށް މިފަދަ ކާމިޔާބެއް ހޯދައިދެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

“މިއީ މި ޓީމަށް ހޯދައިދެވުނު ވަރަށް ބޮޑު ކާމިޔާބެއް.އަންނަ އަހަރުވެސް ފެންނާނީ ނިއުރޭޑިއަންޓުން.” ނިއުއަށް މި ސީޒަންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ސެންޓޭ ބުންޏެވެ.

މި ސީޒަންގެ ދިވެހި ލީގުގައި ސެންޓޭ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއަށް މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ދެން ނުކުޅެވޭނެކަމަށް މީޑިއާގައިވަނީ ވާހަކަ ދެކެވިފަ އެވެ. އެހެންނަމަވެސް އަވައްޓެރި ލަންކާ އަށާއި ރާއްޖޭގެ އެކި ޑޮކްޓަރުންނަށް ދެއްކުމަށްފަހު ސެންޓޭ ވަނީ ކުޅުމަށް އެނބުރި އައިސް ނިއުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ޓީމަށް ޕްރެޒިޑެންޓްސް ކަޕް މިލްކް ކޮށްދީފަ އެވެ.

“ހަގީގަތުގައި ފުރަތަމަ އިންޖަރީ ވުމުން މި ސީޒަންގައި ދެން ނުކުޅެވޭނެކަމުގެ ބިރުހީވި. އެހެންނަމަވެސް ޑޮކްޓަރަށް ދެއްކުމަށްފަހު އަބަދުވެސް އުއްމީދު ކުރަމުން އައީ މި ސީޒަންގައި ކުޅުމަށް. މިރޭގެ މެޗުގައި މި ކުޅުނީވެސް އެއްކޮށް އަނިޔާއިން ރަގަޅުނުވެ. ޓީމަށް މި ކާމިޔާބު ހޯދައިދިނުމަށް.” ސެންޓޭ ބުނިކަމަށް ސީއެންއެމް ގައި ބުނެފައިވެ އެވެ. .

މިސީޒަންގެ ދިވެހި ލީގު ދެވަނަ ބުރުގައި ސެންޓޭ ވެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު – ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ
މިސީޒަންގެ ދިވެހި ލީގު ދެވަނަ ބުރުގައި ސެންޓޭ ވެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު – ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ

މި ސީޒަންގައި ނިއުއަށް ސެންޓޭ ވަނީ 26 ގޯލު ކާމިޔާބުކޮށްދީފައެވެ. ސެންޓޭ ނުލައި އެޓީމު ކުޅުނު މުބާރާތް އެޓީމަށް ވަނީ ގެއްލިފައެވެ. އެއީ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތެވެ. ދިވެހި ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށްދޭ ރަން ބޫޓް ސެންޓޭ އާއި ވާދަކޮށް އަސަދުﷲ 30 ގޯލު ކާމިޔާބުކޮށްގެން ހޯދިނަމަވެސް މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާ އަށްދޭ ރަންބޯޅަ ލިބުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ސެންޓޭ އަށެވެ.

“އަންނަ ސީޒަންގައި މި ޓީމު އޮތުން ވަރަށް މުހިއްމު. އެއީ އެހެން ޓީމުތަށްވެސް ވަރުގަދަ ކުރާނެ. އެހެންކަމުން ރަގަޅަށް ވާދަކުރެވޭނީ ވަރުގަދަ ޓީމެއް އޮތުމުން. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނަ އަޅައިދިޔުމަށް ރަގަޅު ފޮރިން ތިން ކުޅުންތެރިންވެސް ޓީމަށް ބޭނުންވޭ.” ސެންޓޭ ބުނެފައިވެ އެވެ.

2009 ވަނަ އަހަރު އޭވައިއެލް އިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ފުޓްބޯޅަ ކެރިއަރު ފެށި ސެންޓޭ ވަނީ މީގެ ކުރިން ވެލެންސިޔާ އަށްވެސް ކުޅެފައެވެ. ސެންޓޭ ނިއު އަށް ފުރަތަމަ ކުޅުނީ 2011 ވަަނަ އަހަރުއެވެ. އެއަށްފަހު 2012 ވަނަ އަހަރު އޭނާ ވިކްޓްރީ އިން ފެނިގެންދިޔައިރު އޭނާ ނިއުއަށް ދެވަނަ ފަހަރަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.